ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ރަން ތަށި އުފުލާލި ޕީއެސްޖީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެ ކުލަބުގެ ފަރިތަކުރުންތަކުގައި އަލުން ބައިވެރިވާން ފަށައިފިއެވެ.

މިދިޔަ މަހުގެ 18 ވަނަ ދުވަހު ވޯލްޑްކަޕް ނިންމާލުމަށްފަހު މެސީ އަވަދިނެތި އުޅުނީ ވޯލްޑްކަޕްގައި އާޖެންޓީނާއަށް ލިބުނު ފަހުރުވެރި ކާމިޔާބީ ފާހަގަކުރުމަށެވެ.

ޕީއެސްޖީގެ ފަރިތަކުރުންތަކަށް މެސީ ހާޒިރުވީ ބުދަ ދުވަހުގެ ވަގުތެއްގައެވެ. ވޯލްޑް ކަޕް ކާމިޔާބީ ފާހަގަކުރުމަށް ޕީއެސްޖީން މެސީ އަށް ޗުއްޓީއެއް ދިނެވެ. އެކަން ޕީއެސްޖީގެ ކޯޗު ކްރިސްޓޮފާ ގަލްޓިއޭ ވަނީ މީގެ ކުރިން ކަށަވަރުކޮށްދީފައެވެ. ވޯލްޑް ކަޕް ބްރޭކަށްފަހު ލީގުގައި ޕީއެސްޖީން ވަނީ މިހާތަނަށް ދެ މެޗު ކުޅެފައެވެ. މީގެ ކުރިން ގަލްޓިއޭ ވެސް ބުނީ މެސީ އެނބުރި ޓީމާ ގުޅުމުން ހޫނު މަރުހަބާއެއް ކިޔާނެ ކަމަށެވެ.

ބުދަ ދުވަހު މެސީ ވަނީ ޕީއެސްޖީގެ ޓްރެއިނިން ކޭމްޕަށް ހާޒިރުވެފައެވެ. އެއަށްފަހު މެސީ ވަނީ ޓީމުގެ ކުޅުންތެރިންނާ ވެސް ބައްދަލުކޮށްފައެވެ. ޓްރެއިނިން ގްރައުންޑަށް މެސީ ނިކުތުމުން ޕީއެސްޖީގެ ކުޅުންތެރިން ވަނީ މެސީ އަށް ގާޑް އޮފް އޮނާ އެއް ކުރިއަށްގެންގޮސްފައެވެ. އެއީ މެސީ އާޖެންޓީނާއާއެކު ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުންނެވެ. އެއަށްފަހު ޕީއެސްޖީގެ ޚާއްސަ އެވޯޑެއް ވެސް ވަނީ މެސީ އަށް ދީފައެވެ.

މެސީ އެނބުރި އައުމާއެކު ޕީއެސްޖީން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން އާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާނެއެވެ. ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ބުނީ މިއަދު ޕީއެސްޖީން އެއްބަސްވުން އާކުރުމަށް މެސީއާ ބައްދަލުކުރާނެއެވެ. ނަމަވެސް މި ހަފުތާގައި އަދި އާ ކޮންޓްރެކްޓުގައި ސޮއި ނުކުރާނެކަމަށް ވެސް ފަބްރީޒިއޯ ބުންޏެވެ.

މިދިޔަ މަހު މެސީ ވަނީ އޭނާ މިހާރު ކުޅޭ ކުލަބު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އައުކުރަން އަނގަބަހުން އެއްބަސްވެފައިވެފައެވެ.

ޕީއެސްޖީއާއެކު އެންމެފުރަތަމަ މެސީ ހެދި އެއްބަސްވުމުގެ މުއްދަތު ހަމަވާނީ މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން މެސީ އާ ކުރާނީ އެއް ސީޒަނުގެ މުއްދަކަށެވެ. ދެ އަހަރުގެ އެއްބަސްވުމެއްގައި މެސީ އެންމެ ފުރަތަމަ ޕީއެސްޖީއާ ގުޅުނުއިރު، އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުން ވާހަކަދައްކައިގެން އިތުރު އެއް އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެއެވެ.