ބަންގުލަދޭޝްގެ ޑާކާއިން:

ސާފް ސުޒުކީ ކަޕްގެ ސެމީ ފައިނަލުގައި ނޭޕަލް ނުކުންނާނީ ރާއްޖެ ބަލިކޮށް، ނޭޕާލް ފުޓްބޯޅައަށް ތާރީހީ ކާމިޔާބީއެއް ހޯދައިދިނުމަށް ކަމަށް ނޭޕާލްގެ ކޯޗު ބާލް ގޯޕާލް މަހާރްޖަން ބުނެފިއެވެ.

ގްރޫޕްގެ ފަހު މެޗުގައި ނޭޕާލުން ވަނީ އަމިއްލަ ގައުމުގައި ކުޅެމުންދިޔަ ބަންގުލަދޭޝްގެ މައްޗަށް ކުރި ހޯދައި، ގްރޫޕް އޭގެ އެއްވަނައިގެ ގޮތުގައި ސެމީގެ ޖާގައެއް ކަށަވަރުކޮށްފައެވެ. އެ މެޗަށް ނުކުތް އިރު، ނޭޕާލަށް އޮތީ މެޗުން މޮޅުވާން މަޖުބޫރުވެފައެވެ.

މާދަމާ ހަވީރު ރާއްޖެއާ ދެކޮޅަށް ކުޅޭ ސެމީގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ނޭޕާލްގެ ކޯޗު ބުނީ މީގެ ކުރިން ރާއްޖެ އަތުން މޮޅުވެފައިވާ ކަމަށާއި މާދަމާގެ މެޗަށް ނޭޕާލުން ނުކުންނާނީ ރާއްޖެ ބަލިކޮށް ފުރަތަމަ ފަހަރަށް ފައިނަލުން ޖާގަ ހޯދުމަށް ކަމަށެވެ.

ނޭޕާލްގެ ކޯޗު ބާލް ގޯޕަލް މަހާރްޖަން (ވ) -- ވަގުތު އިމޭޖާސް: އިބްރާހިމް ޝާބިލް

"އަހަރެމެން މީގެ ކުރިން 4-0ގެ ނަތީޖާއަކުން ރާއްޖެ ބަލިކުރިން. މީގެ ކުރިން ސެމީގައި އަހަރެމެން ރާއްޖެއާ ދެކޮޅަށް ނުކުތިން. އަހަރެން އުންމީދުކުރަނީ އެ މެޗުން މޮޅުވެ، ނޭޕާލް ފުޓްބޯޅައިގެ ތަރީހުގެ ތެރެއިން ޖާގައެއް ހޯދޭނެ ކަމަށް،" އޭނާ ބުންޏެވެ.

ނޭޕާލްގެ ކޯޗު ބުނީ ދުވަހަކަށްވުރެ ދުވަހެއް ކުޅުންތެރިން އިންޑިވިޖުއަލީ އަދި ޓީމެއްގެ ގޮތުގައި ދައްކާ ކުޅުން ރަނގަޅު ކުރަމުންދާ ކަމަށާއި ބަދަލު ކުޅުންތެރިންނަށް ފަސް މިނެޓު ލިބުނު ކަމުގައިވިޔަސް އެ ކުޅުންތެރިން ލަނޑު ޖެހުމަށް މަސައްކަތްކުރާ ކަމަށެވެ.

"ޓީމަށް އަހަރެން އިތުބާރުކުރަން. ރާއްޖެ ކޮޅަށް ލަނޑު ޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް. ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންގެ ކުޅުން ވެސް ވަރަށް ރަނގަޅުކޮށްފި. މިއީ ނޭޕާލްގެ ފުޓްބޯޅައިގެ ކުރިމަގަށް ވަރަށް ރަނގަޅު ކަމެއް،" އޭނާ ބުންޏެވެ.

ބަންގުލަދޭޝްގެ ބަންގަބަންދު ސްޓޭޑިއަމްގައި ކުޅޭ ސެމީގައި ރާއްޖެއާ ދެކޮޅަށް ނޭޕާލް ނުކުންނާނީ ރާއްޖޭގަޑިން މާދަމާ 15:00 ގައެވެ. އެ މެޗުން މޮޅުވާ ޓީމެއް މިމަހުގެ 15 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ނުކުންނަން ޖެހޭނީ އިންޑިއާއި ޕާކިސްތާން ބައްދަލުކުރާ ސެމީގެ ދެވަނަ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.