ގައުމީ ކޯޗު ކަމާ ކްރޮއޭޝިއާގެ ޕީޓާ ސެގަޓް ހަވާލުވީ މިދިޔަ މާޗު މަހުގައެވެ. އޭނާގެ ފުރަތަމަ ވާދަވެރި މެޗަކަށްވީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާއި ބޫޓާން ވާދަކުރި މެޗެވެ.

އެ މެޗުގެ ކުރިން ގައުމީ ޓީމުގެ އޭރުގެ ކެޕްޓަން، އަލީ އަޝްފާގު (ދަގަނޑޭ) ޕްރެސްއަށް ދާން އިންކާރު ކުރުމުން، ފިޔަވަޅު އެޅުމުގެ ގޮތުން ސެގަޓް އޭނާ ޓީމުން ބޭރު ކޮށްލިއެވެ. އެ ހިސާބުން ސެގަޓަށް ދިވެހި އެތަކެއް ސަޕޯޓަރުންނަކާއި މީޑިއާތަކެއްގެ ފާޑުކިޔުމާ ކުރިމަތިލާން ޖެހުނެވެ.

ސެގަޓް ދިން ޖަވާބަކީ އޭނާގެ ޓީމަކީ އުސޫލުތަކެއް ހިފަހައްޓާނެ ޓީމަކަށް ހަދާނެ ކަމަށާއި، ޒުވާން ޕްރޮފެޝަނަލް ޓީމެއް ބިނާކުރުމަށް މަސައްކަތް ފެށި ކަމަށެވެ. އޭނާގެ މަސައްކަތަކީ ދިވެހި ފުޓުބޯޅަ ކުރިއެރުވުން ކަމަށް ބުނި ނަމަވެސ،ް ދިވެހީންގެ ކަންބޮޑުވުމަކަށްވީ ގައުމު ދުށް އެންމެ ވަރުގަދަ ފުޓުބޯޅަ ޝަހުސިއްޔަތު، ދަގަނޑޭ ނުލާ އޭނާ ކުރިމަގަށް ކުރަހާ މަންޒަރެވެ.

ކޯޗާ ދަގަނޑޭއާ ދެމެދު މައްސަލަތަކެއް ޖެހި، ގައުމުގެ ފުޓުބޯޅަ ސަޕޯޓަރުންނަށްވެސް މާޔޫސީ ވަގުތެއްގައި ސާފް ޗެމްޕިއަންޝިޕަށް ސްކޮޑު އިއުލާންކޮށް، ދިވެހިންގެ އެންމެ ބޮޑު މުބާރާތަށް ސެގަޓް ނުކުތީ ޒުވާން ޓީމަކާ އެކުގައެވެ. ދަގަނޑޭ ނުލައެވެ. ދަގަނޑޭ ކުޅެން ބޭނުންވެފައި ހުއްޓާ އޭނާ ނުލާ ސްކޮޑު އިއުލާން ކުރުމަށްފަހު ސެގަޓް ބުނީ ޓީމަށް ބޭނުން ވަނީ ޒުވާން، އިހުލާސްތެރި، ޑިސިޕްލިން ރަނގަޅު، ގައުމަށް 100 ޕަސެންޓް ދޭނެ ކުޅުންތެރިން ކަމަށެވެ.

ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެހިސާބުން ގިނަ ބަޔަކު ދަގަނޑޭ ކިބައިން އެ ޝަރުތުތައް ފުރިހަމަ ނުވޭތޯ ސުވާލު އުފެއްދިއެވެ. ސެގަޓް ބުނީ ދަގަނޑޭއަށް ހެދުނު ގޯހަށް މާފަށް އެދުނު އިރު، ސާފަށް ޓީމު ހުށަހަޅާފައިވާ ކަމަށެވެ. ކޮންމެއަކަސް ދިވެހި ޓީމު ސާފަށް އައީ ތަޖުރިބާ މަދުކޮށެވެ. ޓީމަށް މީޑިއާ ބޮޑު ޕްރެޝަރެއް އޮތް އިރު، ރައްޔިތުންގެ ބޮޑެތި ފާޑުކިޔުންތަކެއްވެސް ކުރިމަތިވިއެވެ.

ގަތަރުގައި މަހެއްހާ ދުވަހު ކޭމްޕް ކުރުމަށްފަހު ރާއްޖެއިން މުބާރާތަށް އައި އިރު، އެކުވެރިކަމުގެ މެޗުތައް މަދުވުމުން ޓީމުގެ އަސްލު ކުުޅުން މާބޮޑަކަށް ނުފެނެއެވެ. ހާއްސަކޮށް، ދަގަނޑޭއާ ނުލާ ބޮޑު މުބާރާތަކަށް ނުކުންނަ އިރު، ޓީމުގެ ފަރާތުން ދިވެހީން ކަންތައްތަކަކަށް ޑިމާންޑު ކުރިއެވެ. ޓީމަށް ކާމިޔާބަށް އެދުމުގެ ބަދަލުގައި ބައެއް މީހުން ނާކާމިޔާބީއަށްވެސް އެދެމުން ދިޔައެވެ.

މި އަހަރުގެ ސާފް ސުޒުކީ ކަޕް ގްރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ދެ މެޗުން އެއްވެސް މެޗެއްގައި ގޯލެއް ޖެހިފައެއް ނުވެއެވެ. ލަންކާއާ ދެކޮޅަށް ކުޅެ ގޯލެއް ނުޖެހި އެއްވަރުވެގެން މެޗު ނިމުނު އިރު، އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖެ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ.

ގްރޫޕް ބީގައި ރާއްޖެއާއި ލަންކާ ހުރިހާ ގޮތަކުންވެސް ހަމަހަމަވުމުގެ ސަބަބުން ސެމީ ފައިނަލަށް ދާނެ ޓީމު ކަނޑައެޅީ ގުރުއަތުލައިގެންނެވެ. ގުރުއަތުން ހޮވި ރާއްޖެ ސެމީއަށް ދިއުން ގިނަ ރައްޔިތުން ސިފަކުރީ ލަދެއްގެ ގޮތުގައެވެ. ސަބަބަކީ މިއީ ފަހުގެ ތާރީހުގައި ރާއްޖެއިން ސާފެއްގައި ނެރުނު އެންމެ ދަށް ނަތީޖާއަށްވެސް ވާތީއެވެ.

ސާފް ސުޒުކީ ކަޕް 2018: ރާއްޖެ އަދި އިންޑިއާ ބައްދަލު ކުރި މެޗުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޓީމުގެ ކުޅުންވެސް އެންމެ އެދެވޭ ފެންވަރަށް ފެނިފައިނުވުމާއެކު ކޯޗު ސެގަޓަށް އަނެއްކާވެސް އިންތިހާއަށް ފާޑު ކިޔުން ބޮޑުވިއެވެ. މީޑިއާގެ ސުވާލުތަކެއް އޭނާއާ ކުރިމަތި ކުރުވިއެވެ. މާދަމާގެ މެޗާ ގުޅިގެން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ސެގަޓް ބުނީ ބައެއް ފަރާތްތަކުން ޓީމުގެ ކުޅުންތެރިނަށްވެސް ގުޅާ، ޓީމުގެ ކޯޗުކަމުން އޭނާ ވަކިކޮށް، އެސިސްޓެންޓް ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓޭ)އާ ޓީމު ހަވާލު ކުރަން ބުނެފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ފަދަ ވާހަކަތަކަކީ މި ދަނޑިވަޅުގައި ދައްކަން ޖެހޭނެ ވާހަކަތަކެއް ނޫން ކަމަށްވެސް ސެގަޓް ބުންޏެވެ.

"އަހަންނަކީ އަދިވެސް ގައުމީ ޓީމުގެ ކޯޗު. އިއްޔެ އަދި މިއަދުވެސް ވަރަށް މަޖާ ވާހަކަތަކެއް އަޑު އިވިއްޖެ. އެކަމަކު އެއީ މަޖާ ކަމެއް ނޫން. ގުޅާފަ އެބަ ބުނޭ ޝާކިއްޓޭއާ ޓީމު ހަވާލުކުރަނީއޭ. އަހަރެންގެ ކުޅުންތެރިންނަށް ގުޅާ އޮޅުވާލުންތައް އުފައްދަން މަސައްކަތް ކުރި. އަހަރެން މި ބުނަނީ، އަހަރެންގެ އާއިލާއަށް ގުޅުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެހެންވީމަ ހަމަޖެހިލަންވީ. މިއަދުވެސް މާދަމާވެސް ކޯޗަކަށް ހުންނާނީ އަހަރެން. އެފްއޭގެ ރައީސް ބައްސާމަކީ ރަނގަޅު ރައީސެއް. އަހަރެން އެ ވާހަކަތަކަށް ހާސްވާކަށް ނުޖެހޭ. އެންމެ ކަމެއް މުހިއްމީ. ސެމީގެ މެޗެއްގެ ކުރިން އަމިއްލަ ގައުމުގެ މީހުން އެ ގައުމެއްގެ ކުޅުންތެރިންނާ ކޯޗުންނާ ދޭތެރޭގައި ފުށުއަރާފަދަ ވާހަކަތަކެއް ދެއްކުމަކީ ރަނގަޅު ކަމެއް ނޫން. ރާއްޖޭގެ މީޑިއާއަށް ބުނެލަން. މުބާރާތުގެ ކުރިންވެސް ވަރަށް ބޮޑެތި ކަންތައްތަކެއް ވެގެން ދިޔަ. އެކަމަކު މާދަމާ އޮންނަ ސެމީފައިނަލްގެ ކުރިން ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ މުޅި ގައުމު އެކީއެކައްޗެއް ކިޔުން. އޮޅުވާލާނެ އެއްވެސް ވާހަކައެއް ނުދައްކާ،" ސެގަޓް ބުންޏެވެ.

ސެގަޓް އިތުރަށް ބުނީ އޭނާ އެދެނީ ކުޅުންތެރިން ނުތަވަސް ވާ ވަރުގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ކަމަށާއި، ޓީމު ކުޅޭނީ ދިވެހި ގައުމަށްޓަކައި ކަމަށެވެ. އަދި ޓީމަށް ކުޅުންތެރިން ނެގުމާ، ބަލިވުމާ ހުރިހާ ކަމެއްގެ ޒިންމާ ނަގާނީވެސް ސެގަޓް ކަމަށް އޭނާ ބުންޏެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ޕީޓާ ސެގަޓް --- ވަގުތު އިމޭޖްސް/ އިބްރާހީމް ޝާބިލް

ސެގަޓް ބުނީ މާދަމާގެ މެޗަކީ މުޅި ޓީމަށްވެސް ވަރަށް މުހިއްމު މެޗެއް ކަމަށާއި، ކުރިއަށް އޮތް ދެ އަހަރުގައިވެސް ރާއްޖޭގެ ޓީމުން ކުރިމަތިލާނެ އެންމެ މުހިއްމު މެޗު ކަމަށެވެ.

" ކޮންމެ ޓީމެއް މޮޅުވިޔަސް އިހުތިރާމް ކުރަން ޖެހޭނެ. މާދަމާގެ މެޗަކީ ކުރިއަށް އޮތް ދެ އަހަރުވެސް ރާއްޖޭގެ ޓީމުން ކުރިމަތިލާނެ އެންމެ މުހިއްމު މެޗު. އެހެންވެ މުހިއްމު މެޗެއް ކަމަށް މިބުނަނީ. ސްރީލަންކާ ކެޓީ ނަސީބު ދެރަކަމުން. އެކަމަކު މިހާރު އެކަމަކަށް ނޫން ވިސްނަނީ. ގައުމީ ޓީމު މުބާރާތަށް އައި އިރުވެސް އައީ ވަރަށް ގިނަ ކަންތައްތަކެއްގެ ތެރެއިން. ޓީމުގެ ކުޅުންވެސް ގްރޫޕް ސްޓޭޖުގައި ދަށް. އެކަމަކު ދެން އެހުރިހާ ކަމެއް ހަނދާން ނައްތާލަންވީ،" ސެގަޓް ބުންޏެވެ.

"ޓީމުގެ ކުޅުންތެރިން މިއަދު ހެނދުނުވެސް އަހަރެން ކައިރިއަށް އައިސް ދެއްކި ހިތްވަރު އެލޭ ވާހަކަ. މީޑިއާތަކުގައި ލިޔެފައި ހުންނަ ލިޔުންތަކުގެ ވާހަކަ. މުބާރާތުގެ ކުރިންވެސް ގިނަ ވާހަކަތަކެއް ދެއްކި. އަހަރެން ބުނިން އެވާހަކަތަކުގެ އަޑު ނާހަން. މީޑިއާ ކިޔާ އެއްޗަކަށް އަޅާނުލަން. ބައެއް މީޑިއާތަކުން ގައުމާ މެދު ނުވިސްނާ. އަމިއްލަ ވިސްނުމެއްގައި މަސައްކަތް ކުރަނީ. މީޑިއާއިން އަހަރެމެންނަށް ދޭންވީ ހިތްވަރު. މުބާރާތުގެ ތެރެއިން ފޯކަސް ގެއްލުވާ ނުލާ. އަހަރެން އެދޭ ވަރަށް ބޮޑު އެދުމެއް އެއީ،. މުބާރާތް ނިމުނީމަ ދެން ފާޑުކިޔާ. ސިޔާސީ ކަންކަމަށް ފޯކަސް އަނބުރާނުލާ. އަހަރެން އެފްއޭގެ ރައީސް ބައްސާމް ހިމާޔަތް ކުރާނަން. ސަބަބަކީ އެއީ އަހަރެންގެ ރައީސް. އޭނަ އަހަރެން ގެނައީ. އޭނާގެ މަގާމު އެހެން މީހަކު ބޭނުންވިޔަސް، އަހަރެން އޭނާ ބެހެއްޓުމަށް މަސައްކަތް ކުރާނަން. އަހަރެން ކުޅުންތެރިން ކައިރީގަވެސް ބުނިން ސެމީގެ ކުރިން އަހަރެމެންނާ ކުރަން ޖެހޭ ކަމެއް ނޫނޭ ފެޑަރޭޝަނާ އެހެން ބަޔަކާ ޖެހޭ މައްސަލަތަކަށް ވަނުމަކީ،" ސެގަޓް ބުންޏެވެ.

ސެގަޓް އިތުރަށް ބުނީ ބަޔަކު އޭނައާއި އެސިސްޓެންޓް ކޯޗު ޝާކިއްޓޭއާ ޖައްސަންވެސް މަސައްކަތްތަކެއް ކުރިކަމަށާއި، ޝާކިއްޓޭއަކީ އޭނާއަށް އެންމެ އިހުލާސްތެރި މީހާ ކަމަށެވެ. ޝާކިއްޓޭއަކީ ކުރިމަގު އޮތް ކޯޗެއް ކަމަށް ބުނަމުން ސެގަޓް ބުނީ އެފަދަ ވާހަކަތަކަކީ އޭނާއަށް ހިނި އަންނަ ކަހަލަ ވާހަކަތައް ކަމަށެވެ. ޝާކިއްޓޭއަކީ ޒުވާން ޓީމުތަކުގައި ނުވަ އަހަރު މަސައްކަތް ކޮށްފައިވާ ކޯޗެއް ނަމަވެސް، އަދި އޭނާވެސް ގައުމީ ޓީމުގެ ކޯޗުކަން ބޭނުން ނުވާ ކަމަށްވެސް ސެގަޓް ބުންޏެވެ.

ސެގަޓް ބުނީ މީޑިއާތަކުން ގައުމަށާއި ޓީމަށް ހެޔޮ އެދޭނަމަ މި ދަނޑިވަޅަކީ ގައުމު އެކުވެރި ކުރުވަން ޖެހޭ ވަގުތު ކަމަށާއި، ހާއްސަކޮށް ސެމީ ފައިނަލެއްގެ ކުރިން ޓީމު ބައިބައިވާ ފަދަ ކަންކަން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސެގަޓް އިތުރަށް ބުނީ މުބާރާތް ނިމުމުން އޭނާއަށް ބޭނުން ވަރަކަށް ފާޑުކިޔަންވީ ކަމަށާއި، އެހެން ނަމަވެސް މިހާރު ކުޅުންތެރިންނަށް އޮޅުން އަރާ އެއްވެސް ނުކުރުމަކީ އޭނާގެ އެދުން ކަމަށެވެ.

ނޭޕާލަށް މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ބަލިކުރެވިފައެއް ނުވެއެވެ. އެހެން ނަމަވެސް، ކުރިއާ އަޅާބަލާ އިރު، ނޭޕާލް ޓީމަށް ވަނީ ބަދަލުތަކެއް އައިސްފައެވެ. ހާއްސަކޮށް މި މުބާރާތުގައި އެޓީމުން ދަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ނޭޕާލާ ރާއްޖެ ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މާދަމާ 3:00ގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ މުހައްމަދު

    މިއީ ނޭޕާލް އަތުން ރާއްޖެ ބަލިވުމުގެ ރެކޯޑް ހަދާނެ ފަހަރު. ތިކޯޗާއިއެކު ރާއްޖެއަށް މޮޅެއް ލިބޭކަށް ނޭދެން. މުޅި ދިވެހި ފުޓްބޯޅަ މަތިން ފޫހިވެއްޖެ ކޯޗާއިހެދި.

  2. އެންޓޯނިއޯ

    ގައުމާއިމެދު ނުވިސްނަނީ މީޑިއާއެއްނޫނެވެ. ނުވިސްނަނީ ސެގަޓެވެ. ސެގަޓް ދަގަނޑޭ އާއިމެދު މާބޮޑަށް ޒާތީވީއެވ.ެ ދަގަނޑޭ އުމުރުން 33 ވެފައިވާ ވާހަކަ އަދި އެއުމުރުގެ ސްވިޑްންގެ އިބްރަހިމޮވިޗް ގައުމީ ޓީމުން ރިޓަޔަރކޮށްފައިވާ ވާހަކަ ދައްކާއިރު ކޯޗްހުރީ ހަމަހޭގައިބާއޭ އަޅުގަނޑު ހިތަށްއަރައެވެ. އިބްރަހިމޮވިޗް އަށް އަންނަމަހު ފުރޭނީ 37 އަހަރެވެ. ވީމާ އިބްރަހޮމޮވިޗް އާއި ދަގަނޑޭ އުމުރުގެގޮތުން އަޅާ ނުކިޔޭނެއެވެ.
    ކޯޗް ހަނދާންކުރަންވީ މިއަހަރުގެ ވޯލްޑްކަޕްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކޯޗުގެ ގައުމުކަމަށްވާ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗްކަމެވެ. އޭނައަށް މީގެ ދެދުވަސް ކުރިން އުމުރުން 33 އަހަރު ފުރުނީއެވެ. ވޯލްޑް ކަޕްގެ އިތުރުން ޔޫރަޕް ގެ މިއަހަރުގެ އެންމެ މޮޅު ކުޅުންޔެރިއާގެ މަގާމުވެސް އޭނާވަނީ ހޯދާފައެވެ. މިހާރު އޭނަގެ މިސްރާބު ހުރީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމް މިއަހަރު ހޯދުމެވެ. ޢޭނަޔާއި އެންމެ ގާތުން ވާދަކުރާ ޔޫރަޕް ގެ މިނިމުނު ސީޒަންގެ އެންމެ މޮޅު ފޯވާޑް ރޮނަލްޑޯ އަކީވެސް ވޯލްޑް ކަޕް ފެށުނުއިރުވެސް އުމުރުން 33 އަހަރުވެފައިވާ ކުޅުންތެރިއެކެވެ.
    ޢެކަމަކު އޭނަގެ ފޯމް ރަނގަޅުވީމަ އަދިވެސް އެހެރީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އުހުގައެވެ. ވީމާ ދަގަނޑޭ އެހާ ފޯމްގައި ހުއްޓާ އަދި ފަހަރުގައި އޭނަ ގައުމީ ޓީމަށް ރިޓަޔަރ ކުރުމުގެކުރިން ކުޅޭ އެންމެ ފަހު މުބާރާތައްވާއިރު ޝަރަފްވެރިކޮށް އޭނަގެ އިންޓަނެޝަނަލް ކެރިއަރ ނިންމަން ފުރުސަތު ނުދިނުމަކީ ކޯޗް ކުރި ވަރަށް ދަށު ދަރަޖައިގެ އަމަލެކެވެ. ޓީމް ބަލިވެއްޖެނަމަ ތިމަންނައޭ ޒިންމާ ނަގާނީ ދުލުކޮޅުން ބުނުން ފިޔަވާ ކޯޗަށްކުރެވޭނީ ކޮންކަމެއް ހެއްޔެވެ.