ޖަރުމަނު ބުންޑެސްލީގާގައި ރޭ ކުޅުނު މެޗުގެ ފަހުވަގުތު އާރްބީ ލީޕްޒިގު އަތުން ބަޔާން މިއުނިކް މޮޅުވި ލަނޑުޖަހައި ދިނުމަށްފަހު އެ ޓީމަށް ކުޅެމުން އަންނަ އިނގިރޭސި ކެޕްޓަން، ހެރީ ކޭން ލީގު ރޭހުގައި އުއްމީދު ކަނޑާނުލާނެ ކަމަށް ބުނެފިއެވެ.

ރޭގެ މެޗަކީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ބަޔާން މޮޅުވި ފުރަތަމަ ފަހަރެވެ. އަނެއް ދެ މެޗުން ވަނީ ބަލިވެފައެވެ.

ބަޔާންގެ އެލިއާންޒް އެރީނާގައި ރޭ ކުޅުނު މެޗުގައި ލީޕްޒިގުގެ ބެންޖަމިން ސެސްކޯގެ ގޯލުން އެ ޓީމު ލީޑްނަގާފައިވަނިކޮށް ބަޔާނުން ފަހަތުންއަރައި މޮޅުވިއިރު އެ ޓީމުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ކޭން އެވެ. މިއާއެކު، ލީގުގައި މިހާތަނަށް ކޭން ޖެހި ލަނޑުގެ އަދަދު ވަނީ 27 އަށް އަރާފައެވެ. އަދި މުޅި ސީޒަނުގައި އޭނާ ވަނީ 31 ލަނޑުޖަހައިފައެވެ.

ކޭން ބުނީ، މި ގޮތަށް މޮޅުވެ، ސީޒަން ނިމެންދެން އެ ރެކޯޑް ކުރިއަށްގެންދަން ޖެހޭ ކަމަށެވެ. އަދި މި މެޗުން މޮޅުވުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިފައިވާ ކަމަށް ވެސް ކޭން ބުންޏެވެ.

ލީގުގައި މިހާތަނަށް ކުޅުނު 23 މެޗަށްފަހު ބަޔާ ލެވަކޫސަން އެއްވަނައިގައި އޮތީ 61 ޕޮއިންޓް ހޯދައިގެންނެވެ. އޭގެ އަށް ޕޮއިންޓް ފަހަތުން ބަޔާން ދެވަނައިގައި އޮތްއިރު، ތިނެއްގައި އޮތް ވީއެފްބީ ސްޓުޓްގާޓަށް ލިބިފައިވަނީ 23 މެޗުން 47 ޕޮއިންޓެވެ. އޭގެ ހަ ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ ބޮރޫޝިއާ ޑޯޓްމަންޑެވެ.

ބަޔާން އަކީ މިދިޔަ 11 ސީޒަނުގައި ވެސް ޖަރުމަނު ލީގުގެ ޗެމްޕިއަނުންނަށް ވީ ހިނދު، މި ފަހަރުގެ ސީޒަނުގައި ޖަރުމަނު ސުޕަ ކަޕްގެ އިތުރުން ޖަރުމަން ކަޕުން އެ ޓީމުން ކަޓާފައިވާއިރު ލީގު ރޭހުގައި އަމިއްލަ ބާރު ވަނީ ގެއްލިފައެވެ. މިއާއެކު، މި ފަހަރުގެ ސީޒަނުގައި އެ ޓީމަށް ތަށްޓެއް ނުލިބި ނިންމާލުމުގެ ފުރުޞަތު ބޮޑުކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ލަފާކުރެއެވެ.