ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ގަވާއިދާއި ހިލާފަށް ވަޒަންވެރިވެގެން އުޅޭ އިސްރާއީލުގެ ޔަހޫދީން ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދޭތީ ޖަރުމަނުވިލާތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޖަރުމަނުވިލާތުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނުގެ ނައިބް ކުރިސްޓިއަން ވަގްނާ ބުނެފައިވަނީ މި ފަހުން ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް އާދަޔާ ހިލާފަށް އިތުރުވެފައިވާ ކަމަށާއި، މިއީ ޖަރުމަނުވިލާތުން ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

ޖަރުމަނުވިލާތުގެ ވެރި ރަށް ބާލިން ގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުމެއްގައި ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ ހުޅަނގު އައްސޭރީގައި ސުލްހަ ބެލެހެއްޓުމާއި އެތަނުގެ ވަޒަންވެރިންގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ އިސްރާއީލުގެ ޒިންމާ އެއް ކަމަށް ޖަރުމަނު ސަރުކާރުން ދެކޭ ކަމަށާއި، ނަމަވެސް އެކަން ކުރަން ވާނީ ވަކި އުސޫލެއްގެ މަތިން ކަމަށާއި، އެ މަރުހަލާގައި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެގެން ނުވާނެ ކަމަށެވެ.

ހުޅަނގު އައްސޭރީގައި ޔަހޫދީންނާއި ފަލަސްތީނުގެ ރައްޔިތުންނާއި ދެމެދު މައްސަލަ ބޮޑުވެ ހަމަނުޖެހުންތައް އިތުރުވެފައި ވަނީ ޔަހޫދީންގެ ފުރާވަރުގެ ކުއްޖެއް ގެއްލިގެން ހޯދަމުން ދަނިކޮށް އެކުއްޖާ މަރުވެފައި އޮތްވާ ފެނުމުންނެވެ. އަދި އޭގެ ފަހުން ޔަހޫދީން ވަނީ ހަތިޔާރާއި އެކީ ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ އަވަށް ތަކަށް ވަދެ ފަލަސްތީނުގެ ރައްޔިތުންގެ ގެދޮރަށް ހަމަލާދީ އެތައް ގެއްލުމެއް ދީފައެވެ.

ޔަހޫދީންގެ ޣައިރު ޤާނޫނީ ދައުލަތް އިސްރާއީލުން ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިތުރު ޔަހޫދީން ވަޒަންވެރި ކުރުމަށް އިސްރާއީލްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ޖަރުމަނުވިލާތުން ވަނީ ފާޑުކިޔާފައެވެ. ޖަރުމަނުވިލާތުން ދެކޭ ގޮތުގައި އިސްރާއީލުގެ މި ނިންމުމަކީ ފަލަސްތީނުގެ ބިމުގައި ދެ ދައުލަތް އުފެއްދުމަށް އެޅިގެންދާނެ ވަރަށް ބޮޑު ހުރަހެކެވެ.

ފަލަސްތީނުގެ ބިމުގައި ސުލްހަ ޤާއިމު ކުރެވޭނީ އެ ބިމުގައި ދެ ދައުލަތް އުފައްދައިގެން ކަމަށާއި އޭރުން މެދިއިރުމަތީގެ މަޝްރަހު މުޅިން ފިނިވެގެން ދާނެ ކަމަށް ޖަރުމަނުވިލާތުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ހިފާފައިވާ ބިމުގައި 300 އަށް ވުރެ ގިނަ އަވަށުގައި 700،000 ޔަހޫދީން ގަވާއިދާއި ހިލާފަށް މިހާރު ވެސް ދިރިއުޅެމުންދާ ކަމަށާއި ޔަހޫދީން ގިނައިން އުޅެމުންދަނީ ގުދުސް އާއި ވީ ފަޅީގައި ކަމަށް އަލް ޖަޒީރާ ނޫހުން މައުލޫމާތު ދެއެވެ.