ޣައްޒާ އަށް ޔަހޫދީން ދެމުންދާ ހަމަލާތަކާއި ދެކޮޅަށް ޔޫރަޕުގެ އެންމެ ބޮޑު ބާރު ޖަރުމަނުވިލާތުގެ ވެރި ރަށް ބާލިން ގައި މުޒާހަރާ ކުރަމުން އެބަދެއެވެ.

ފަލަސްތީނަށް ތާއީދުކޮށް ކުރަމުންދާ މި މުޒާހަރާގައި އެތައް ހާސް ބަޔަކު ވަނީ ބައިވެރިވެފައެވެ. މި ސުލްހަވެރި މުޒާހަރާގެ ބައިވެރިން ވަނީ ފަލަސްތީނުގެ ދިދަ ހިފައިގެން އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. އެ ގޮތުން "ފަލަސްތީން މިނިވަން ކުރޭ" އަދި " ޤަތުލް އާންމު ހުއްޓާލާ" ފަދަ ބަސްތައް ލިޔެފައިވާ ބެނާ ތައް ހިފައިގެން އެމީހުން ވަނީ މުޒާހަރާ ކޮށްފައެވެ.

މި މުޒާހަރާ ތެރޭގައި އެތައް ބަޔަކު ވަނީ ވާހަކަދައްކާ އެމީހުންގެ ޝުއޫރުތައް ފާޅުކޮށްފައެވެ. ޖަރުމަނުވިލާތަކީ ފަލަސްތީނާއި ދެކޮޅު ވިސްނުން ވަރަށް ބޮޑަށް ހަރުލާފައިވާ މުޖުތަމައެއް އޮންނަ ގައުމެކެވެ.

ޖަރުމަނުވިލާތުގެ ސަރުކާރުން އަދިވެސް އިސްރާއީލުގެ ހަމަލާތައް ކުށްވެރި ކޮށްފައެއް ނުވެއެވެ. ޖަރުމަނު ސަރުކާރުން ދަނީ އިސްރާއީލަށް ހަތިޔާރު ވިއްކާ އަސްކަރީ އެކި އެކި އެހީތައް ވެސް ދެމުންނެވެ. ޔަހޫދީންގެ ހަމަލާތައް ކުށްވެރި ނުކުރި ނަމަވެސް ޖަރުމަނުވިލާތުން ވެސް ވަނީ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާ އަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލާފައެވެ.

އދ ގެ ސަލާމަތީ މަޖިލީހުން ހަނގުރާމަ ހުއްޓާލުމަށް ޤަރާރު ފާސްކުރި ފަހުން ވެސް ޔަހޫދީން ދަނީ ޣައްޒާ އަށް މެދުނުކެނޑި ހަމަލާތައް ދެމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑި އިރުގެ ތެރޭގައި ޔަހޫދީން އުތުރު ޣައްޒާ އަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ކުށެއް ނެތް 76 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.