ފަލަސްތީނުގެ ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފަހްގައި ގަތުލު އާންމެއް ހިންގަން ތައްޔާރުވަމުންދާ ކަމުގެ އިންޒާރު އިސްރާއީލުގެ ދިފާއީ ވަޒީރު ދީފިއެވެ.
އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ބުނީ ރަފަހްގައި އަސްކަރީ ފިޔަވަޅު އެޅުމަކީ ވަރަށް އަވަހަށް ކުރެވޭނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން އެކަމަށް މުއްދަތެއް ދިނީ، އަޅުގަނޑުމެން ބޭނުންވީ ވީހާވެސް އަވަހަކަށް ޣައްޒާގައި ރަހީނުކޮށްފައި ތިބި މީހުން ދޫކޮށްލެވޭނެ ހާލަތަކަށް ދާން، އޮޕަރޭޝަނަލް ހަރަކާތްތައް ތަންކޮޅެއް ލަސްވެގެން - އެއީ ރަހީނުކޮށްފައި ތިބި މީހުން ތިބީ އުނދަގޫ ހާލަތެއްގައި ކަމަށްވާތީ، އެ މީހުން މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭތީ،". ޣައްޒާގެ މެދުތެރެއަށް ކުރި ދަތުރުގައި ވާހަކަ ދައްކަމުން އޭނާ ބުނެފައި ވެއެވެ.
އޭނާ ބުނީ ހަމާސް އިން ހަގީގަތުގައިވެސް އިސްރާއީލާއެ އެކު އެއްވެސް އެއްބަސްވުމަކަށް ތަބާވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމުގެ ބިރުވެރި ނިޝާންތައް ފާހަގަކުރެވޭ ކަަމަށެވެ.
"އޭގެ މާނައަކީ ކައިރި މުސްތަގުބަލެއްގައި ރަފާހައި މުޅި ޣައްޒާގައި ފިޔަވަޅު އެޅުން،". އޭނާ ބުނެފައި ވެއެވެ.
އިސްރާއީލުން މިހެން ބުނެފައިވާއިރު، ޣައްޒާގައި ހިނގަމުންދާ ހަނގުރާމަތައް ދާއިމީ ގޮތެއްގައި ނިމުމަކަށް ގެނައުމުގެ އެއްބަސްވުމަށް ހަމާސް އިން ތާއީދުކުރާކަމަށް އެތައް ފަހަރަކު ހަމާސް އިން ބުނެފައި ވެއެވެ.
ހަތް މަސް ދުވަސްވެފައިވާ ހަނގުރާމައިގެ ސަބަބުން ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ގާތްގަނޑަކަށް 1.5 މިލިއަން މީހުން ހިޔާވަހިކަން ހޯދަމުންދަނީ ރަފަހްގައެވެ.
އެތަނުގައި އަސްކަރީ އޮޕަރޭޝަނެއް ނުހިންގަން ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަށް އިންޒާރު ދީފައި ވެއެވެ.