ޖަރުމަނު ބުންޑެސްލީގާގައި ސްޓަގާޓާއި ދެކޮޅަށް ކުޅުނު މެޗު ފަހު ވަގުތު އެއްވަރުކޮށް، ލެވަކޫސަނުން ބަލިނުވެ ގާއިމުކުރަމުން އަންނަ ރިކޯޑް ދަމަހައްޓައިފިއެވެ.

ލެވަކޫސަންގެ އަމިއްލަ ދަނޑު، ބޭއެރީނާ ގައި ރޭ ކުޅުނެ މެޗު އެއްވަރުވެފައިވަނީ 2-2 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފު ފަށައިގެން 12 މިނެޓު ތެރޭ ސްޓަގާޓުން ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ލަނޑު މެޗުގެ 47 ވަނަ މިނެޓުގައި ކާމިޔާބު ކުރީ އެ ޓީމުގެ ޖާޒީ ނަމްބަރ 27 ކްރިސް ފުރިޗެވެ. އޭގެ 10 މިނެޓު ފަހުން އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ޖާޒީ ނަމްބަރ 26 ޑެނިޒް އުންޑޭވެ.

ސްޓަގާޓުން ދެ ލަނޑު ކާމިޔާބު ކުރި ފަހުން ލެވަކޫސަނުން ވަނީ ކުޅުމުގެ ތެރެއަށް ވަދެ މެޗުގެ ކުޅުން އިތުރަށް ރަނގަޅު ކޮށްފައެވެެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 61 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ. ގްރިމާލްޑޯގެ އެހީތެރި ކަމާއި އެކީ މި ލަނޑު ކާމިިޔާބު ކުރީ ލެވަކޫސަނުގެ ޖާޒީ ނަމްބަރ 21 އަމީން އަޑްލީއެވެ.

ފަހުވަގުތު މެޗު އެއްވަރުކޮށް, ލެވަކޫސަން ރިކޯޑާއި އެކު ކުރިއަށް -- ފޮޓޯ: ޓީއެންޓީ ސްޕޯރޓް

ލެވަކޫސަނުން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ވެސް ފަހު މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކުރީ ހިންކަޕީގެ އެހީތެރިކަމާއި އެކީ އެ ޓީމުގެ ޖާޒީ ނަމްބަރ 8 ރޮބާޓް އެންޑްރިޗެވެ.

އެ ޓީމުން ވަނީ މިދިޔަ ހަފްތާގައި ބްރޫޝިޔާ ޑޯޓުމަންޑާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް ފަހު ވަގުތު ލަނޑެއް ކާމިިޔާބުކޮށް މެޗު އެއްވަރުކޮށްފައެވެ. އަދި ޔޫރޮޕާ ލީގުގައި ވެސްޓް ހަމާއި ދެކޮޅަށް ވެސް ވަނީ ހަމަ ފަހުވަގުތު ލަނޑެއް ކާމިޔާބު ކޮށް މެޗު އެއްވަރުކޮށްފައެވެ.

ރޭގެ ނަތީޖާ އާއި އެކު ލެވަކޫސަނުން ގާއިމު ކުރަމުން އަންނަ ބަލި ނުވުމުގެ ސިލްސިލާ ރިކޯޑު އެ ޓީމުން ވަނީ ދަމަހައްޓާފައެވެ. އެ ޓީމުން 12 އޯގަސްޓު 2023 އިން ފެށިގެން އެއްވެސް މުބާރާތެއްގައި ބަލިނުވެ 46 މެޗު ވަނީ ކުޅެފައެވެ.

ބަޔާ ލެވަކޫސަނުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖަރުމަނު ލީގުގެ ތަށި އެ ޓީމުން މިހާރު ކަށަވަރުކޮށްފައިވާއިރު އެ ޓީމަށް ލީގުގައި ބާކީ އަދި ފަސް މެޗު އެބައޮތެވެ. މި ފަސް މެޗު ކާމިިޔާބުކޮށްގެން އެޓީމަށް އިތުރު ރިކޯޑެއް ގާއިމުކުރުމުގެ ފުރުސަތު އެބައޮތެވެ. އެއީ ޖަރުމަނު ލީގުގައި އެއްވެސް މެޗަކުން ބަލިނުވެ ލީގުގެ ތަށި އުފުލާލުމުގެ ފުރުސަތު އެ ޓީމަށް އޮތީމައެވެ.