ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު ލިވަޕޫލް އަށް މި ސީޒަނުގައި ކާމިޔާބު ކުރެވިދާނެ ކަމަށް އެ ޓީމަށް ކުޅެމުން އަންނަ މިސްރުގެ ވިންގާ މުހައްމަދު ސަލާހު ބުނެފިއެވެ.

ލިވަޕޫލް އަށް ލީގު ކާމިޔާބު ނުކުރެވޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު އެ ކްލަބަށް ޗެމްޕިއަންސް ލީގު އެންމެފަހުން ކާމިޔާބު ކުރެވުނީ 2005 ވަނަ އަހަރުއެވެ. ނަމަވެސް ލިވަޕޫލް އިން ވަނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ކުޅެފައެވެ. ފައިނަލްގައި ރެއާލް މެޑްރިޑާއި ބައްދަލުކުރިއިރު އެ މެޗުން ލިވަޕޫލް ވަނީ 1-3 އިން ބަލިވެފައެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުގައި ކުޅުނު ފުރަތަމަ ފަސް މެޗުން ލިވަޕޫލް މޮޅުވެފައިވާއިރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ލިވަޕޫލް މިރޭ ޕީއެސްޖީއާ ދެކޮޅަށް ނިކުންނާނެއެވެ.

މި މެޗުގެ ކުރިން ފްރާންސްގެ ކުޅިވަރު ނޫހެއް ކަމަށްވާ "ފްރާންސް ފުޓްބޯލް" އަށް ދިން އިންޓަވިއުއެއްގައި ސަލާހު ބުނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ލިވަޕޫލް ދަތުރުކުރީ އެ މުބާރާތުގެ ތަށްޓަށް ވާދަކުރި ޓީމުތަކާއި ދެކޮޅަށް ކުޅެ ކަމަށާއި އެކަން މި ސީޒަނުގައި ވެސް ތަކުރާރު ކުރެވޭނެ ކަމާމެދު އެއްގޮތަކަށް ވެސް ޝައްކު ނުކުރާ ކަމަށެވެ.

"ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަހަރުމެންނަށް ކާމިޔާބު ކުރެވިދާނެ. އަހަރުމެން އަމިއްލަ އަށް ޕްރެޝަރެއްގެ ތެރެއަށް ވެއްޓި ގަންނާކަށް ބޭނުމެއް ނޫން. އެކަމަކު ކޮންމެ ކަމަކީ ވެސް ހަމަ ކުރެވިދާނެ ކަމެއް" ޕްރިމިއާ ލީގުގެ ރަން ބޫޓު މިދިޔަ ސީޒަނުގައި ހޯދި ސަލާހު ބުންޏެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ލިވަޕޫލް ނިކުންނައިރު ސަލާހު ބުނީ ޕީއެސްޖީ އަކީ މޮޅެތި ކުޅުންތެރިން ހިމެނޭ މޮޅު ޓީމެއް ކަމަށާއި އެޓީމާ ދެކޮޅަށް ކުޅެން ޝައުގުވެރިވެފައި ހުރި ކަމަށެވެ.

"ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗަކީ ވަރަށް ފޯރިގަދަ އަދި ވަރަށް ވާދަވެރި މެޗަކަށް ވާނެ ކަމަށް މި ބަލަނީ. އެ މެޗަށް އަހަރެން ވަރަށް އެބަ އިންތިޒާރު ކުރަން" ސަލާހު ބުންޏެވެ.

ލިވަޕޫލް އާއި ޕީއެސްޖީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12 ޖަހާއިރުއެވެ.