ރެއާލް މެޑްރިޑްގެ ޖޫޑް ބެލިންގަމަކީ ވަރަށް އާދަޔާ ހިލާފަށް މޮޅު، ޕްރެޝަރު 'ހޭންޑަލް' ކުރަން މޮޅު ކުޅުންތެރިއެއް ކަމަށް ބުނެ ބަޔާނުގެ ކޯޗު ތޯމަސް ޓުޗެލް، ބެލިންގަމަށް ތައުރީފުކޮށްފިއެވެ.

މިރޭ ކުޅުމަށް ހަމަޖެހިފައިވާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ޖަރުމަންގެ ބަޔާން މިއުނިކާއި ސްޕެއިންގެ ރެއާލް މެޑްރިޑް ބައްދަލު ކުރާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓުޗެލް ބުނީ ބެލިންގަމަކީ ބުންޑަސްލީގާގައި އޭނާ ޑޯޓުމަންޑަށް ކުޅުނު އިރުވެސް ތަފާތު ދައްކަމުން އައި ކުޅުންތެރިއެއް ކަމަށާއި މޮޅު ވުމުގެ މެންޓާލިޓީ ހުރި ކުޅުންތެރިއެއް ކަމަށެވެ. އަދި ބެލިންގަމަކީ ޕްރެޝަރު 'ހޭންޑަލް' ކުރަން ދަންނަ ކުޅުންތެރިއެއް ކަމަށް އޭނާ ބުނެފައިވެއެވެ.

"ރެއާލް މެޑްރިޑަށް ކުޅޭ ކޮންމެ ކުޅުންތެރިއަކަށްވެސް ޓީމު ތެރެއިންނާ ދަނޑު ބޭރުން ވަރަށް ޕްރެޝަރުތައް ހުންނާނެ. ނަމަވެސް ބެލިންގަމަކީ އެ ޕްރެޝަރުތައް އެންމެ ރަނގަޅަށް ހޭންޑަލް ކުރާ، އެ ޓީމުގައި އެންމެ ތަފާތު ދައްކާ ކުޅުންތެރިޔާ. އެހެން ވީމާ އޭނާ ހުއްޓުވާނެ ގޮތްތަކެއް އަހަރެން ހޯދަން އެބަ ޖެހޭ"

ޓުޗެލް ބުނީ ރެއާލް މެޑްރިޑް ފަދަ ޓީމަކަށް ކުޅޭ އިރު ވަރަށް ބައިވަރު ޕްރެޝަރުތައް އަންނާނެ ކަމަށާއި ބެލިންގަމަކީ އެ ހުރިހާ ކަމަކުން ސަލަމާތްވާން އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި އެ ޓީމުގެ މައި ތަނބަކީ ބެލިންގަމް ކަމަށެވެ. އެހެން ކަމުން އެންމެ ބޮޑު ސަމާލު ކަމެއް ދޭނީ އޭނާ ހުއްޓުވުމަށް ކަމަށް ޓުޗެލް ވަނީ ބުނެފައެވެ.

އެފްސީ ބަޔާން މިއުނިކް ގެ ކޯޗު ތީމަސް ޓުޗެލް -- ފޮޓޯ: ރޮއިޓާސް

މިރޭ ކުޅޭ ސެމީ ފައިނަލުގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ބަޔާނުގެ ދަނޑުގައެވެ. އެހެން ކަމުން 'ހޯމް އެޑްވާންޓެޖް' މިރޭ ބަޔާނަށް އޮންނާނެއެވެ.

މިއީ ބަޔާނުން 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ކާމިިޔާބު ކުރި ފަހުން އެ ޓީމު މި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ފުރަތަމަ ފަހަރެވެ. މީގެ އަނެއް ކޮޅަށް ބަލާއިރު މިއީ ރެއާލް މެޑްރިޑް މި މުބާރާތުގެ ސެމީ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ހަތަރު ވަނަ ފަހަރެވެ. އެހެން ކަމުން ތަޖުރިބާ އަށް ބަލާއިރު ރެއާލަށް ފައިދާ ބޮޑު ނަމަވެސް ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ރެއާލާއި އެއްވަރަށް ހުނަރުވެރި މޮޅު ކުޅުންތެރިން ތަކެއް ބަޔާނުގައިވެސް އެބަތިއްބެވެ.

މިފަހަރުގެ ބުންޑަސް ލީގާގައި ބަޔާނަށް ލިބެނީ ލީގުގެ ދެވަނައެވެ. އެހެންކަމުން ޗެމްޕިއަންސް ލީގުގެ ތައްޓަކީ މި ސީޒަނުގައި ބަޔާނުގެ ކޯޗު ތޯމަސް ޓުޗެލް އަށް ވަރަށް މުހިއްމު ވާނެ ތައްޓެކެވެ.

ރެއާލް މެޑްރިޑަށް މިފަހަރުގެ ލަލީގާގެ ތަށި ލިބޭ އިރު ރެއާލަކީ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން މި މުބާރާތް 14 ފަހަރު ކާމިިޔާބުކޮށްފައިވެއެވެ. އެ ޓީމުން އެންމެ ފަހުން މި ތަށި ހޯދީ 2022 ވަނަ އަހަރުއެވެ. އަދި މިދިޔަ އަހަރު އެ ޓީމުން ވަނީ ސެމީ ފައިނަލުގައި މެންޗެސްޓަރ ސިޓީ އަތުން ބަލިވެފައެވެ.