އިނގިރޭސި ޗެމްޕިއަންޝިޕުގައި ޕްރެސްޓަން ނޯތުގެ މައްޗަށް 3-0 އިން ކުރި ހޯދާ މުބާރާތުގެ ޗެމްޕިއަންކަން ލެސްޓަރ ސިޓީން ކަށަވަރުކޮށްފިއެވެ.

ރޭގެ މެޗުގައި ލެސްޓަރ ސިޓީއަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖެމީ ވާޑީ ވަނީ ކޮންމެ ހާފެއްގައި ލަނޑެއް ކާމިިޔާބުކޮށްދީފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 36 ވަނަ މިނެޓުގައި އޭނާ ފުރަތަމަ ލަނޑު ކާމިޔާބު ކުރިއިރު ދެވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކުރިއެވެ.

ލެސްޓަރ ސިޓީގެ ތިންވަނަ ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ މެކެޓީ އެވެ. މި ލަނޑު އޭނާ ކާމިޔާބު ކުރީ ވަޓާވޫ ގެ އެހީތެރިކަމާއި އެކުއެވެ.

ރޭގެ މެޗުން ލިބުނު ތިން ޕޮއިންޓާއި އެކީ ލެސްޓަރ ސިޓީ އަށް މި ލީގުގެ ޗެމްޕިއަންކަން ކަށަވަރުވި އިރު ދެވަނައިގައި އޮތް ލީޑްސް ޔުނައިޓަޑާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގު ނިމެން ބާކީ އޮތީ އެންމެ މެޗެކެވެ. އެހެން ކަމަށް ލީގު ތާވަލަށް ދެން މާ ބޮޑު ބަދަލެއް ނާންނާނެއެވެ. ދެވަނައިގައި އޮތް ލީޑްސް ޔުނައިޓަޑާއި ތިންވަނައިގައި އޮތް އިޕްސްވިޗާއި ޕޮއިންޓުގެ ގޮތުން އެއްވަރުވާ އިރު ލީޑްސް އިން އިތުރަށް އެއް މެޗު ކުޅެފައިވެއެވެ. އެހެން ކަމުން މި ދެ ޓީމުގެ ދެމެދުގައި ބަދަލެއް އައުމަކީ އެކަށީގެން ވާ ކަމެކެވެ.

އިނގިރޭސި ޗެމްޕިއަންޝިޕުގެ ތަށި ލެސްޓަރ ސިޓީ އަށް -- ފޮޓޯ: ރޮއިޓާސް

އިނގިރޭސި ޗެމްޕިއަންޝިޕުގެ އެއްވަނަ އަދި ދެވަނަ އަށް ދާ ދެ ޓީމު އޮޓޯ އިން އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފަައިވާނެއެވެ. ތިންވަނަ، ހަތަރުވަނަ، ފަސްވަނަ އަދި ހަވަނައަށް ދާ ހަތަރު ޓީމުގެ މެދުގައި ޕްލޭ އޮފް ކުޅެ މޮޅުވާ ޓީމަކަށް ވެސް ޕްރިމިއާ ލީގުން ފުރުސަތު ލިބިގެންދާނެއެވެ.

ލެސްޓަރ ސިޓީ އިނގިރޭސި ޕްރިމިއާ ލީގުން ރެލެގޭޓުވެފައިވަނީ މިދިޔަ ސީޒަނުގައެވެ. އެ ސީޒަނުގައި އެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ދިޔަ ނަމަވެސް މި ސީޒަނުގައި އެ ޓީމުން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ލެސްޓަރ ސިޓީ އިނގިރޭސި ޕްރިމިއާ ލީގަށް ފުރަތަމަ ޕްރޮމޯޓު ވެފައިވަނީ 2014 ވަނަ އަހަރުއެވެ. އޭގެ 10 އަހަރު ފަހުން އަނެއްކާ ވެސް އެ ޓީމުން މި ވަނީ އަލުން އެނބުރި ޕްރިމިއާ ލީގުން ޖާގަ ހޯދާފައެވެ.

2014 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިވި ލެސްޓަރ ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާ 2016 ވަނަ އަހަރު އިނގިރޭސި ފުޓުބޯޅައިގެ ރަސްކަމަށް އައިސްފައެވެ. މީގެ އިތުރުން އެ ޓީމުން ވަނީ 2019 ވަނަ އަހަރު އިނގިރޭސި އެފްއޭ ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކކކކ

    ލެއިސްޓަރ އެެއް ނޫން ކިޔަނީ، ލެސްޓަރ ކިޔަނީ.