ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ބަޔާން މިއުނިކް އާއި ރިއަލް މެޑްރިޑް ބައްދަލުކުރި މެޗު 2-2 ގެ ނަތިޖާއަކުން އެއްވަރު ވެއްޖެއެވެ.

ބަޔާންގެ ދަނޑު އެލިއަންޒް އެރީނާގައި ކުޅުނު މި މެޗުގައި ފުރަތަމަ ގޯލު ޖަހައިި ކުރި ހޯދާފައިވަނީ ރިއަލް މެޑްރިޑް އިންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި ޓޯނީ ކްރޫޒް ދުރުން ފޮނުވާލި ތުރޫޕާހެއް ކޮންޓްރޯލު ވެސް ނުކޮށް ގޯލާ ދިމާލަށް ފޮނުވާލައިގެން އެ ގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އިތުބާރު ފޯވާޑް ވިނިޝިއަސް ޖޫނިއާއެވެ.

ދެ ޓީމުގެ ފަރާތުންވެސްވެސް ނުރައްކާތެރި ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލި އެ މެޗުގެ ފުތަރަމަ ހާފު ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުން ރިއަލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

ސެމީ ފައިނަލްގެ ފުރަތަމަ ލެގްގައި ޖަރުމަނުގައި ކުޅުނު އެ މެޗުގެ ދެވަނަ ހާފު ފަށައިގެން ފެނުނީ ބަޔާން މިއުނިކްއިން އެ ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް ރިއަލް މެޑްރިޑްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. ނަތީޖާ އެއްގެ ގޮތުން މެޗުގެ 53 ވަނަ މިނެޓުގައި ކޮންރެޑް ލައިނާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލެރޯއީ ސާނޭއެވެ. ސާނޭ އެ ގޯލު ކާމިޔާބު ކުރީ ރެއާލްގެ ޑިފެންޑަރެއް ކައިރިން ނައްޓާލައިފައި އޭރިއާ ތެރެއަށް ވަދެ ބާރު ޝޮޓެއް ކީޕަރުގެ ކައިރި ކަނަށް ފޮނުވާލައިގެންނެވެ.

ބަޔާން މިއުނިކްގެ އެ ޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި މޮޅު ކުޅުމެއް ކުޅުނު ޖަމާލް މުސިއާލާ ވަނީ މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމަށް ޕެނަލްޓީއެއް ހޯދަދީފައެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ އިތުބާރު ފޯވާޑް އިނގިރޭސި ވިލާތައް އުފަން ހެރީ ކޭން އެވެ.

ބަޔާން މިއުނިކްއިން މި މެޗުގައި ލީޑު ނެގިނަމަވެސް 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ރިއަލް މެޑްރިޑުން ވަނީ މެޗު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްދީގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމަށް ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ވިނިޝިއަސް ޖޫނިއާއެވެ. އެ ގޯލާއިއެކު މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާ އަކުން ދެ ޓީމު އެއްވަރު ވެގެންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގު ސެމީ ފައިނަލްގެ ދެވަނަ ލެގުގައި އެ ދެ ޓީމު ދެން ވާދަކުރާ މެޗު ކުޅެވޭނީ ސްޕެއިންގެ ރިއަލް މެޑްރިޑްގެ ދަނޑު ސެންޓިއާގޯ ބާނެބޫގައެވެ. އެ މެޗު ކާމިޔާބު ކުރާ ޓީމަކަށް ޗެމްޕިއަންސް ލީގުގެ ފައިނަލްގެ ޖާގަ ކަށަވަރުވެގެން ދާނެއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގެ ފުރަތަމަ ލެގް މިރޭ ކުޅޭނެއެވެ. މި މެޗުގައި ބައްދަލު ކުރާނީ ޖަރުމަނުގެ ބުރޫޝިއާ ޑޯޓްމަންޑް އާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އެވެ. ޑޯޓްމަންޑްގެ އަމިއްލަ ދަނޑު ސިގްނާލް އިޑޫނާ ޕާކްގައި ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން 12:00 ގައެވެ.