ޗެމްޕިއަންސް ލީގުގައި ރޭ ވެލެންސިޔާގެ މައްޗަށް 2-0 އިން ޔުވެންޓަސް އިން ކުރި ހޯދިއިރު، އެޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރަތްކާޑު ދައްކައިފިއެވެ.

ވެލެންސިޔާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ޔުވެންޓަސްގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މެޗުގެ ކުރީކޮޅު އެޓީމުގެ ސެމީ ކެދީރާ އަދި މާރިއޯ މަންޒުކިޗް އަށް ވަނީ ލީޑު ނަގާނެ ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މި ދެ ފުރުސަތަށްފަހު ވެސް ލީޑު ނަގަން ޔުވެންޓަސް އިން މަސައްކަތް ކުރަމުން ދަނިކޮށް އެޓީމަށް މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 29 ވަނަ މިނެޓްގައި އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ރޮނާލްޑޯ އަށް ރަތްކާޑު ދެއްކުމުންނެވެ. ރޮނާލްޑޯ އަށް ރަތްކާޑު ދައްކާފައިވަނީ ބޯޅަ ނެތީސް ވެލެންސިޔާގެ ކުޅުންތެރިއަކަށް ހަމަލާދިން ކަމަށް ބުނެއެވެ. މިއީ ޗެމްޕިއަންސް ލީގުގެ މެޗެއްގައި ރޮނާލްޑޯ އަށް ރަތްކާޑު ދެއްކި ފުރަތަމަ ފަހަރެވެ.

ރަތްކާޑު ދެއްކުމުން ރޮނާލްޑޯ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންދިޔައިރު އޭނާ ދަނޑުން ފޭބީ ރޮމުންކަން ފާހަގަކޮށްލެވެއެވެ.

10 ކުޅުންތެރިންނާ އެކު މެޗުގެ ބޮޑުބައި ޔުވެންޓަސް އިން ފުރިހަމަކުރަން ޖެހުނުއިރު ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ލިބުނު ޕެނަލްޓީ އަކުން މިރާލެމް ޕިޔާނިޗް ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. މި ޕެނަލްޓީ ޔުވެންޓަސް އަށް ލިބުނީ ޔުވެންޓަސްގެ ކަންސެލޯ އަށް ވެލެންސިޔާގެ ކެޕްޓަން ޕަރޭހޯ ކުރި ފައުލަކާ ގުޅިގެންނެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޔުވެންޓަސް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އެޓީމަށް ވަނީ އިތުރު ޕެނަލްޓީ އެއް ލިބިގެން ގޮސްފައެވެ. މި ޕެނަލްޓީ ވެސް ކާމިޔާބުކޮށް ޔުވެންޓަސްގެ ލީޑު ފުޅާކޮށްދިނީ އެޓީމުގެ މިޑްފީލްޑަރު ޕިޔާނިޗްއެވެ. މި ގޯލަށްފަހު ވެސް މި ހާފުގައި އިތުރު ފުރުސަތުތަކެއް ޔުވެންޓަސް އިން ތަނަވަސް ކުރިއިރު މެޗުގެ ފަހު މިނެޓްގައި ވެލެންސިޔާ އަށް ވެސް ޕެނަލްޓީއެއް ލިބިފައިވެއެވެ. ނަމަވެސް ޕަރޭހޯ ފޮނުވާލި އެ ޕެނަލްޓީ ޔުވެންޓަސްގެ ކީޕަރު ޝެޒްނީ ވަނީ ދިފާއުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް ހިމެނެނީ ގްރޫޕް އެޗްގައި ކަމަށްވާއިރު، މި ގްރޫޕްގައި ވެލެންސިޔާގެ އިތުރުން ދެން ހިމެނެނީ މެންޗެސްޓަރ ޔުނައިޓެޑާއި ޔަންގް ބޯއީސްއެވެ. މި ގްރޫޕްގައި ޔުވެންޓަސް ދެން ބައްދަކުރާނީ ޔަންގް ބޯއީސްއާއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކެހިކެހި

    ހޭރި ހޭރި ހޭރޭތި ކަލޭ....ނުހޭރި ހުރެގެނެއްް ނުވާނެ...އުހުން ހޭރޭށޭ ކަލޭ

  2. ޝިމާއު މާއު

    ރޮނާލްޑޯ މުސްލިމްވި ވާހަކަ އަޑު އެހިން....އަނެއްކަ އެއީ ތެދެއްތަ؟؟؟މަށަކަށް ޤަބޫލެއްް ނުކުރޭވޭ