ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އިސްމާއީލް އީސަ (މެސީ) ހެދި ހެޓްރިކާއެކު މާޒިޔާ ސްޕޯޓްސް ކްލަބު އެންޑް ރެކްރިއޭޝަން ކްލަބުން، ބޮޑު ތަފާތަކުން ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 5-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މެޗުގައި މާޒިޔާއިން ޖެހި ފަސް ގޯލްވެސް ޖެހޭ ފުރަތަމަ ހާފްގައެވެ.

މިރޭގެ މެޗަށް ނުކުތް އިރު، ވިކްޓަރީ އޮތީ އުނދަގޫ ހާލަތެއްގައެވެ. ކްލަބަށް ކުރިމަތިވެފައިވާ އެކިއެކި އުނދަގޫތަކާއެކު މިރޭ އެޓީމުގެ ސްކޮޑުންވެސް އެތަން ދެއްކިއެވެ. ހާއްސަކޮށް ޓީމަށް އިރުޝާދު ދެމުން ދިޔަ، ލާޒްލޯ ކިސްވެސް މިރޭ ބެންޗުން ފެނިފައެއް ނުވެއެވެ.

މާޒިޔާއިން މިރޭގެ މެޗަށް ބައެއް ސީނިއާ ކުޅުންތެރިންނަށް ރެސްޓް ދީފައިވާ އިރު، މިރޭގެ މެޗުގެ ދެވަނަ ހާފްގައި ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ވަނީ އޭނާއަށް ލިބުނު ސީރިއަސް އަނިޔާއިން ރިކަވާ ވެ، ކުޅުމަށް އެނބުރި ނުކުމެފައެވެ. އެންޑީގެ ކަކުލަށް އަނިޔާވެފައި ވަނީ މިދިޔަ އަހަރު ނޮވެންބަރު މަހު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް މާޒިޔާއިން ކުޅުނު މެޗެއްގައެވެ. ކަކުލަށް ލިބުނު އަނިޔާއިން ސަލާމަތްވުމަށް އެންޑީ ވަނީ ސާޖަރީވެސް ހަދާފައެވެ.

މާޒިޔާއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މިރޭގެ މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޑޮމިނޭޓްކޮށް ކުޅެމުން ދިޔައީ މާޒިޔާއިންނެވެ. އެ ޓީމުން ވަނީ ރަނގަޅު އެޓޭކްތަކެއް އުފައްދާ މެޗު ޑޮމިނޭޓް ކޮށްފައެވެ. މެޗުގެ ނުވަ ވަނަ މިނެޓުގައި އީސަގެ ގޯލާއެކު މާޒިޔާއިން ލީޑު ނަގާފައިވާ އިރު، މެޗުގެ 29 ވަނަ މިނެޓުގައި ކޯނެލިއަސް ސްޓެވާޓް ވަނީ މާޒިޔާއަށް ލީޑު ފުޅާކޮށްދީފައެވެ.

ދެ ގޯލްގެ ލީޑަކަށްފަހުވެސް މޮޅަށް ކުޅުުމުންދިޔަ މާޒިޔާއިން ހާފް ނިމުމުގެ ކުރިން އިތުރު ތިން ގޯލް ޖެހިއެވެ. އޭގެ ތެރެއިން އީސަ ދެ ގޯލް ޖެހި އިރު، ނާއިޒް ހަސަން (ދާދު)ވެސް ވަނީ މާޒިޔާއަށް ގޯލް ޖަހައިދީފައެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ ބޮޑު ލީޑެއްގައި ފުރަތަމަ ހާފް ނިންމާލި މާޒިޔާއިންނެވެ. ޑޮމިނޭޓްކޮށް އެޓޭކް އަކަށްފަހު އެޓޭކެއް މާޒިޔާއިން އުފައްދަމުން ދިޔަ އިރު، 58 ވަނަ މިނެޓުގައި ކޯނެލިއަސްއަށް ވަނީ ގޯލް ޖަހާނެ ހުސް ފުރުސަތެއް ލިބިގެން ގޮސްފައެވެ. އަރިމަތިން ވަދެ، ދާދު ނަގައިދިން ހުރަސް، ކޯނެލިއަސް ހުސްކޮށް އޮވެ، ހަމަޖެހިލައިގެން ފޮނުވާލި ނަމަވެސް ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.

އޭގެ މިނެޓެއް ފަހުން ދާދުގެ ނުރައްކާ އަނެއްކާވެސް ފެނިގެން ދިޔައެވެ. އޭރިއާ ބޭރުން އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ފުރަތަމަ ހާފްއެކޭ އެއްގޮތަށް މާޒިޔާއިން އެންމެ ތަންކޮޅެއްވެސް ދުލެއް ނުދެއެވެ.

ބަލިކޮށް ފެނުނު ވިކްޓަރީ ކައިރިން ހަމަލާއަކަށްފަހު ހަމަލާއެއް އުފައްދަމުން ދިޔައެވެ. މާޒިޔާގެ ފޯވަޑް ލައިން ހުއްޓުމަށް ވިކްޓަރީގެ ޑިފެންސަށް އަލިމަގެއް ފެނިފައެއް ނުވެއެވެ. އެގޮތުން މެސީއާއި ޝަހާއުއަށް ލިބުނު ފުރުސަތުތައްވެސް ފާހަގަކޮށްލެވުނެވެ.

އޭރިއާ ތެރެއަށް ވަދެ މެސީ ތިރިތިރީން ފޮނުވާލި ބާރު ހަމަލާ ގޯލް ހުރަސްކޮށް ބޭރަށް ދިޔަ އިރު، ޝަހާއު ބޮލުން ފޮނުވާލި ހަމަލާވެސް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މެޗުގެ 67 ވަނަ މިނެޓުގައި ވިކްޓަރީގެ ހަމަލާއެއް ފެނިގެން ދިޔައެވެ. އަހުމަދު ރަޝީދު (އަންމަޑޭ)އަށް ލިބުނު ފުރުސަތުގައި އޭނާ ބޯޅަ ފޮނުވާލި ނަމަވެސް، ކުރިއަށް ޖެހި އެ ބޯޅަ ދިފާއުކުރީ މާޒިޔާގެ ގޯލް ބަލަހައްޓަމުން ދިޔަ އިޔާން އަބްދުލްރަޝީދެވެ.

މާޒިޔާއާއި ވިކްޓަރީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އޭގެ އިރުކޮޅެއް ފަހުން ހުސައިން ނިހާން (ނިހާޓް)ގެ ދުރު ހަމަލާއަކުންވެސް ވިކްޓަރީ ނުރައްކާ ކުރިއެވެ. އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ދަނޑިއާ އަމާޒުނުވެ ބޭރަށެވެ.

މިރޭގެ މެޗުން މޮޅުވެ، މާޒިޔާ ވަނީ ފަސް މެޗުން ހަތް ޕޮއިންޓާއެކު ތާވަލުގެ ހަތަރު ވަނައަށް ޖެހިލައިފައެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ މެޗު މާދަމާވެސް އޮންނާނެއެވެ. ހަވީރު 4:00ގައި އޮންނާނީ ނިއު ރޭޑިއަންޓާއި ޓީސީ ސްޕޯޓްސް ކްލަބު ވާދަކުރާ މެޗެވެ. މާދަމާ ރޭ 9:00ގައި އޮންނާނީ ށ. ފޯކައިދުއާއި ބ. ފެހެންދު ވާދަކުރާ މެޗެވެ.