ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު ބަލިކޮށް، ލީގު ތާވަލުގެ އެއްވަނައިގައި ޓީސީ ސްޕޯޓްސް ކްލަބު ހަމަޖެހިލައިފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ކުޅުނު ފޯރިގަދަ މެޗު ޓީސީން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް ނުކުތް އިރު، ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓާއެކު ޓީސީ އޮތީ އެއްވަނައިގައެވެ. ނިއު ދެވަނައިގައި 10 ޕޮއިންޓާއެކު އޮތް އިރު، މިއަދުގެ މެޗު ކާމިޔާބުކޮށް އެއްވަނައަށް އެރުމުގެ ފުރުސަތު އޮތެވެ. މިއަދުގެ މެޗުން ޓީސީ މޮޅުވުމާއެކު އެޓީމު މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 15 ޕޮއިންޓާއެކުގައެވެ.

ޓީސީ ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައިވާ އިރު، މާދަމާރޭ ގްރީން ސްޓްރީޓްސްއާއި އީގަލްސް ވާދަކުރާ މެޗުން ގްރީން މޮޅުވެއްޖެ ނަމަ، އެޓީމު ދެވަނައަށް ޖެހިލާނެއެވެ. އޭރުން ގްރީންއަށް ލިބޭނީ ފަސް މެޗުން 13 ޕޮއިންޓެވެ.

ހެންވޭރަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ ޓީސީއާއި ނިއު މިއަދު ކުޅުނު މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ފެނުނީ ފޯރިގަދަކޮށެވެ. ހާއްސަކޮށް ދެޓީމުންވެސް ހަމަލާތައް އުފެއްދި، ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗެއް ގޮތުގައި މިއަދުގެ މެޗު ފާހަގަކޮށްލެވުނެވެ.

ހަމަހަމަ ކުޅުމެއް ދެޓީމުންވެސް ފެނިގެން ދިޔަ އިރު، މިއަދުގެ މެޗަށް ނިއުއިން ނުކުތީ އެޓީމުގެ ބައެއް ސީނިއާ ކުޅުންތެރިން ކަމަށްވާ އަކުރަމް އަބްދުލްޣަނީ (އަކޫ)އާއި ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) އަދި ހަމްޒާ މުހައްމަދު (ހަމްޕު)، އަދި ރިލުވާން ވަހީދު (ރިލޭ)ވެސް ފުރަތަމަ 11ގައި ނުހިމަނަށެވެ. އޭގެ ތެރެއިން އިންމައާއި ރިލޭ މެޗު ސްކޮޑުގައިވެސް ނުހިމެނެއެވެ ހަމްޕު ވަނީ މެޗުގެ ފަހު ދިހަ މިނެޓުގައި ކުޅެން ނުކުމެފައެވެ. ސާފް ޗެމްޕިއަންޝިޕަށްފަހު އަކޫ ވަނީ ބެންޗުގައި ހިމަނާފައެވެ.

ސާފް ޗެމްޕިއަންޝިޕް ބްރޭކަށްފަހު ލީގު މެޗުތައް އިއްޔެ ފެށި އިރު، މިއަދުގެ މެޗަށް ޓީސީން ނެރުނު 11ގައި ރާއްޖޭގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) ހިމަނާފައެއް ނުވެއެވެ. އޭނާ ކުޅެން ނެރުނީ ފަހު ހާފްގައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ 16 ވަނަ މިނެޓުގައި ނިއުއިން ލީޑު ނެގުމާ ގާތަށް ޖެހިލިއެވެ. ނިއުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު، އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ހިލޭ ޖެހުން ނޭޕާލް ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ކުމާރު ދިފާއުކުރި އިރު، އެ ބޯޅައިގެ ރީބައުންސް ގޯލް ކައިރިން ފޮނުވާލީ ރުވާންޑާގެ ފޯވަޑް އަތޫރޭ ކިޕްސަންއެވެ. އޭނާގެ ބާރު ހަމަލާވެސް ދިފާއުކޮށް ބޭރުކޮށްލީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ކިރަންއެވެ.

އޭގެ ފަހުން ފެނުނީ ޓީސީގެ ނުރައްކާތެރި ދެ ހަމަލާއެވެ. ފުރަތަމަ ހަމަލާގައި، ލިބުނު ކޯނަރު، އޭރިއާ ތެރެއިން އިބްރާހީމް ވަހީދު (އިއްބެ) ބޮލުން ގޯލަށް ފޮނުވާލި އިރު، އެ ބޯޅަ ދިޔައީ ދަނޑީގައި ކޭތިލާފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ނަޝާހް އަހުމަދު ނަގައިދިން ހުރަސް، ނުރައްކާކޮށް ނިއުގެ ގޯލް ކުރިމަތިން ހުރަސްވެގެން ދިޔަ އިރު، އެ ބޯޅަ ދިފާއުކޮށް ބޭރުކޮށްލީ ޑިފެންޑަރު އަހުމަދު އަބްދުﷲ (ލިލީ) އެވެ.

މެޗުގެ 32 ވަނަ މިނެޓުގައި އަނެއްކާވެސް ކިރަންގެ މޮޅު ސޭވްއެއް ފެނިގެންދިޔައެވެ. އޭރިއާ ތެރެއިން ނިއުގެ އަމީރް ގުރުބާނީ ފޮނުވާލި ބާރު ހަމަލާވެސް އޭނާ ބޭރުކޮށްލިއެވެ. ހާފް ނިމުމުގެ ކުރިން އިތުރު ގިނަ ހަމަލާތަކެއް ފެނިގެން ދިޔައެވެ. ހާފްގެ ފަހުކޮޅުގައި ޓީސީގެ ނުރައްކާ ބޮޑަށް ފާހަގަކޮށްލެވުނެވެ. އޭރިއާ ވޭރުން އައްޒާމް އަބްދުﷲ ފޮނުވާލި ބާރު ހަމަލާ ބޭރަށް ދިޔަ ނަމަވެސް، ހާފްގެ ފަހު މިނެޓުގައި ޓީސީން ލީޑު ނެގިއެވެ. ނަޝާހް ދިން ތުރޫ ބޯޅަ ވަރަށް ރީތިކޮށް، ގޯލްގެ ކުޑަ ކަނުން އެތެރެކޮށްލީ އިޝާން އިބްރާހީމް (ސައްޓު) އެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފްވެސް ފެނުނީ ހަމަލާތައް ގިނަ، ފޯރިގަދަ ފުޓުބޯޅައެއް ފެނިގެންދިޔަ ހާފެއްގެ ގޮތުގައެވެ. ދެޓީމަށްވެސް ފުރުސަތުތައް ލިބިފައިވާ އިރު، އެއްވެސް ޓީމަކަށް ގޯލް ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ނިއުއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ.

ސެންޓޭ ނެގި ހުރަސް، އަމީރަށް ލިބުނު އިރު އޭނާ ހުސްކޮށް އޮތް ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެފަހުން ސެންޓޭއަށްވެސް ހަމަ އެކަހަލަ ފުރުސަތެއް ލިބުނެވެ. އޭނާ ފޮނުވާލި ބާރު ހަމަލާއަކުން ޓީސީ ސަލާމަތްކޮށްދިނީ ނޭޕާލް ގޯލްކީޕަރު ކިރަންއެވެ.

ފަހު ހާފްގައި ޓީސީގެ ދެ ހަމަލާއެއް ގޯލްގެ ދަނޑިއާވެސް އަމާޒުވެފައިވެއެވެ. އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ހަމަލާއެއްގެ އިތުރުން ކޯނަރަކަށް ކުރިއަށް އަރާ އަލާ ނަސްރު ބޮލުން ފޮނުވާލި ހަމަލާވެސް އަމާޒުވީ ގޯލްގެ ދަނޑިއަށެވެ. މެޗު ނިމެން ދަނިކޮށް ޓީސީއަށް ހަމަޖެހިލުމަށް ފަހި ފުރުސަތެއް ލިބިގެން ދިޔައެވެ. ފޭދޫ އިއްބެގެ ބޯޅައަށް ކުރިއަށް ގޮސް، ޑިފެންޑަރުވެސް ނައްޓާލުމަށްފަހު ދަގަނޑޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ނިއުރޭޑިއަންޓް ބައްދަލުކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މެޗުގެ ފަހު ދިހަ މިނެޓުގައި ނިއުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ)، ވަނީ ހަމްޕުވެސް ކުޅެން ނެރެފައެވެ. ހަމްޕުއަށް އޭރިއާ ރޮނގުކައިރިން ކުރި ފައުލަކާ ގުޅިގެން ނިއުއަށް މެޗުގެ ފަހު މިނެޓުގައި ހިލޭ ޖެހުމެއް ލިބިފައިވާ އިރު، ސެންޓޭ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ރީބައުންސްގައި ސޮލާ ފޮނުވާލި ބާރު ހަމަލާ ދިފާއުކުރީވެސް ކިރަންއެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ބައްދަލުކުރާނީ ބ. ފެހެންދުއާއި ށ. ފޯކައިދުއެވެ.