ޖަރުމަނު ލީގުގެ އެންމެ ކުރީގައި އޮތް ބަޔާން މިއުނިކު ލީގުގައި ފުރަތަމަ ފަހަރަށް ރޭ ބަލިވެއްޖެ އެވެ.

ބަޔާން ރޭ ބަލިވީ ހާތަ ބާލިންއާ ބައްދަލުކޮށް 2-0 އިންނެވެ.

މި މެޗުން ބަލިވި ނަމަވެސް 13 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައި އަދިވެސް އޮތީ ބަޔާންއެވެ. ދެވަނައިގައި އޮތް ހާތަ ބާލިންއަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ބަޔާން އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ހާތަ ބާލިންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު އެޓީމުން ކާމިޔާބުކުރީ މެޗުގެ 23 ވަނަ މިނެޓްގައެވެ. ހާތަ ބާލިން އަށް ލިބުނު ޕެނަލްޓީ އަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އިބިސެވިޗްއެވެ. އަދި ފުރަތަމަ ހާފްގެ ފަހު މިނެޓްގައި ޑޫޑާ ވަނީ އިތުރު ގޯލެއް ކާމިޔާބުކޮށް ހާތަ ބާލިންގެ ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފްގައި ބަޔާން އިން ނަތީޖާ އެއްވަރުކުރުމަށް ބަޔާން އިން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވެއެވެ. އެގޮތުން ބަޔާންގެ ސަންޗޭސް އާއި އަލާބާ ފޮނުވާލި ހަމަލާތައް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު މުލާ އަށް ވެސް ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ.

ރޭގެ މެޗުން ބަޔާން ބަލިވިއިރު މިއީ ބަޔާން އަށް ލީގުގައި ޖެހިޖެހިގެން މޮޅު ނުވެވުނު ދެވަނަ މެޗެވެ. އެގޮތުން ލީގުގައި އެންމެފަހުން އައުގްސްބާގްއާ ބަޔާން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ލީގުގައި ބަޔާން ދެން ބައްދަލުކުރާނީ ބޮރޫޝިއާ މޮންގްލަޑްބެކްއާއެވެ.