ޕްރިމިއާ ލީގުގައި ރޭ ބްރައިޓަންގެ މައްޗަށް 2-0 އިން ކުރި ހޯދާ ލީގުގެ އެއްވަނަ އަށް މެންޗެސްޓަރ ސިޓީ އަރައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ އޮތީ 19 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ސިޓީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ސިޓީ އަތުން ރޭ ބަލިވި ބްރައިޓަން އޮތީ ފަސް ޕޮއިންޓާ އެކު ލީގުގެ 14 ވަނައިގައެވެ.

ސިޓީގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 29 ވަނަ މިނެޓްގައި ރަހީމް ސްޓާލިން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ސިޓީން ތަނަވަސްކޮށްފައިވާއިރު އެޓީމުގެ ދެވަނަ ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯއެވެ. މިއީ ލީގުގައި އަގުއެރޯ ކާމިޔާބުކުރި ފަސްވަނަ ގޯލެވެ.

ބްރައިޓަންގެ ފަރާތުން ދަށް ކުޅުމެއް މި މެޗުގައި ފެނިގެން ގޮސްފައިވާއިރު މުޅި މެޗުގައި ވެސް އެޓީމަށް ސިޓީގެ ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެއްކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުން ސިޓީ މޮޅުވިއިރު ލީގުގައި އެޓީމު އަދި މިހާތަނަށް މެޗަކުން ބަލިވެފައެއް ނުވެއެވެ. ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ލިވަޕޫލްއާއެވެ.

ސިޓީގެ އިތުރުން ރޭ ކުޅުނު މެޗުން އާސެނަލް އާއި ޓޮޓެންހަމް ވެސް ވަނީ މޮޅުވެފައެވެ. ވޮޓްފޯޑްއާ ބައްދަލުކޮށް 2-0 އިން އާސެނަލް މޮޅުވިއިރު މި މެޗުގައި އާސެނަލް އިން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ ވޮޓްފޯޑްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އާސެނަލްވެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ މެސުޓް އޮޒިލްއެވެ. އަދި ޓޮޓެންހަމް މޮޅުވީ ރަށުން ބޭރުގައި ހަޑަލްސްފީލްޑްއާ ބައްދަލުކޮށް 2-0 އިންނެވެ. ޓޮޓެންހަމްގެ ދެ ގޯލުވެސް މި މެޗުގައި ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ.

ރޭގެ މޮޅާއެކު އާސެނަލް އާއި ޓޮޓެންހަމް އަށް ވެސް މިހާރު 15 ޕޮއިންޓު ލިބިފައިވާއިރު، ގޯލުގެ ތަފާތުން ކުރި ހޯދައިގެން ޓޮޓެންހަމް އޮތީ ލީގުގެ ހަތަރުވަނައިގައެވެ. އާސެނަލް އޮތީ ލީގުގެ ފަސްވަނައިގައެވެ.