ނޭމާގެ ހެޓްރިކާ އެކު ޗެމްޕިއަންސް ލީގުގައި ރޭ ރެޑްސްޓާ ބެލްގްރޭޑްއާ ބައްދަލުކުރި މެޗު 1-6 އިން ޕީއެސްޖީން ކާމިޔާބުކޮށްފިއެވެ.

މި މޮޅާއެކު ޕީއެސްޖީ އޮތީ ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ގްރޫޕް ސީގެ ތިންވަނައިގައެވެ. ދެވަނައިގައި އޮތް ލިވަޕޫލް އަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު، އެޓީމު ކުރީގައި އޮތީ ހެޑް ޓު ހެޑް އިން ކުރި ލިބޭތީއެވެ. މި ގްރޫޕްގެ އެއްވަނައިގައި ހަތަރު ޕޮއިންޓާ އެކު ނަޕޯލީ އޮތްއިރު ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ބެލްގްރޭޑްއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުގައި 3-2 އިން ލިވަޕޫލް އަތުން ޕީއެސްޖީ ބަލިވެފައިވާއިރު، ރޭގެ މެޗުގައި އެޓީމުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ޕީއެސްޖީ އަށް މެޗުގެ 20 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ނޭމާއެވެ. ނޭމާ މި ގޯލު ކާމިޔާބުކުރީ ބެލްގްރޭޑްގެ ގޯލާ 20 ޔާޑު ދުރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.

އަދި އޭގެ ދެ މިނެޓްފަހުން ޕީއެސްޖީގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ނޭމާ ކަމަށްވާއިރު ފުރަތަމަ ހާފް ނިމުމުގެ ކުރިން ޕީއެސްޖީން ވަނީ އިތުރު ދެ ގޯލު ކާމިޔާބުކޮށްފައެވެ. މި ދެ ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ އެޑިންސަން ކަވާނީ އައި އެންހެލް ޑިމަރިޔާއެވެ.

ހަތަރު ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ޕީއެސްޖީން ނިންމާލިއިރު މެޗުގެ 70 ވަނަ މިނެޓްގައި ކިލިއަމް އެމްބާޕޭ ވަނީ ޕީއެސްޖީގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 81 ވަނަ މިނެޓްގައި ޕީއެސްޖީގެ ހަވަނަ ގޯލު ކާމިޔާބުކޮށްދިނީ ބްރެޒިލް އަށް އުފަން ނޭމާ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ ޕީއެސްޖީ އަށް ބަދަލުވިފަހުން ނޭމާ ހެދި ދެވަނަ ހެޓްރިކެވެ. ރޭގެ މެޗުގައި ބެލްގްރޭޑްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މާކޯ މަރިންއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ދެވަނަ މެޗުން ޕީއެސްޖީ މޮޅުވެފައިވާއިރު، ގްރޫޕްގެ ތިންވަނަ މެޗުގައި ޕީއެސްޖީ ބައްދަލުކުރާނީ ނަޕޯލީއާއެވެ.