ފަހު ވަގުތު ލޮރެންޒޯ އިންސިންޔޭ ކާމިޔާބުކުރި ގޯލާ އެކު، ޗެމްޕިއަންސް ލީގުގައި ރޭ ލިވަޕޫލްގެ މައްޗަށް 1-0 އިން ނަޕޯލީން ކުރި ހޯދައިފިއެވެ.

މި މޮޅާއެކު ނަޕޯލީ މިހާރު އޮތީ ކުޅުނު ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު ގްރޫޕް ސީގެ އެއްވަނައިގައެވެ. ދެވަނައިގައި ތިން ޕޮއިންޓާ އެކު ލިވަޕޫލް އޮތްއިރު ތިންވަނައިގައި އޮތް ޕީއެސްޖީ އަށް ވެސް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލިވަޕޫލް އަށް ގްރޫޕްގެ ދެވަނަ ލިބެނީ ހެޑް ޓު ހެޑް އިން ކުރި ލިބޭތީއެވެ. ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ރެޑްސްޓާ ބެލްގްރޭޑްއެވެ.

ނަޕޯލީގެ ފަރާތުން ރަނގަޅު ކުޅުމެއް ރޭގެ މެޗުގައި ފެނިގެން ގޮސްފައިވާއިރު ގޯލްޖަހާނެ ރަނގަޅު ފުރުސަތުތައް ވެސް ތަނަވަސްކޮށްފައިވަނީ ނަޕޯލީންނެވެ. އެގޮތުން ފުރަތަމަ ހާފްގައި އިންސިންޔޭ ދުރުން ފޮނުވާލި ހަމަލާއެއް ލިވަޕޫލްގެ ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު އެޓީމުގެ ފޯވާޑް މިލިކް ފޮނުވާލި ހަމަލާ ދިފާއުކުރީ ލިވަޕޫލްގެ ކީޕަރު އެލިސަންއެވެ.

ދެވަނަ ހާފްގައި ވެސް ލިވަޕޫލްގެ ގޯލަށް ނަޕޯލީން ނުރައްކާ ކުރަމުންދިޔައިރު، ނަޕޯލީން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ލިވަޕޫލްގެ ކީޕަރު އެލިސަންގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފައެވެ. ނަމަވެސް މެޗުގެ 90 ވަނަ މިނެޓްގައި ކަލެހޯން ދިން ޕާހަކުން އިންސިންޔޭ ވަނީ ނަޕޯލީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދީ އެޓީމަށް މި މެޗުން ތިން ޕޮއިންޓު ކަށަވަރުކޮށްދީފައެވެ.

ރޭގެ މެޗުގައި ލިވަޕޫލްގެ ފަރާތުން ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، ނަޕޯލީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް މި މެޗުގައި އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

ރޭގެ މެޗަކީ ލިވަޕޫލް އަށް މޮޅެއް ނުހޯދި ޖެހިޖެހިގެން ނިމުނު ތިންވަނަ މެޗުވެސް މެއެވެ.