ދިވެހި ޕްރިމިއާ ލީގަކީ މުޅި ރާއްޖެ ތަމްސީލުކޮށްދޭ ލީގަކަށް ހެދުމަށް ފުޓުބޯލް ފެޑަރޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، އަތޮޅު ތެރޭގެ ޓީމުތައްވެސް މިހާރު ދަނީ ޕްރިމިއާ ލީގުގައި ކުޅެމުންނެވެ.

ޖިއޮގްރެފިކަލީ ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތަށް ބަލާ އިރު، އެހެން ގައުމުތަކުގެ ލީގުތައް ކުރިއަށް ގެންދާ އުސޫލުން ރާއްޖޭގެ ލީގު ކުރިއަށް ގެންދިއުމަކީ ގޮންޖެހުމަކަށްވެފައިވާ އިރު، މާލޭގައި ކުޅެމުންދާ ޕްރިމިއާ ލީގުގެ މެޗުތަކަށް އައުމަށް އަތޮޅު ތެރޭގެ ޓީމުތަކަށް މިހާރުވެސް އުނދަގޫތަކެއް ކުރިމަތިވެފައިވެއެވެ. ހާއްސަކޮށް ވިއްސާރަވެ ކަނޑު ގަދަވެއްޖެ ނަމަ، ދަތުރުފަތުރު ކުރުމަށް ބުރުއަރާ އިރު، މާލޭގައި ކޭމްޕު ޖަހައިގެން ލީގު ނިންމާލުމަކީވެސް ދަތިކަމަކަށް ވަނީ ވެފައެވެ.

ހާއްސަކޮށް ކުޅުންތެރިންގެ ވަޒީފާއާއި ދިރިއުޅުން ހުންނަ ގޮތުން، އަތޮޅު ތެރޭގެ ޓީމުތަކަށް ގިނަ ދުވަސްތަކެއް ވަންދެން މާލޭގައި ކޭމްޕް ކުރުމަކީ އުނދަގޫ ކަމެކެވެ. އެކަންކަމަށް ހައްލު ހޯދުމަށް އެފްއޭއެމްއިން މަސައްކަތް ކުރަމުންދާ އިރު، އެ އިދާރާއިން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވާ، އެހެން ލެވެލްއަކަށް ގެންދިމުގެ ވިސްނުމުގައި ހިންގަން ހުރި މަސައްކަތްތަކުގެ މަގުޗާޓެއް މިދިޔަ ހަފްތާ ތެރޭގައި ވަނީ އާއްމުުކޮށްފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެ ޕްލޭންގެ ތެރޭގައި އަތޮޅު ފުޓުބޯޅައިގެ ބޮޑު ޕްރޮޖެކްޓެއް އިއުލާންކޮށްފައިވާ އިރު، ރާއްޖޭގެ ލީގު ސިސްޓަމަށް ގެނައި ބޮޑެތި ބަދަލުތަކެއްވެސް ވަނީ އިއުލާންކޮށްފައެވެ. އޭގެ އިތުރުން ޒުވާން ހުނަރުވެރި ކުޅުންތެރިން އުފެއްދުމަށް އަށް ޒޯނެއްގައި ފުޓުބޯޅަ ތަރައްގީ ކުރުމުގެ މަޝްރޫއެއް ހިންގުމަށްވެސް އެފްއޭއެމްއިން ނިންމާފައިވާ ކަމަށް އެ ޕްރެސްގައި އިއުލާން ކޮށްފައިވެއެވެ.

ފީފާއާ ގުޅިގެން ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި އެފްއޭއެމްއިން ހާއްސަ ޕްރޮޖެކްޓަކެއް ފެށުމަށް އިއުލާންކޮށްފައިވާ އިރު، ފީފާ ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގެ ގުދުރަތީ ވިނަ (ނެޗުރަލް ގްރާސް) ދަނޑުތަކެއް ތަރައްގީ ކުރުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފައެވެ.

"ފީފާ ޕްރޮޖެކްޓެއްގެ ދަށުން 20 ރަށެއްގައި ނެޗުރަލް ގްރާސް ދަނޑުތަކެއް އެޅުމުގެ މަސައްކަތް މިވަނީ ފަށައިގަނެވިފަ. އިރާދުކުރެއްވިއްޔާ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަސްތެރޭގައި އެކަމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެން މަޑުޖައްސާލީ ނިމިގެން ދިޔަ އިންތިހާބާ ކަންކަން އޮތީމަ، ރަށްރަށުގެ ފޯކަސް ތަންކޮޅެއް ބޮޑަށް އެހެން މިސްރާބަކަށްވެސް ހުރީމައާއެކު. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަހުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެ،" ބައްސާމް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ސީޒަން އޯޕެނިން މެޗު ހޯމް އެންޑް އަވޭ އުސޫލުން ކުޅުމަށް އެފްއޭއެމްއިން ނިންމާފައިވާ އިރު، އެ މެޗުގައި ވާދަކުރާނީ މި އަހަރު މިނިވަން ޗެމްޕިއަންޝިޕްގެ ޗެމްޕިއަން ތ. ތިމަރަފުއްޓާއި މިއަހަރު ޕްރިމިއާ ލީގުގެ ޗެމްޕިއަން ޓީމެވެ. ބައްސާމް ވިދާޅުވީ އަތޮޅު ތެރޭގެ ފުޓުބޯޅައަކީ އެފްއޭއެމްއިން ވަރަށް ހާއްސަ އަހައްމިއްޔަތުކަމެއް ދޭ ކަމެއް ކަމަށާއި، ދުރު ރާސްތާ ޕްލޭންގައި އޮތީ ޕްރިމިއާ ލީގު މުޅި ރާއްޖޭގައިި ކުޅޭ މުބާރާތަކަށް ހެދުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް އަތޮޅު ތެރޭގައި ފުޓުބޯޅަ ކުރިއެރުމުގެ ފޮނިމީރުކަން އެބަފެނޭ. މިނިވަން ޗެމްޕިއަންޝިޕުން ވިދާލި ކުޅުންތެރިން ގައުމީ ޓީމުގައިވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަނީ. އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދީގެން ކުރިއަށް މިގެންދަނީ. ހަމައެއާއެކު އަޅުގަނޑުމެންގެ ދުރު ރާސްތާ ޕްލޭނަކީ ދިވެހި ޕްރިމިއާ ލީގަކީ މުޅި ރާއްޖޭގައި ކުޅެވޭނެ މުބާރާތަކަށް ހެދުން. އޭރުން މާލޭގައި މި ކުޅޭ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށްވެސް އަތޮޅު ތެރޭގެ ޓީމުތަކާ ވާދަކުރަން ދަތުރުކޮށް، ހޯމް އެންޑް އަވޭ އުސޫލަކުން މެޗުތައް ކުރިއަށް ގެންދެވޭތޯ މަސައްކަތް މި ކުރަނީ. އޭގެ މައިގަނޑު އެއް މަސައްކަތް ނެޗުރަލް ގްރާސް 20 ދަނޑު އެޅުމުގެ މަސައްކަތަކީ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ އަހަރު ނުވަތަ ތިން އަހަރު ތެރޭ ދަނޑުގެ އަދަދު 40، ނޫނީ 60 އަށް އިތުރު ކުރެވޭނެ،" ބައްސާމް ވިދާޅުވިއެވެ.

ދިވެހި ޕްރިމިއާލީގު ކުޅުމުގެ ތެރެއިން --- ވަގުތު އިމޭޖްސް/ އަމީން ފަހުމީ

ބައްސާމް ވިދާޅުވީ އެފްއޭއެމްއިން ފީފާގެ ފުލީ ފަންޑެޑް ޕްރޮޖެކްޓެއްގެ ދަށުން މިހާރު ކުރިއަށް މިދަނީ އަހަރަކު ގުދުރަތީ ވިނައިގެ 20 ދަނޑު އެޅުމުގެ މަސައްކަތް ކަމަށާއި، އެފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމްވެގެން ދިއުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.

ރާއްޖެއިން މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލާފައިވާ އިރު، އެ ޓީމުގެ ގާތްގަނޑަކަށް 98 ޕަސެންޓް ކުޅުންތެރިންނަކީ އަތޮޅު ތެރޭގެ އެކިއެކި ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. އެފްއޭއެމްއިން ފާހަގަކޮށްފައިވާ ގޮތުގައި ރާއްޖޭގެ ފުޓުބޯޅަ ތަރައްގީ ކުރުމަށް އަތޮޅު ތެރޭގައި ތިބި ހުނަރުވެރި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނުމަކީ އެ އިދާރާގެ އެންމެ ބޮޑު އެއް ޕޮލިސީއެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި އެފްއޭއެމްގެ ބޮޑެތި ޕްރޮޖެކްޓްތަކެއްވެސް އަތޮޅު ތެރެއަށް އަމާޒުކޮށް ވަނީ އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އެޑަމް

  ކޮންމެ އަތޮޅެއް ތަމްސީލުކުރުމަށް ޓީމެއް ހަދާ އެއަތޮޅަކަށް ނިސްބަތްވާ ވަކި އަދަދެއްގެ ކުޅުންތެރިން ތިބެން ޖެހޭނެގޮތަށް ޤަވައިދުހަދާ ކޮންމެ އަތޮޅެއްގައި ފެންވަރު ރަނގަޅު މަދުވެގެން އެއް ސްޓޭޑިއަމް އަޅާ. ހޯމް އެންޑް އަވޭ އުސޫލުން މެޗްތައް ކުޅުމަށް ފަސޭހައިން ދަތުރު ފަތުރު ކުރެވޭނެ އިންތިޒާމެއް ހެދެނިކޮށް ވަޅުޖަހާފައިވާ ފުޓުބޯޅަ ފޯރި ކުރިއަރާ ހެދެން ފަށާނެ. ކޮންމެ އަތޮޅަކަށް ނުހެދެންޏާ ސަރަހައްދުތަކަކަށް ބަހާލައިގެންވިޔަސް...

  • Ok

   Man I like this guy

 2. ކުރީގެ އެފްއޭއެމް ސްޓާފެއް

  ކަމެއް ވާ އިރަށް މި ބައްސާމް ނުކުމެފައި މޮޅު ވާހަކައެއް ދައްކާނެ. ހަމަ އެތަނަށް ފައިބާގެންދާނީ. ފުރަތަމަ ރަގަޅު ރެފްރީން ހިފެހެއްޓުމަށް ރެފްރީންނަށް މުސާރަ ފައިސާ ކޮޅުދީ. 5 އަހަރު 10 އަހަރުވީ ރެފްރީންނަށް ދޭންޖެހޭ ފައިސާ ކޮޅު ނުދެވޭތާ؟ ޖެހެނީ ފަހަތުން އާދޭސް ކުރަމުން ދުވަން. ދެން ކުރަނީ ސަސްޕެންޑް. މީ ހާލަތަކީ. ރެފްރީން ކުރާ އަގުހުރި ވަގުތު ތަކުގެ މަސައްކަތުގެ އގުވަޒަން ނުކުރާ ތަނެއްތީ. ރެފްރީން ނަށް މިދެނީވެސް މެޗަކަށް 350 ރުފިޔާ، އެވެސް މެދުކުރާ ރެފްރީއަކަށް. އެވެސް ދެނީ ފަހަތުން ދުވާ 5 އަހަރުވެ، ނޫހެއްގައި ޖެހީމާ. މިފަހަރުވެސް ފައިސާކޮޅުން މަދު އެއްޗެއްދިނީ ހުރިހާ ރެފްރީން ސްޓްރައިކް ޖައްސާ ޕްރެމިއަރލީގް ވެސް ހުއްޓާލަންޖެހޭ ހާލަތަށް އައިމަ. ކީއްވާނީ ރެފްރީންނަށް އެލަވަންސް އެއް ހަމަޖެއްސިއްޔާ ރަގަޅު. ދެން ރަގަޅު ރެފްރީން މިދަނީ އަމިއްލަ މުބާރާތަށް. އެފްއޭއެމް ރެފްރީޒް ހެޑަކަށް އެހެރީ ހާޝިމް ކިޔާ ބޭފުޅެއް، މީނަ މީ މިޒަމާނަށް އެއްވެސް ގޮތަކަށް މިކަމަށް ފިޓް މީހެއް ނޫން. މިހާރުން މިހާރަށް މީނަ އިސްތިއުފާދީ ކުރީގެ ހެޑް އަމީޒް އާއި ޑިޕާޓްމަންޓް ހަވާލު ކުރުމަށް ގޮވާލަން.

 3. ރަންނަމާރި

  ތީ ރާއްޖެތެރޭގެ ރެފްރީންކޮއްދޭ ބުރަމަސައްކަތް އަގުވަޒަން ނުކުރާ ތަނެއް.ލައްކަވާހަކަމީ

 4. ޖަޒީރާ ފަލި

  ރެފްރީންގެ ގޭޖެއް ކަނޑައަޅާ ރެފްރީއަކަށް 600 ރުފިޔާ ، އެސިސްޓެންޓަކަށް 500 ރުފިޔާ ދިނުމަށް ފާސްކުރަން ވެއްޖެ އެފްއޭއެމް

 5. ރަންނަމާރި

  ފުރަތަމަ ޒާތީވުން އެއްފަރާތް ކޮށްފައި ތި އެފްއޭއެމް އިސްލާހުކުރޭ. ރާއްޖެތެރޭ ރެފްރީން އަނބި ދަރިން ދޫކޮށް އެފްއޭއމްއަށް ކޮށްދޭ ބުރަ މަސައްކަތް އަގުވަޒަން ނުކުރޭ! ފައިސާކޮޅުން ބައެއް ހޯދަން ޖެހުނަސް ބުނާނެ އަގީލް ކިޔާ މީހަކާ ގުޅަން. އެމަނިކުފާނަށް 100ފަހަރު ގުޅިޔަސް ފޯން ނުނަގާނެ. ފައިންޕުޅެއް ނުފެންނާނެ. އެފެންވަރު ބޮޑާ މީހުންތިބޭ ތަންތަން މީ. ރަނގަޅެއްނުވާނެ.
  ހާޝިމް އާއި އަގީލް އިސްތިއުފާ