ޕްރިމިއާ ލީގުގައި މިއަދު ކުޅުނު މެޗުތަކުން އާސެނަލް އާއި ޗެލްސީ ވެސް ވަރަށް ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.

މި ނަތީޖާތަކާއެކު ޗެލްސީ މިހާރު އޮތީ 20 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. އާސެނަލް އޮތީ 18 ޕޮއިންޓާ އެކު ލީގުގެ ހަތަރުވަނައިގައެވެ.

އާސެނަލް މިއަދު މޮޅުވީ ލީގުގެ 17 ވަނައިގައި އޮތް ފުލަމްއާ ބައްދަލުކޮށް 1-5 އިންނެވެ.

ފުލަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ އާސެނަލް އިންނެވެ. މި ގޯލު މެޗުގެ 29 ވަނަ މިނެޓްގައި އާސެނަލް އަށް ކާމިޔާބުކޮށްދިނީ ލަކަޒެޓްއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޝޫލާ ވަނީ ފުލަމްއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނު ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ލަކަޒެޓް ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އާސެނަލްގެ ތިންވަނަ ގޯލު މެޗުގެ 67 ވަނަ މިނެޓްގައި ރަމްސީ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ދެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފްގައި ކުޅެން އެރި އޮބަމަޔަންގްއެވެ.

މިއީ އާސެނަލް އިން ލީގުގައި ޖެހިޖެހިގެން ހޯދި ހަވަނަ މޮޅުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި އާސެނަލް ދެން ނިކުންނާނީ ލެސްޓަ ސިޓީއާ ދެކޮޅަށެވެ.

ލީގުގެ އެއްވަނައިގައި އޮތް ޗެލްސީ މިރޭ 16 ވަނައިގައި އޮތް ސައުތްހެމްޓަންއާ ބައްދަލުކޮށް 3-0 އިންނެވެ. ސައުތްހެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗުގެ 30 ވަނަ މިނެޓްގައި އެޑެން ހަޒާޑް ޗެލްސީ އަށް ލީޑު ނަގައިދިންއިރު މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ގޯލެވެ.

އަދި ދެވަނަ ހާފްގެ ކުރީކޮޅު ޖިރޫ ދިން ޕާހަކުން ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ބާކްލީއެވެ. މިއީ ޗެލްސީ އަށް ބަދަލުވިފަހުން ބާކްލީ ޗެލްސީ އަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލުވެސް މެއެވެ. މެޗުގެ ފަހުވަގުތު ސައުތްހެމްޓަން އިން ޗެލްސީގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލިއިރު އެ ދެ ހަމަލާގެ ހުރަހަކަށްވީ ޗެލްސީގެ ޒުވާން ގޯލްކީޕަރު ކެޕާއެވެ. ޗެލްސީގެ ތިންވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އަލްވަރޯ މޮރާޓާއެވެ.

މި މެޗުން ޗެލްސީ މޮޅުވިއިރު ލީގުގައި އެޓީމު އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. ލީގުގައި ޗެލްސީ ދެން ބައްދަލުކުރާނީ މެންޗެސްޓަރ ޔުނައިޓެޑާއެވެ.