ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ދަނޑުގައި މިރޭ ކުޅުނު މެޗު ނިމުނީ 2-2ގެ ނަތީޖާއަކުންނެވެ. މެޗުގައި ގްރީންއިން ޖެހި ދެ ގޯލްވެސް ފެނުނީ މެޗުގެ ފަހު ދިހަ މިނެޓުގައެވެ. ގްރީންއިން އެ ދެގޯލްވެސް ޖެހީ ނިއުއިން ފުރަތަމަ ހާފްގައި ދެ ގޯލް ޖަހާފައި ވަނިކޮށެވެ.

މިރޭގެ މެޗަކީ ނިއުއާއި ގްރީންއިންވެސް ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގައި ކުޅުނު ފަހު މެޗެވެ. މިރޭގެ މެޗުން އެއްވަރުވެ ނިއުއަށް ނުވަ މެޗުން ލިބުނީ ނުވަ މެޗުން 18 ޕޮއިންޓެވެ. ލީގު ތާވަލުގެ ތިންވަނައިގައި ނިއުއިން އޮތް އިރު، އެއް ޕޮއިންޓް ތަފާތުން ގްރީން އޮތީ ތާވަލުގެ ފަސްވަނައިގައެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފްގައި ދެޓީމުގެ ފަރާތުންވެސް ފެނުނީ އެޓޭކިން ކުޅުމެކެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މެޗުގައި ދެޓީމުންވެސް ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، ދެޓީމުންވެސް އޯޕަން ކުޅުމެއް ކުޅުނުކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ ގްރީންއެވެ. ނިއުގެ ފަހަތުން ކަންޑޭލާ އަތުން ހެދުނު ގޯހެއްގެ ބޭނުންހިފާ، ގްރީންގެ ފޯވަޑް އަވީލާ ހެނާންޑޭޒް، އޭރިއާ ތެރެއަށްވަދެ ފޮނުވާލި ހަމަލާ ދިފާއުކުރީ ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްއެވެ.

މެޗުގެ އަށްވަނަ މިނެޓުގައި ނިއުއިންވެސް ހަމަލާއެއް އުފެއްދިއެވެ. މެދުތެރެއިން މުހައްމަދު އުމައިރު ދިން ހަމަލާ، އަލީ ފާސިރު (ސެންޓޭ) ކުރިއަށް ފޮނުވާލި ނަމަވެސް، ގްރީންގެ ޑިފެންޑަރު ފައިގައި ޖެހި، އެ ބޯޅަ ދިޔައީ ބޭރަށެވެ. މެޗުގެ ކުރީކޮޅުގައި ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ އިރު، މެޗުގެ 16 ވަނަ މިނެޓުގައި ގްރީންއަށް ފަހި ދެ ފުރުސަތެއް ލިބިގެން ދިޔައެވެ.

ނިއުއަށް ލިބުނު ކޯނަރަކަށް މުޅި ޓީމު ކަހަލަ ގޮތަކަށް ކުރިއަށް ޖެހި ތިއްބާ، ގްރީންއިން ކުރި ކައުންޓާ އެޓޭކްގައި އެޓީމުގެ އަލީ ނަސޫހަށް ލިބުނު ފުރުސަތުގައި އޭނާ، ނިއުގެ ޑިފެންޑަރު ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާ އަމާޒުވީ ނިއުގެ ގޯލްގެ މަތީ ދަނޑިއަށެވެ. އަދި އެ ހަމަލާ ސާފްކޮށް ނުލެވިގެން އުޅެނިކޮށް، ނަސޫހު ނަގައިދިން ބޯޅައިން އާދަމް އިމްރާނަށް ލިބުނު ފުރުސަތު އޭނާ ބޭކާރުކޮށްލިއެވެ.

މެޗުގެ 26 ވަނަ މިނެޓުގައި ނިއުއިން ލީޑު ނެގިއެވެ. އޭރިއާ ބޭރުން ހަމަޖެހިލައިފައި ފޮނުވާލި ބޯޅަ ގޯލްގެ ކަނަށް ވަނީ، ގްރީންގެ ކީޕަރު އިބްރާހީމް ލަބާންގެ އަތް ދަށުން ކަހަލަ ގޮތަކަށެވެ. ސެންޓޭ އެ ބޯޅަ ފޮނުވާލި ބަލާލުމަށްފަހު ލަބާން ނުވިސްނާ ހުރި ގަޑީގައެވެ.

އޭގެ ދެ މިނެޓްފަހުން ނިއުއިން ލީޑު ފުޅާވެސް ކުރިއެވެ. ގްރީންގެ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު އަހުމަދު ސާއިފް، ސެންޓޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނެލްޓީ ކާމިޔާބުކޮށް، ލީޑު ފުޅާކޮށްދިނީވެސް ކެޕްޓަން ސެންޓޭއެވެ.

ފުލުފުލުގައި ދެ ގޯލް ޖަހައި، ނިއުއިން ކުޅުން ރަނގަޅުކުރިއެވެ. ޕާސްތައް ގިނަކޮށް، ބޯޅަ ހިފަހައްޓަން މަސައްކަތް ކުރިއެވެ. މެޗުގެ ހާފް ނިމެންދަނިކޮށް ހަމްޒާ މުހައްމަދު (ހަމްޕު)އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވުނު އިރު، އަރިމަތިން މުހައްމަދު ރަޝީދު (ހޮކޭ) އަރާ ނަގައިދިން ހުރަސް ހަމްޕު ފޮނުވާލި ނަމަވެސް، ބޭރަށް ދިޔައީ ބްލޮކް ވެގެންނެވެ.

ހާފްގެ ފަހު މިނެޓުގައި ގްރީންއަށްވެސް ފުރުސަތެއް ލިބުނެވެ. އޭރިއާ ތެރޭގައި ހުރި އަސްހަދު އަލީ (އަޑުބަރޭ)އަށް ރަނގަޅު ފުރުސަތެއް ލިބި އޭނާ ބޭކާރުކޮށްލިއެވެ.

ދެވަނަ ހާފަށް ނުކުތް އިރު، ނިއުއިން ލީޑުގައި އޮތް ނަމަވެސް، ހާފްގައި ވަރުގަދަކޮށް ފެށީ ގްރީންނެވެ. ހާފްގައި ގިނަ ހަމަލާތައް އުފެއްދީވެސް ގްރީންނެވެ. ދެވަނަ ހާފްގައި ނުރައްކާތެރި ހަމަލާތައް މަދުކޮށް ފެނުނު އިެރު، ހާފްގެ ކުރީކޮޅުގައި ގްރީންގެ ެ. އަވީލާއަށް ލިބުނު ދެ ފުރުސަތެއް ފާހަގަކުރެވުނެވެ. އެ ދެ ފުރުސަތުގައިވެސް އޭނާ ފޮނުވާލި ބޯޅަ ގޯލަށް އަމާޒުނުވީ ބްލޮކް ވެގެންނެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ނިއުއަށް ލީޑު ފުޅާކުރަން ފުރުސަތެއް ލިބުނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން އަދުހަމް (ސަޑޭ) ފޮނުވާލި ހަމަލާގައި ކީޕަރު ބީޓްވި ނަމަވެސް، ގްރީންގެ ޑިފެންޑަރު އާދިލް ވަނީ އެ ހަމަލާ ރޮނގުމަތިން ބޭރުކޮށްލާފައެވެ.

އޭގެ ދެ މިނެޓްފަހުން އަވީލާގެ މޮޅު ކުޅުމާއެކު ގްރީންގެ ފުރަތަމަ ގޯލް ޖެހިއެވެ. ފުރަތަމަ ގޯލާއެކު ގްރީންއިން އިތުރު ހިތްވަރެއްލާ ކުޅުން ރަނގަޅުކުރިއެވެ. ހާއްސަކޮށް ނިއުގެ ޑިފެންސަށް ގްރީންއިން ވަރަށް ބޮޑަށް ޕްރެޝަރު ކުރިއެވެ. ގްރީންއިން ދެވަނަ ގޯލް ޖެހީ މެޗުގެ 83 ވަނަ މިނެޓުގައެވެ.

ނިއުގެ ހާފްގެ މެދެއްހާ ހިސާބުން ލިބުނު ހިލޭ ޖެހުން، ނިއުގެ ކުޅުންތެރިން ނުވިސްނާ ތިއްބާ އަވަސްކޮށް ޖަހާ، އަރިމަތިން މުހައްމަދު ރިސްވާން (ފުކޭ)އަށް ލިބުނު ބޯޅަ އޭނާ ނިންމާލީ ގޯލް ތެރެއަށެވެ. ފުކޭއަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ކުޅުންތެރިޔެކެވެ.

މެޗު ނިމެން ދަނިކޮށްވެސް ގްރީންއަށް ރަނުގެ ފުރުސަތެއް ލިބިގެން ދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަހުމަދު މިސްބާހަށް ހުސްކޮށް ލިބުނު ފުރުސަތުގައި އޭނާ ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ހަމަލާ ދިޔައީ މަތިން ބޭރަށެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ މިބުރުގެ ފަހު ދެ މެޗު މާދަމާ އޮންނާނެއެވެ. މާދަމާ ހަވީރު އޮންނަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކްލަބާއި ތ. ތިމަރަފުށި ވާދަކުރާ އިރު، މާދަމާ ރޭ އޮންނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ށ. ފޯކައިދުއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސަޕޯޓަރެއް

    ތިޔަކުޅިކުޅޭކަށް ކޮންމެހެން ދަޑަށްއަރާނެކަމެއްނެތް.ދިހަމިނިޓްތެރޭ ދެލަޑު ގްރީނުންއެޖެހީ ދެންދޭމަހަށް