ސާފް ސުޒުކީ ކަޕްގެ ތަށި ހޯދި ގައުމީ ޓީމަށް އެ ޓީމުގެ ސްޕޮންސަރ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ފައިސާގެ ގޮތުގައި 600000 (ހަ ލައްކަ) ރުފިޔާ ދީފިއެވެ.

ބީއެމްއެލް އިން ވިދާޅުވީ ކުޅުންތެރިންނާއި އޮފިޝަލުން ހިމެނޭ ގޮތަށް ޓީމުގެ ކޮންމެ މެންބަރަކަށް ހާއްސަ ޓްރެވެލްކާޑެއްވެސް ވަނީ ދީފައެވެ. ބީއެމްއެލްއިން ދިން ފައިސާގެ އިނާމު ޓީމާ ހަވާލުކޮށްދީފައިވަނީ ޤައުމީ ޓީމަށް މަރުޙަބާ ކިޔުމުގެ ގޮތުން ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ 2017 ވަނަ އަހަރުން ފެށިގެން ގައުމީ ފުޓްބޯޅަ ޓީމުގެ ސްޕްންސަރ އެވެ. ތަފާތު ގިނަ ގޮތްގޮތުން ބީއެމްއެލް އިން އަންނަނީ ގައުމީ ފުޓްބޯޅަ ޓީމަށް އެހީތެރިވަމުންނެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ހަފްލާގެ ތެރެއިން ---

ގައުމީ ފުޓްބޯޅަ ޓީމަށް ބީއެމްއެލް އިން ބޮޑު ހަދިޔާއެއް ދީފައި ވާއިރު، ރާއްޖެއަށް ސާފް ޗެމްޕިއަންޝިޕް ހޯދައިދިން ޓީމުން ވަނީ ބޮޑު މާޔޫސްކަމެއްގެ ތެރޭގައެވެ.

ޓީމުގެ ހުރިހާ ކުޅުންތެރިން ވެގެން މުސާރައާއި ބޯނަސްގެ މައްސަލައިގައި ވާހަކަ ދައްކާފައިވާ އިރު، ކުޅުންތެރިން ބުނެފައި ވަނީ މުބާރާތް ކުރިއަށްދިޔަ އިރު، ވިސްނީ ގައުމުގެ ޝަރަފާ ރީތި ނަމަށް ކަމަށެވެ. އޭގެ ފަހުންވެސް މުސާރައިގެ ވާހަކަ ނުދައްކާ ގިނަ ދުވަސްތަކެއްވަންދެން މިހާރު މަޑުކުރެވިއްޖެ ކަމަށެވެ. އެހެން ނަމަވެސް، އާއްމު އުސޫލުން ދޭ މުސާރަ ޓީމަށް ނުދޭތާ މިހާރު ތިންމަސް ވެފައިވާ ކަމަށާއި، ބޯނަހުގެ ގޮތުގައިވެސް އަދި އެއްވެސް ފައިސާއެއް ޓީމަށް ލިބިފައިނުވާ ކަމަށް ކުޅުންތެރިން ފާހަގަކޮށްފައިވެއެވެ.

ސާފް ސުޒުކީ ކަޕް 2018 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ބައިނަލްއަގްވާމީ މުބާރާތްތަކުން ރަން މެޑަލް ހޯދުމުން ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުގެ ދަށުން ޓީމުގެ ކޮންމެ ކުޅުންތެރިޔަކަށް 35،000 ރުފިޔާ ދޭން ޖެހެއެވެ. އެހެން ނަމަވެސް، ޓީމުން ބުނެފައި ވަނީ އެެފަދަ ބޯނަސް ފައިސާއެއްވެސް އަދި ލިބިފައިނުވާ ކަމަށެވެ.

މުސާރަ އަދި ބޯނަސްގެ މައްސަލަތަކާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒް (ޖަވާ) "ވަގުތު"އަށް ވިދާޅުވެފައި ވަނީ މުސާރައާއި ބޯނަސްގެ އިދާރީ ކަންކަން ނިންމާ، ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ. އަދި މުސާރައިގެ ޑިލޭތަކެއް އަންނަނީ މި ދުވަސްކޮޅަކީ ސަރުކާރުގެ ޓްރާންސިޝަން ދުވަސްކޮޅު ކަމަށްވާތީ ކަމަށާއި، ބޯނަސްގެ ކަންތައްވެސް ޔޫތު މިނިސްޓްރީއާ ވާހަކަ ދެކެވި، ވަރަށް އަވަހަށް ދިނުމަށް މަސައްކަތް ކުރާ ކަމަށްވެސް ޖަވާ ފާހަގަކުރެއްވިއެވެ.

ޖަވާ ވިދާޅުވީ އެފްއޭއެމްއިން ލަފާކުރަނީ ކުޅުންތެރިންގެ މުސާރަ މިދިޔަ ބުރާސްފަތި ދުވަހު ޖަމާވާނެ ކަމަށް ކަމަށެވެ. އެހެން ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި އަދިވެސް މުސާރަ ޖަމާވެފައެއް ނުވެއެވެ. އަދި ސާފް ޗެމްޕިއަންޝިޕް ހޯދުމުން ލިބޭ ފައިސާގެ 50،000 ޑޮލަރު، ސާފްއިން ލިބުނުހާ އަވަހަކަށް ބޯނަސްގެ ގޮތުގައި ކުޅުންތެރިންނަށް ބަހާނެ ކަމަށްވެސް އޭރު ޖަވާ ފާހަގަކުރިއެވެ.

ގައުމީ ޓީމުން ގިނަ ޝަކުވާތަކެއް ކޮށްފައި ދަނޑިވަޅެއްގައި، ޓީމުގެ ސްޕޮންސަރު ބީއެމްއެލްއިން ދިން ފައިސާގެ ހަދިޔާއާއެކު ޓީމަށް ހިތްހަމަ ޖެހުމެއް ލިބިގެންދާނެ ކަން ޔަގީނެވެ. ހާއްސަކޮށް ރާއްޖޭގެ ފުޓުބޯޅަ ހާލަތު އޮތް ގޮތުން ކްލަބުތައް އަޑިއަޅާލާފައިވާ ދަނޑިވަޅުގައި، ކުޅުންތެރިންނަށް މުސާރައިގެ ދަތިތަށްވެސް މިހާރު ކުރިމަތިވަމުންދާތީއާވެސް އެކުގައެވެ.

މީގެ ކުރިން ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2008 ވަނަ އަހަރުގައެވެ. މުޅި ރާއްޖޭގައި އެއް މަސް ދުވަހަށްވުރެ ގިނަ ދުވަހު އެފަހަރު އުފާފާޅުކުރިއެވެ. މިފަހަރު އެ މަންޒަރުވެސް ނުފެނުނެވެ. ރާއްޖޭއަށް ދެވަނަ ފަހަރަށް ރަން މެޑަލް ގެނެސްދިން ޓީމުގެ ޝަރަފުގައި ކަންތައްތައް ކުރިތަން ފެނިގެންދިޔައީ މަދުންނެވެ. އޭރުގެ ޓީމު އައިސް ރާއްޖެއަށް ފޭބުމާއެކު ކޮންމެ ކުޅުންތެރިޔަކަށް ސަރުކާރުން ދެ ލައްކަ، އަދި ފަހުން އަމިއްލަ ކުންފުނިތަކުންވެސް ކޮންމެ ކުޅުންތެރިޔަކަށް ލައްކައަކަށްވުރެ ގިނަ ރުފިޔާ ބޯނަސްއަށް ދީފައިވެއެވެ. މީގެ 10 އަހަރު ކުރިއަށް ބަލާ އިރު، އެއީ ބޮޑު އަދަދެކެވެ.