ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ވެސް މޮޅުވެއްޖެއެވެ.

މި ނަތީޖާތަކާއެކު ސިޓީ އާއި ލިވަޕޫލަށް ވެސް މިހާރު ވަނީ 23 ޕޮއިންޓު ލިބިފައެވެ. ނަމަވެސް ލަނޑުގެ ތަފާތުން ލީގުގެ ކުރި ލިބެނީ ސިޓީ އަށެވެ. ލީގުގެ ދެވަނައިގައި ލިވަޕޫލް އޮތްއިރު ތިންވަނައިގައި 21 ޕޮއިންޓާ އެކު އޮތީ ޗެލްސީއެވެ.

ސިޓީ ރޭ މޮޅުވީ ލީގުގެ 13 ވަނައިގައި އޮތް ބާންލީ އާއި ބައްދަލުކޮށް 5-0 އިންނެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 17 ވަނައިގައި މިނެޓްގައި ސާޖިއޯ އަގުއެރޯ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް މި ހާފުގައި ސިޓީން ތަނަވަކޮށްފައިވާއިރު ދެވަނަ ހާފްގެ ކުރީކޮޅު ސިޓީން ވަނީ ކައިރިކައިރީ ދެ ލަނޑު ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. އެ ދެ ލަނޑު ސިޓީ އަށް ކާމިޔާބުކޮށްދިނީ ބާނަޑޯ ސިލްވާ އާއި ފާނަންޑީނިއޯއެވެ.

ސިޓީގެ ހަތަރުވަނަ ލަނޑު މެޗުގެ 83 ވަނަ މިނެޓްގައި މަހްރޭޒް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ލަނޑު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ.

 

ބޮޑު މޮޅެއް ސިޓީން ރޭ ހޯދިއިރު އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރުގައި ހުރުމަށްފަހު ސިޓީގެ އިތުބާރު މިޑްފީލްޑަރު ކެވިން ޑެ ބްރޭނާ ވެސް ރޭގެ މެޗުގައި ކުޅެފައިވެއެވެ.

ލިވަޕޫލް ރޭ މޮޅުވީ ރަށުން ބޭރުގައި ލީގުގެ 19 ވަނައިގައި އޮތް ހަޑަލްސްފީލްޑް އާއި ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޝަގީރީ ދިން ޕާހަކުން މެޗުގެ 24 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ. މިއީ ހަތަރު މެޗަށްފަހު ލިވަޕޫލަށް ސަލާހު ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ލަނޑު ޖަހާނެ ރަނގަޅު އިތުރު ފުރުސަތެއް ސަލާހު އަށް ލިބި ބޭކާރުވެފައިވެއެވެ.

މެޗުގެ ނަތީޖާ އެއްވަރުކޮށްލަން ހަޑަސްފީލްޑް އަށް ދެ ހާފުގައި ރަނގަޅު ދެ ފުރުސަތު ލިބިގެން ގޮސްފައެވެ. އެގޮތުން އެޓީމުގެ ކެޕްޓަން ހޮގް ދުރުން ފޮނުވާލި ބާރު ހަމަލާ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ޑިޕޮއިޓޭ ބޮލުން ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ވަނީ ދިފާއުކޮށްފައެވެ.

ރޭ ކުޅުނު މެޗުތަކުން ލިވަޕޫލް އާއި ސިޓީ މޮޅުވެފައިވާއިރު، ލީގުގައި މި ދެ ޓީމު ވެސް އަދި މެޗަކުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.