ތިއެރީ އޮންރީގެ ކޯޗުކަމުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން މޮނާކޯ ރޭ ބަލިވެއްޖެއެވެ.

މޮނާކޯ ރޭ ބަލިވީ ސްޓްރަސްބާގް އާއި ބައްދަލުކޮށް 2-1 އިންނެވެ. މި މެޗުން ބަލިވުމުން މޮނާކޯ މިހާރު އޮތީ 10 މެޗުން ލިބުނު ހަ ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ. ރޭގެ މޮޅާއެކު ސްޓްރަސްބާގް އޮތީ 15 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގައެވެ.

މޮނާކޯގެ ކޯޗުކަން އޮންރީ އާއި ހަވާލުކުރީ އެ މަގާމުގައި ކުރިން ހުރި ލިއާނާޑޯ ޖާޑިމް ވަކި ކުރުމާ ގުޅިގެންނެވެ. އޮންރީ މީގެކުރިން ހުރީ ބެލްޖިއަމްގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗު ކަމުގެ މަގާމުގައެވެ.

ސްޓްރަސްބާގްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 17 ވަނަ މިނެޓްގައި ތޮމަސަން ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އެއް ގޯލުން ބަލިވެފައި ވަނިކޮށް މޮނާކޯ އަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 66 ވަނަ މިނެޓްގައި އެޓީމުގެ ގްރަންސާ އަށް ރަތްކާޑު ދެއްކުމުންނެވެ. އޭނާ އަށް ރަތްކާޑު ދެއްކީ ސްޓްރަސްބާގްގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

10 ކުޅުންތެރިންނާ އެކު މެޗުގެ ބާކީބައި މޮނާކޯ އިން ފުރިހަމަ ކުރަން ޖެހުނުއިރު، މެޗުގެ 84 ވަނަ މިނެޓްގައި މޮތީބާ ސްޓްރަސްބާގްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މޮނާކޯގެ ހަމައެކަނި ގޯލު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކާމިޔާބުކޮށްދިނީ ޓީލެމަންސްއެވެ.

އޮންރީގެ އިރުޝާދުގެ ދަށުން މޮނާކޯ އިން ކުޅޭ ދެވަނަ މެޗުގައި އަންނަ ބުދަ ދުވަހުގެރޭ ޗެމްޕިއަންސް ލީގުގައި ނިކުންނާނީ ކްލަބް ބްރޫޖްއާ ދެކޮޅަށެވެ.

މޮނާކޯގެ ކޯޗުކަމާ އޮންރީ ހަވާލުވިއިރު އޭނާގެ ސީނިއާ ކެރިއަރު ފެށީ ވެސް މޮނާކޯ އިންނެވެ. މޮނާކޯ އަށް 141 މެޗު ކުޅެދީ 28 ގޯލު ކާމިޔާބުކޮށްދީފައިވާ އޮންރީ ވަނީ 1997 ވަނަ އަހަރު މޮނާކޯ އާއެކު ފްރެންޗް ލީގުވެސް ކާމިޔާބުކޮށްފައެވެ.