ޒުވާން ކުޅުންތެރިންނާއެކު ގައުމީ ޓީމަށް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްކޮޅެކެވެ. ނިމިދިޔަ ސާފް ޗެމްޕިއަންޝިޕަށް ދިޔަ ސްކޮޑަކީވެސް އެވަރެޖް އުމުރު 23.7 އަހަރުގެ ޓީމެކެވެ. އެ ސްކޮޑާއެކު ރާއްޖެއިން މުބާރާތުގެ ތަށި އުފުލާލި އިރު، އެ ކަންތައް ވެގެންދިޔައީ ދިވެހި ފުޓުބޯޅައިގެ ކުރިމަގަށް ގެނުވި އުންމީދަކަށެވެ.

ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމު ދިޔަ އިރުވެސް، ސްކޮޑުން ޖާގަ ނުލިބުނު އެންމެ ފާހަގަކޮށްލެވޭ ޒުވާން، ހުނަރުވެރި ކުޅުންތެރިޔަކަށްވީ ކްލަބު އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. ލީގުގައި އަބަދުވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ ރިޒޭއަށް ގައުމީ ޓީމުން ޖާގަ ނުދެވުނު ސަބަބެއް ގައުމީ ކޯޗު ޕީޓާ ސެގަޓް ސީދާ ހާމަކޮށްފައި ނުވާ އިރު، އޭރު ކޯޗު ބުނެފައި ވަނީ ޓީމަށް ކުޅުންތެރިން ނަގަނީ ލީގުގެ ހުރިހާ މެޗެއްވެސް ވަރަށް ކައިރިން ބެލުމަށްފަހުގައި ކަމަށެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: އީގަލްސް އަދި ފޯކައިދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އަންނަ މަހު ތިންވަނަ ދުވަހު ގައުމީ ޓީމުން މެލޭޝިއާއާ ދެކޮޅަށް އެގައުމުގައި އެކުވެރިކަމުގެ މެޗެއް ކުޅެން ނިންމާފައިވާ އިރު، މިމަހުގެ 30 ވަނަ ދުވަހަށްފަހު ގައުމީ ޓީމަށް ވަގުތު ހުސްކުރުމަށް ލީގު މެދު ކަނޑާލާނެއެވެ.

އެ މެޗަށް ސްކޮޑު އިއުލާން ކުރުމަށް ގައުމީ ކޯޗު ތައްޔާރުވަމުންދާ އިރު، އެންމެފަހުން ލީގުގައި އީގަލްސްއިން ކުޅުނު ފަސް މެޗުގައިވެސް ހެޓްރިކް ހަދާ، ރިޒޭ ވަނީ ފަސް މެޗުން 16 ގޯލް ޖަހައިފައެވެ. އެ މެޗުތަކަކީ އަތޮޅު ތެރޭގެ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތައް ނަމަވެސް، ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހެދުމަކީ އާންމުކޮށް ފެންނަ މަންޒަރެއް ނޫނެވެ. ހާއްސަކޮށް ރާއްޖޭގައި މިހާތަނަށް ފެނުނު މަންޒަރެއް ކަމަކަށް ނުބެލެވެއެވެ.

ރިޒޭގެ ފޯމާ ގުޅިގެން "ވަގުތު"އަށް ވާހަކަ ދައްކަމުން އޭނާ ބުނީ ކުޅެނީ ކޮންމެހެން ގައުމީ ޓީމަށް ސަމާލުކަން ދީގެން ނޫން ކަމަށާއި، ރަނގަޅު ކުޅުމުގެ ސިއްރަކީ ކްލަބަށް ކޮށްދޭ މަސައްކަތް ކަމަށެވެ.

"އެހާ ބޮޑަށް ގައުމީ ޓީމަށް ވިސްނައިގެން ނޫން. ހަމަ ކްލަބަށް ކުޅެވުނު އެންމެ ރަނގަޅަކަށް ކުޅުމަށް މި މަސައްކަތް ކުރަނީ. ޕްރިމިއާ ލީގުގައި ރަނގަޅަށް މި ދަނީ. ޓީމުގެ ކުޅުން ވަރަށް ރަނގަޅަށް މި ދަނީ. އަސްލު ކުރިން ޓީމުގައި ހުރި ބްރެޒިލް ފޯވަޑް ލުއިޒް އެޑުއާޑޯ ދިޔައިމަ މިހާރު ޓޮޕް ސްޓަރައިކަރަކަށް ކުޅޭތީ ކަންނޭނގެ އެހާ ގިނައިން ގޯލް ޖެހެނީ. ކުރިން އަރިމައްޗަށް ކުޅެފަ، މިހާރު މި ކުޅެނީ ސްޓްރައިކަރަކަށް،" ރިޒޭ ބުންޏެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ފެހެންދޫ އަދި އީގަލްސް ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރިޒޭ އީގަލްސްގެ ޓޮޕް ފޯވަޑަށް ކުޅެން ފެށީ މާލޭ ލީގައި ޕްރިމިއާ ލީގުގެ ފުރަތަމަ ކޮޅުގައި އެޓީމުގެ ކުރިއަށް ކުޅެ، ގިނަ ގޯލްތަކެއް ޖަހާފައިވާ ބްރެޒިލްގެ ފޯވަޑް ލުއިޒް އެޑުއާޑޯ ޓީމުން ފޮނުވާލުމުން އޭނާ ނެތްތައްފޫބެއްދުމަށެވެ. އީގަލްސްއިން ވަނީ މާލީ ހާލަތު ތަން ނުދޭތީ ލުއިޒްގެ އިތުރުން އޮސްޓްރޭލިއާގެ މިޑްފީލްޑަރު ޑެނިއަލް ޑިކްސަންއަށްވެސް ރިލީޒް ދީ ފޮނުވާލާފައެވެ.

ރިޒޭ ބުނީ ކުރީ ފަހަރު ގައުމީ ޓީމުން ފުރުސަތު ނުލިބުނު ނަމަވެސް، އެކަމަށް ޝަކުވާއެއް ނެތް ކަމަށެވެ. އަދި މިފަހަރުވެސް އުންމީދު ކުރަނީ ގައުމީ ޓީމުން ފުރުސަތު ލިބޭނެ ކަމަށް ކަމަށްވެސް އޭނާ ބުންޏެވެ.

"ޓީމުގެ ހުރިހާ ކަމެއްވެސް ރަނގަޅަށް ދަނީ. ގައުމީ ޓީމަށް ނަގާނެ ކަމަށް އަބަދުވެސް އުންމީދުގައި ހުންނާނީ. ނަގައިފިއްޔާ ހަމަ ޔަގީނުންވެސް އެންމެ މޮޅު ކުޅުމެއް ދައްކާނަން،" ރިޒޭ ބުންޏެވެ.

ރިޒޭގެ އިތުރުން ގްރީން ސްޓްރީޓްސްގެ ގޯލްކީޕަރު އިބްރާހީމް ލަބާން ފަދަ ކުޅުންތެރިންގެ ކުޅުން މިހާރު ލީގުން ފާހަގަކޮށްލެވޭ އިރު، ގައުމީ ޓީމުގެ ސްކޮޑު އިއުލާން ކުރާއިރު، ގިނަ ބަޔަކު އިންތިޒާރު ކުރާނީ އެންމެ ރަނގަޅު ފޯމުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދޭނެ ކަމަށެވެ. ފަސް މެޗުން ފަސް 16 ގޯލް ޖަހައި، ރިޒޭ ދިނީ ސިގްނަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރާހިމް

  އީގަލް އެކުޅުނު މެޗްތަކަށް ބަލާއަރު 1 މެޗުން ޑަބަލް ހެޓްރިކްވެސް ހެދެން ޖެހޭ. އެހާމެ ދަށް ފެންވަރުގެ ޓީމުތަކާއި އެކު މެޗްތައް ކުޅެފައި އެހުރީ. ނިއު، މާޒިޔާ، ޓީސީ، ގްރީންސްޓްރީޓް ފަދަ ޓީމަކާއިއެކު ހެޓްރިކް ހަދައިފިއްޔާ ބުނެވިދާނެ ރިޒޭ ހަމަ ތަފާތީއޭ.

  • Okay

   އެންމެންވެސް ކުޅެނީ ހަމަ ތިޓީމުތަކާ. ހަމަ ޖަހަންވީނުން

  • ޜަހިމު

   ރިޒޭ ވަނީ މީގެ ކުރިން ވެސް ތިކިޔާ މާޒިޔާ އަކާ ކުޅެ ހެޓްރިކް ހަދާފަ

 2. އެމް.ވީ.ޓެކް

  މިކަހަކަ ކިތަންމެ މޮޅު ކުޅުންތެރިންނެއް ފެންނާނެ. ނިކަން މުޅި ރާއްޖެ އަތްފުނާ އަޅައިގެން ހޯދާލަބަލަ ކެރޭނަމަ. އުއްމީދަކީ މިކަން ވާނެ ކަމަށް.