އަތޮޅު ތެރޭގައި ފުޓުބޯޅަ އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމަށް އެފްއޭއެމްއިން ހާއްސަ މަގުޗާޓެއް އިއުލާން ކުރީ މިމަހުގެ ކުރީކޮޅުގައެވެ.

ފީފާގެ ޕްރޮޖެކްޓެއްގެ ދަށުން އަތޮޅު ތެރޭގެ ފުޓުބޯޅަ ޑިވަލޮޕްމަންޓް ޕްރޮގްރާމްތަކެއް ފެށުމަށް އެފްއޭއެމްއިން ތައްޔާރުވަމުންދާ އިރު، އިތުރު ޕްރޮޖެކްޓެއްގެ ދަށުން 18 ރަށެއްގައި ވިނަ ދަނޑު (ނެޗުރަލް ގްރާސް ދަނޑު)ތަކެއް އެޅުމުގެ އަމަލީ މަސައްކަތް ފެށުމަށް އެފްއޭއެމްއިން ދަނީ ތައްޔާރުވަމުންނެވެ.

ދަނޑުތައް ތަރައްގީ ކުރާނެ ރަށްތައް އިއްޔެ އިއުލާން ކޮށްފައިވާ އިރު، އެ ރަށްތަކަކީ ހދ.ކުޅުދުއްފުށި، ށ.މިލަންދޫ، ބ.އޭދަފުށި، އއ.މާޅޮސް، ދ.ކުޑަހުވަދޫ، ގދ.ތިނަދޫ، ތ.ތިމަރަފުށި، ސ.ފޭދޫ، ޏ.ފުވައްމުލަށް، ހއ.މުރައިދޫ، ށ.ފޯކައިދޫ، ބ.ފެހެންދޫ، އދ.ފެންފުށި، ފ.ނިލަންދޫ، ގދ.ހޯޑެއްދޫ، ހއ.ދިއްދޫ، ސ.ހިތަދޫ އަދި ރ.އަލިފުށްޓެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ލިބުމާއެކު މި ރަށްތަކުގައި ދަނޑުތައް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށެވެ. ރަށްތައް އިއުލާން ކުރުމާއެކު ބައެއް ރަށްތަކުން އެފްއޭއެމްގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެއެވެ.

އެއް އަތޮޅެއްގެ ދެރަށެއްގައި ދަނޑު އަޅަން ނިންމުމާއި، ރާއްޖޭގެ ފުޓުބޯޅައަށް މުހިއްމު ކުޅުންތެރިންތަކެއް ގެނެސްދިން ރަށްރަށަށް ދަނޑު ނުލިބުމުން، އެކަމާ އެފްއޭއެމްއަށް ބައެއް ރަށްތަކުން ދަނީ ފާޑު ކިޔަމުންނެވެ. ހާއްސަކޮށް ނ. އަތޮޅު ފަދަ އަތޮޅުތައް ހިމެނެއެވެ. އެ އަތޮޅުގެ ބައެއް ރަށްރަށުގެ ޒުވާނުން ބުނެފައި ވަނީ ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ހޯދި ދެޓީމުގެ ކެޕްޓަން ކަންވެސް ކުރީ ނ. އަތޮޅަށް ނިސްބަތްވާ ދެ ކުޅުންތެރިން ކަމަށާއި، ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓުބޯޅަ މުބާރާތްވެސް ބާއްވަނީ އެ އަތޮޅުގައި ކަމަށްވުމުން އެ އަތޮޅަށް ދަނޑެއް ދިނުން ހައްގު ކަމަށެވެ.

އޭގެ އިތުރުން ބައެއް އަބާދީ ބޮޑެތި ސަރަހައްދުތަކުންވެސް ދަނޑުތައް ދިން ގޮތަށް ވަނީ ފާޑު ކިޔާފައެވެ. އެގޮތުން ލ. އަތޮޅު ފަދަ ބޮޑެތި ފަސްގަނޑުތަކާއި، ބޮޑެތި އާބާދީތައް ދިރިއުޅޭ ރަށްރަށަށް ދަނޑުތައް ނުދިނުމުން އެކަމަށް ވަނީ އެފްއޭއެމްއަށް ފާޑު ކިޔާފައެވެ.

އެފްއޭމް ހައުސް ---

ދަނޑުތައް އެޅުމަށް ރަށްތައް ކަނޑައެޅުމަށް ބެލި ގޮތާ ގުޅިގެން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ ރަށްތައް ކަނޑައެޅީ 2017 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ އަށެއްގައި ހިމެނުނު ރަށްތަކަށް ބަލައިގެން ކަމަށެވެ. އޭގެ އިތުރަށް ލިސްޓްގައި ހިމެނޭނީ ދެރަށް ކަމަށާއި، އެ ދެރަށަކީ ފުޓުބޯޅައިގެ މުސްތަގުބަލާއި، ހުނަރަށް އަދި މިނިވަން ޗެމްޕިއަންޝިޕްގެ ކާމިޔާބީއަށް ބެލުމަށްފަހު ކަނޑައެޅި ދެ ރަށް ކަމަށްވެސް ބައްސާމް ވިދާޅުވިއެވެ.

އެ ހިސާބުންވެސް ބައެއް ރަށްތަކުން ސުވާލުތަކެއް އުފެއްދިއެވެ. އޭގެ ކުރިން 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި ކާމިޔާބީ ހޯދި ޓީމުތައް އެކަހެރިކޮށް، އެންމެފަހު ދެ އަހަރަށް ބެލުމަކީ އެންމެ އެކަށޭނެ ގޮތެއްތޯ ބައެއް ރަށްރަށުން ސުވާލުކުރިއެވެ.

ރާއްޖޭގެ ހުރިހާ ރަށަކަށްވެސް އިންފްރާސްޓްރަކްޗާގެ މައްސަލަ ދިމާވެފައިވާ އިރު، ދަނޑުތަކާއި ފުޓުބޯޅައިގެ ވަސީލަތްތަކަށް ހުރިހާ ރަށަކުންވެސް ބޭނުންވެއެވެ. އެ ރަށްތަކަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ކުރިއަށް އޮތް އަހަރުތަކުގައި ފުރިހަމަ ކޮށްދެއްވާނެ ކަމަށް އެފްއޭއެމްއިން ވިދާޅުވަމުންދާ އިރު، އިއްޔެގެ ލިސްޓާ ގުޅިގެންވެސް ބައްސާމް އިތުރަށް ވިދާޅުވެފައި ވަނީ މުޅި ރާއްޖެއަށްވެސް ދަނޑުތައް ފޯރުކޮށްދޭނެ ކަމަށާއި، އަނެއް އަހަރުވެސް މިނިވަން ޗެމްޕިއަންޝިޕްގެ ނަތީޖާއަށް ބަލައި، އިތުރު ރަށްތަކެއްގައި ދަނޑުތައް އަޅާދޭނެ ކަމަށެވެ.

ދަނޑުތައް އެޅުމަށް ރަށްތައް ކަނޑައެޅުމާ ގުޅިގެން އާންމުންގެ، ޒުވާނުންގެ ބައެއް ޝަކުވާތައް ހުރުމުން އެކަމާ ގުޅިގެން އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) "ވަގުތު"އަށް ވިދާޅުވީ، އަތޮޅު ފުޓުބޯޅަ ތަރައްގީކޮށް، އަތޮޅު ތެރެއަށް ހާއްސަ ދަނޑުތަކާއި އެހެނިހެން ވަސީލަތްތައް ގާއިމް ކުރުމަކީ ވަރަށް ބޮޑު ޕްރޮޖެކްޓެއް ކަމަށެވެ. އަދި އޭގެ ތެރެއިން ރަށްތައް ހިޔާރުކުރީ ވަކި އުސޫލެއްގެ ދަށުން ކަމަށާއި، ވަކި ބަޔަކަށް ވަކި ކުޅުންތެރިޔަކު ހުރެގެން އެ ލިސްޓަށް ޓީމެއް ނުލެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކުރިންވެސް ވެފައޮތް ވައުދެއް 2017، 2018 ވަނަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ އަށަކަށްދާ ޓީމުތަކަށް ކުޅިވަރު އިންފްރާސްޓްރަކްޗާ ގާއިމްކޮށްދިނުމަކީ. ކުރިންވެސް އެކަން ވާނީ އިއުލާން ކުރެވިފައި. އެ އުސޫލަށް ބެލުމަށްފަހު ރަށްތައް ކަނޑައެޅީ. ވަކި ކުޅުންތެރިޔަކު ހުރި ރަށަކަށް ދަނޑު އަޅައިދިނުން އެއީ އުސޫލެއް ކަމަކަށް ނުދެކެން. ރަށްތަކުން މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރިވެ ކުރި ބުރަ މަސައްކަތަށް ދެވޭ ހަދިޔާއެއް މިއީ،" ޖަވާ ވިދާޅުވިއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ށ. ފޯކައިދޫ އަދި ފ. ނިލަންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ޖަވާ އިތުރަށް ވިދާޅުވީ އާބާދީ ބޮޑެތި ރަށްރަށުންވެސް މިނިވަން ޗެމްޕިއަންޝިޕްގައި ބައިވެރި ނުވުން، ނޫނީ ބައިވެރިވެގެން ނަތީޖާ ނުނެރެވުމަކީ އެފްއޭއެމްއިން ކުރާނެ ކަމެއް ނޫން ކަމަށާއި، އުސޫލަށް ބަލާ އިރު، އެފްއޭއެމްއަށް ބެލޭނީ ނެރެފައިވާ ނަތީޖާތަކަށް ކަމަށެވެ. އަދި ހަމައެއާއެކު ރަށްރަށުގައި ބޮޑެތި މުބާރާތްތައް ބޭއްވި ކަމުގައިވީ ނަމަވެސް، އެފްއޭއެމްއަށް ބެލޭނީ އެފްއޭއެމްގެ މުބާރާތްތަކަށް ކަމަށްވެސް ޖަވާ ވިދާޅުވިއެވެ.

މީގެ ކުރިން ވާހަކަ ދައްކަވަމުން އެފްއޭމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައި ވަނީ ރާއްޖޭގެ ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި، އަތޮޅު ތެރޭގެ ފުޓުބޯޅައަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމްއިން ފީފާގެ ފުލީ ފަންޑެޑް ޕްރޮޖެކްޓެއްގެ ދަށުން މިހާރު ކުރިއަށް ގެންދަނީ އަހަރަކު ގުދުރަތީ ވިނައިގެ 20 ދަނޑު އެޅުމުގެ މަސައްކަތް ކަމަށާއި، އެފަދަ އިންފްރާސްޓްރަކްޗާއެއް ގާއިމްވެގެން ދިއުމަކީ ރާއްޖޭގެ ފުޓުބޯޅައަށް ލިބޭނެ ބޮޑު ކުރިއެރުމަކަށް ކަމަށެވެ.

ރާއްޖެއިން މިދިޔަ މަހުގެ ތެރޭގައި ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް އުފުލާލާފައިވާ އިރު، އެ ޓީމުގެ ގާތްގަނޑަކަށް 98 ޕަސެންޓް ކުޅުންތެރިންނަކީ އަތޮޅު ތެރޭގެ އެކިއެކި ރަށްރަށަށް ނިސްބަތްވާ ކުޅުންތެރިންނެވެ. ހާއްސަކޮށް މިނިވަން ޗެމްޕިއަންޝިޕް ފަދަ މުބާރާތްތަކުން ވިދާލި ކުޅުންތެރިން އެ މުބާރާތުގައި ގައުމީ ޓީމުން ފެނުނުކަން ފާހަގަކޮށްލެވުނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. މުހައްމަދު

  ބައްސާމް އަދި ޖަވާގެ ވާހަކައަށް ވަރަށް ތާއީދު އެފްއޭއެމް އިން ބާވަމުން އަންނަ މިނިވަންޗެމްޕިއަންސިޕްގެ ކާމިޔާބީ ޓީމްތަކައް އިސްކަން ދިނުމަކީ ދެން ތިބި ޓީމްތައް އެމުބާރާތައް އަހުލުވެރި ކުރުމައް އެޅުނު ވަރައް ރަނގަޅުފާލެއް ސުކުރިއްޔާ ރައީސް ބައްސާމް

  • ބައްސާމޫ!!!!!!

   ކޮރަޕުސަން ހުރިހާ ތާކުވެސް !!
   ރ.މިީދޫ އަކީ 2018 ވަނަ އަހަރު ރ.އަތޮޅު ޗެމްޕިއަން!

 2. ގާށިމް

  ސަޅި ހޯދާ ކާމިޔާބަށް ބަލާފަ ތިފަދަ ފުރުސަތުތަށް ދޭންޖެހޭނީ

 3. މީދޫ މީހާ

  ރ. މީދޫ ކޮބާ؟

 4. ލޮސްއިންޖަލް

  އިބޫ ވެރިކަމަށް އައިސް ކުރާނޭ އާކަމެއް ނޯންނާނެއެވެ. ހުރިހާ ކަމެއްހެން އެހުރީ ފަށަން ތައްޔާރުވެ ، ފެށި ، ނިމި ، ނިމޭންކައިރިވެފައެވެ. އިބޫއަށް ކުރަން އޮތްކަމަކީ ބަހާދިނުމާއި ކެއުމެވެ.

 5. އިދުރީސް

  އުނގޫފާރު ކޮބާ

 6. ާއޭއާރް

  ބ. ފެހެންދޫ ޓީމު ގަ ތިބީ ހަމައކަނި އެރަށު މީހުންނެއް ނޫން.... އަތޮޅު ގެ އެކި ރަށްތަށުގެ މީހުން...އެހެންވީމަ މިއީ އެއްވެސް ވަރަކަށް އިންސާފުން ކުރިކަމެއް ނޫން..އެރަށެއް ވުރެ ބ.އަތޮޅު ގަ އެބަހުރި ދަނޑު އަޅާދެން މާ އައުލާކަން ބޮޑު ރަށްރަށް....އަނެއް ކަމަކީ އެދަފުށީ ގަ ދަނޑު އަޅާށޭ ކިޔާފަ ބޭކާރު ލާރި ތަކެއް ދޯ ތިހަރަދު ކުރަނީ.. މިހާރު ވެސް އެ ރަށުގަ ފެންވަރު ރަގަނޅު ދަނޑެއް އެބަ އޮއް.