ބަލިކަށިކޮށް އޮންނައިރު ރެއާލް މެޑްރިޑްގެ ނުރައްކާ މާބޮޑު ވާނެ ކަމަށް ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

ސްޕެނިޝް ލީގުގައި މިރޭ ރެއާލް އާއި ބާސާ ބައްދަލުކުރާއިރު، މިދިޔަ މަހުގެ 22 ވަނަ ދުވަހަށްފަހު ލީގުގައި ރެއާލް އަށް މޮޅެއް ހޯދިފައެއް ނުވެއެވެ. ރެއާލް މިވަގުތު އޮތީ 14 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ. ބާސާ އޮތީ 18 ޕޮއިންޓާ އެކު ލީގުގެ ދެވަނައިގައެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ޥާހަކަދައްކަމުން ވަލްވާޑޭ ބުނީ ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި ރެއާލް މެޑްރިޑް އޮތް ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަށް އެއްވެސް ގޮތަކަށް ފޯކަސް ނުކުރާ ކަމަށާއި ރެއާލް އަކީ އިދިކޮޅު ޓީމަށް ގެއްލުންތަކެއް ދެވިދާނެ ފެންވަރުގެ މޮޅެތި ކުޅުންތެރިން ތިބި ޓީމެއް ކަމަށެވެ.

"ރެއާލްގެ ގޮތް އަހަރުމެންނަށް އިނގޭ. ބަލިކަށިކޮށް އޮންނަ ވަގުތުތަކުގައި އެމީހުންގެ ނުރައްކާ މާ ބޮޑުވާނެ. އަހަރެން އުއްމީދު ކުރަނީ އެންމެ މޮޅު ރެއާލް މިރޭ ފެންނާނެ ކަމަށް" ވަލްވާޑޭ ބުންޏެވެ.

ލީގުގައި ދަށް ނަތީޖާތަކެއް ރެއާލް އިން ނެރުނު ނަމަވެސް ރެއާލް އިން ރަނގަޅު ކުޅުމެއް މި ސީޒަނުގައި ދައްކަމުން އަންނަ ކަމަށާއި އަދި ގޯލްޖަހާނެ ގިނަ ފުރުސަތުތަކެއް ވެސް އެޓީމުން ތަނަވަސްކުރަމުން އަންނަކަން ވަލްވާޑޭ ފާހަގަކުރިއެވެ. އަދި މިއީ ބާސާ އިން މިރޭގެ މެޗަށް ނިކުންނައިރު ސަމާލުވާންޖެހޭ ކަމެއް ކަމަށްވެސް ވަލްވާޑޭ ބުންޏެވެ.

"އެންމެފަހުން ލީގުގައި ލެވަންޓޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި ރެއާލް އިން ގޯލްޖަހާނެ 10 ފުރުސަތު ތަނަވަސްކުރި. ރެއާލްގެ އެޓޭކިން ފެންވަރު މީގެއިން ވެސް ހާމަ އެބަވޭ" ވަލްވާޑޭ ބުންޏެވެ.

ރެއާލް އާއި ދެކޮޅަށް ބާސާ މިރޭ ނިކުންނައިރު އަނިޔާގެ ސަބަބުން ބާސާގެ ކެޕްޓަން އަދި އެޓީމުގެ ކުރީގައި ހަރަކާތްތެރިވާ އެންމެ މުހިއްމު ކުޅުންތެރިޔާ ކަމަށް ލިއޮނަލް މެސީ އަށް މި މެޗުގައި ނުކުޅެވޭނެއެވެ.

ބާސާގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 8:15 ގައެވެ.