މައުރޯ އިކާޑީ ކާމިޔާބުކުރި ދެ ގޯލުން ލާޒިޔޯގެ މައްޗަށް 3-0 އިން ކުރި ހޯދާ، އިޓާލިއަން ލީގުގެ ދެވަނަ އަށް އިންޓަ މިލާން އަރައިފިއެވެ.

ރޭގެ މޮޅާއެކު އިންޓަ ލީގުގެ ދެވަނައިގައި އޮތީ 22 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ނަޕޯލީ އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު އިންޓަ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ލީގުގެ އެއްވަނައިގައި 28 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސްއެވެ.

ލާޒިޔޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި އިންޓަގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު އެޓީމުގެ ފުރަތަމަ ގޯލު މެޗުގެ 28 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކެޕްޓަން އިކާޑީއެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ބްރޮޒޮވިޗް ވަނީ އިންޓަގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް އިންޓަ އިން ނިންމާލިއިރު ދެވަނަ ހާފްގައި ވެސް އެޓީމުން ދިޔައީ ލާޒިޔޯގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން މެޗުގެ 70 ވަނަ މިނެޓްގައި އިކާޑީ ވަނީ އިންޓަގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު މި މެޗުން ކަށަވަރުކޮށްދީފައެވެ. ރޭގެ މެޗުގައި ކާމިޔާބުކުރި ދެ ގޯލާއެކު ލީގުގައި އިކާޑީ ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ ހަޔަކަށް އަރާފައެވެ.

ލީގުގައި އިންޓަ އިން 10 މެޗު މިހާތަނަށް ކުޅެފައިވާއިރު އެޓީމު މިހާތަނަށް ބަލިވެފައިވަނީ އެންމެ ދެ މެޗުންނެވެ. 10 މެޗުގެ ތެރެއިން ހަތް މެޗުން އިންޓަ ވަނީ މޮޅުވެފައެވެ.

ލީގުގައި އިންޓަ ދެން ބައްދަލުކުރާނީ ޖެނޯއާ އާއެވެ.