މަޝްހޫރު ލަވަކިއުންތެރިޔާ ސެލީނާ ގޮމޭޒް ފަހަަތަަށް ޖައްސާލުމަށް ފަހު، އިންސްޓަގްރާމްގައި އެންމެ ގިނަ މީހުން ފޮލާކުރާ މީހަކަށް ޔުވެންޓަސް އަށް ކުޅެމުންދާ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ.

އިންސްޓަގްރާމްގައި ރޮނާލްޑޯގެ ފޮލޯވަރުންގެ އަދަދު މިހާރު ވަނީ 144،589،618 އަށް އަރާފައެވެ. ސެލީނާގެ ފޮލޯވަރުންގެ އަދަދު މިހާރު އުޅެނީ 144،408،157 ގައެވެ. އިންސްޓަގްރާމްގައި އެންމެ ގިނަ މީހުން ފޮލޯ ކުރާ މީހާގެ ލަގަބު ސެލީނާ އަތުން ގެއްލިފައި މިވަނީ ދެ އަހަރަށްފަހުއެވެ.

އެމެރިކާ އަށް އުފަން އުމުރުން 26 އަހަރުގެ ސެލީނާ އިންސްޓަގްރާމްގައި އެންމެފަހުން ޕޯސްޓެއް ކޮށްފައިވަނީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ. އެ ޕޯސްޓުގައި ސެލީނާ ވަނީ ސޯޝަލް މީޑިޔާ އިން "ބްރޭކެއް" ނެގުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ.

ތަފާތު އެކި ފޮޓޯތައް އިންސްޓަގްރާމްގައި ޕޯސްޓުކުރާ ސެލީނާގެ ކޮންމެ ޕޯސްޓަކަށް ވެސް މިލިއަނުން ލައިކްސް ލިބެމުންދެއެވެ. އެގޮތުން ސެލީނާ އެންމެފަހުން ކޮށްފައިވާ ޕޯސްޓަށް ވެސް 8 މިލިއަން ލައިކްސް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

އުމުރުން 33 އަހަރުގެ ރޮނާލްޑޯ އިންސްޓަގްރާމްގައި އާއްމުކޮށް ކުރާ ޕޯސްޓުތަކުގެ ތެރޭގައި ހިމެނެނީ ކުޅިވަރާއި އާއިލާގެ އިތުރުން ބައެއް މެޗުތަކުގެ ފޮޓޯތަކުގެ އިތުރުން އޭނާގެ ހަތަރު ކުދިންގެ ފޮޓޯތަކެވެ. ރޮނާލްޑޯ އަކީ އިންސްޓަގްރާމްގެ އިތުރުން ފޭސްބުކް އާއި ޓްވިޓާ ފަދަ ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކުގައި ވެސް މަގުބޫލު ފަރާތެކެވެ.

އިންސްޓަގްރާމްގައި މަޝްހޫރު އެހެން މީހުންގެ ފޮލޯވަރުންގެ އަދަދަށް ބަލާއިރު، މަޝްހޫރު ލަވަކިޔުންތެރިޔާ އަރިއާނާ ގްރާންޑޭގެ ފޮލޯވަރުންގެ އަދަދު އުޅެނީ 132 މިލިއަންގައެވެ. މީގެއިތުރުން ބިޔޯންސޭގެ ފޮލޯވަރުންގެ އަދަދު 119 މިލިއަނުގައި އުޅޭއިރު ބާސެލޯނާ އަށް ކުޅެމުން އަންނަ ލިއޮނަލް މެސީގެ ފޮލޯވަރުންގެ އަދަދު އުޅެނީ 100 މިލިއަނުގައެވެ.