ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ލިވަޕޫލް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ލިވަޕޫލް މިހާރު އޮތީ 27 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގައެވެ. ނަމަވެސް ލީގުގެ ދެވަނައިގައި 26 ޕޮއިންޓާ އެކު އޮތް މެންޗެސްޓަރ ސިޓީ މިރޭގެ މެޗުން މޮޅުވެއްޖެނަމަ ލީގުގެ އެއްވަނަ އަށް އެޓީމު އަލުން އަރާނެއެވެ. ރޭގެ މެޗުން ލިބުނު އެއް ޕޮއިންޓާ އެކު އާސެނަލް އޮތީ 23 ޕޮއިންޓާ އެކު ލީގުގެ ފަސްވަނައިގައެވެ.

އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު ފޯރިގަދަ މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބިފައިވެއެވެ. އެގޮތުން ލިވަޕޫލްގެ ފަމީނޯ އާއި ވެންޑައިކް ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު، ވެންޑައިކް ފޮނުވާލި އިތުރު ހަމަލާއެއް އާސެނަލްގެ ކީޕަރު ލެނޯ ވަނީ ދިފާއުކޮށްފައެވެ.

މި ހާފުގައި އާސެނަލް އިން ލިވަޕޫލްގެ ގޯލަށް އެންމެ ނުރައްކާތެރި ދެ ހަމަލާވެސް ފޮނުވާލާފައިވަނީ އެޓީމުގެ ފޯވާޑް ލަކަޒެޓްއެވެ. އެގޮތުން އޭނާ ފޮނުވާލި އެއް ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ދިފާއުކުރިއިރު އަނެއް ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 61 ވަނަ މިނެޓްގައި ޖޭމްސް މިލްނާ ވަނީ ލިވަޕޫލަށް ލީޑު ނަގާދީފައެވެ. މި ގޯލު މިލްނާ ކާމިޔާބުކުރީ އާސެނަލްގެ ކީޕަރު އަތުން ބޯޅަ ދޫވުމާއެކު ފޮނުވާލި ބާރު ހަމަލާއަކުންނެވެ. މި ގޯލާއެކު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ނަތީޖާ އެއްވަރުކޮށްލަން އާސެނަލްގެ މިޑްފީލްޑަރު ޓޮރެއިރާ އަށް ރަނގަޅު ފުރުސަތެއް ލިބިފައިވެއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ނަތީޖާ އެއްވަރުކުރަން އާސެނަލް އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދިޔައިރު، އެޓީމަށް މިކަން ކާމިޔާބުވީ މެޗުގެ 82 ވަނަ މިނެޓްގައެވެ. އެގޮތުން މި ގޯލު އާސެނަލް އަށް ކާމިޔާބުކޮށްދިނީ ލަކަޒެޓް ކަމަށްވާއިރު އޭނާ މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ އަރިމަތީގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ރޭގެ މެޗު އެއްވަރުވެގެން ނިމުނުއިރު މިއީ އާސެނަލް އިން ބަލިނުވެ ހަމަކުރި 14 ވަނަ މެޗުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ވުލްވްސްއާއެވެ. ލިވަޕޫލް ނިކުންނާނީ ފުލަމްއާ ދެކޮޅަށެވެ.