ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ޗެލްސީ އާއި މެންޗެސްޓަރ ސިޓީ ވެސް މޮޅުވެއްޖެއެވެ.

މި ނަތީޖާތަކާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 29 ޕޮއިންޓާ އެކުއެވެ. ޗެލްސީ ދެވަނައިގައި އޮތީ 27 ޕޮއިންޓާއެކު ކަމަށްވާއިރު، ތިންވަނައިގައި އޮތް ލިވަޕޫލަށް ވެސް ހަމަ އެ އަދަދަށް ވަނީ ޕޮއިންޓު ލިބިފައެވެ. ނަމަވެސް ޗެލްސީ އަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ.

ޗެލްސީ ރޭ މޮޅުވީ އަމިއްލަ ދަނޑުގައި ލީގުގެ 14 ވަނައިގައި އޮތް ކްރިސްޓަލް ޕެލެސް އާއި ބައްދަލުކޮށް 3-1 އިންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފްގައި ޗެލްސީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެން ގޮސްފައިވީ ނަމަވެސް މެޗުގެ 32 ވަނަ މިނެޓްގައި އަލްވަރޯ މޮރާޓާ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. ނަމަވެސް ދެވަނަ ހާފްގެ ކުރީކޮޅު ޓައުންސެންޑް ވަނީ ޕެލެސް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޕެލެސްގެ މި ގޯލާއެކު ޗެލްސީން ވަނީ އެޓޭކް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން އެޑެން ހަޒާޑް ކުޅެން އަރުވާފައެވެ. އެގޮތުން ހަޒާޑް ނަގައިދިން ހުރަހަކުން މެޗުގެ 65 ވަނަ މިނެޓްގައި ޗެލްސީގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ މޮރާޓާއެވެ. އަދި މި މެޗުން ޗެލްސީ އަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު އޭގެ ފަސް މިނެޓް ފަހުން ކާމިޔާބުކޮށްދިނީ ޕެޑްރޯއެވެ.

ލީގުގައި މިހާތަނަށް 11 މެޗު ކުޅެ ނިމުނުއިރު ޗެލްސީ އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ. ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ އެވަޓަންއާއެވެ.

ސިޓީ ރޭ ފަސޭހަކަމާއެކު މޮޅުވީ ލީގުގެ 16 ވަނައިގައި އޮތް ސައުތްހެމްޓަން އާއި ބައްދަލުކޮށް 1-6 އިންނެވެ. މިއީ މި ސީޒަނުގައި ސިޓީން ޓީމެއް ކޮޅަށް ހަ ލަނޑު ޖެހި ދެވަނަ ފަހަރެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ 20 މިނެޓްތެރޭ ސިޓީން ވަނީ ތިން ގޯލު ކާމިޔާބުކޮށްފައެވެ. އެގޮތުން ސިޓީގެ ފުރަތަމަ ގޯލަކީ ސައުތްހެމްޓަންގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ގޯލަކަށްވާއިރު، އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއެރޯ އާއި ޑޭވިޑް ސިލްވާއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ރަހީމް ސްޓާލިން ސިޓީގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދިންއިރު ސިޓީގެ ފަސްވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ އޭނާއެވެ. އަދި ސިޓީގެ ފަހު ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ. ސައުތްހެމްޓަންގެ ހަމައެކަނި ގޯލު މި މެޗުގައި ކާމިޔާބުކޮށްދިނީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން އިންގްސްއެވެ.

މިއީ ސިޓީން ލީގުގައި ޖެހިޖެހިގެން ހޯދި ތިންވަނަ މޮޅު ކަމަށްވާއިރު، ލީގުގައި އެޓީމު ވެސް އަދި މެޗަކުން ބަލިވެފައެއް ނުވެއެވެ، ލީގުގައި ސިޓީ ދެން ބައްދަލުކުރާނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއެވެ.