އިންޓަ މިލާން އާއި 1-1 އިން އެއްވަރުކޮށް ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ޖާގައެއް ބާސެލޯނާ އިން ހޯދައިފިއެވެ.

ރޭގެ ނަތީޖާއާއެކު 10 ޕޮއިންޓާ އެކު ބާސާ އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ. ދެވަނައިގައި ހަތް ޕޮއިންޓާ އެކު އިންޓަ އޮތްއިރު ތިންވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމްއެވެ. ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ޕީއެސްވީއެވެ. ބާސާ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރިއިރު، ގްރޫޕް ސްޓޭޖުގައި އެޓީމަށް ބާކީ އަދި ދެ މެޗު އެބައޮތެވެ.

އިންޓަގެ ސެންސީރޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗުގައި ބާސާގެ އިތުބާރު ފޯވާޑް ލިއޮނަލް މެސީ ކުޅެފައިނުވާއިރު މި މެޗުގައި އެޓީމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާ އިންޓަގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން ފުރަތަމަ ހާފްގައި ޑެމްބެލޭ ފޮނުވާލި ހަމަލާއެއް ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިންޓަގެ ގޯލްކީޕަރު ހެންޑޮނޮވިޗް ދިފާއުކުރިއިރު ސުއަރޭޒް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.

ދެވަނަ ހާފްގައި ވެސް ބާސާ އިން އިންޓަގެ ގޯލަށް ނުރައްކާ ކުރަމުންދިޔައިރު، މެޗުގެ 83 ވަނަ މިނެޓްގައި އެޓީމުން ވަނީ ލީޑު ނަގާފައެވެ. މި ގޯލު ބާސާ އަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި މެލްކޮމްއެވެ. މިއި ބާސާ އަށް ބަދަލުވިފަހުން މެލްކޮމް ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

މި ގޯލާއެކު ބާސާ މެޗުން މޮޅުވާން ދަނިކޮށް މެޗުގެ 87 ވަނަ މިނެޓްގައި މައުރޯ އިކާޑީ ވަނީ އިންޓަ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީ އެޓީމަށް މި މެޗުން ޕޮއިންޓެއް ހޯދާދީފައެވެ. އިކާޑީ މި ގޯލު ކާމިޔާބުކުރީ މުޅި މެޗުގައި ވެސް ބާސާގެ ގޯލާ އަމާޒުކޮށް އިންޓަ އިން ފޮނުވާލި ފުރަތަމަ ހަމަލާއިންނެވެ.

މުބާރާތުގެ ދެވަނަ ބުރަށް ބާސާ ދަތުރުކޮށްފައިވާއިރު އެޓީމު ދެން ބައްދަލުކުރާނީ ޕީއެސްވީއާއެވެ. އަދި ގްރޫޕްގެ ފަހު މެޗުގައި ބާސާ ނިކުންނާނީ ޓޮޓެންހަމް އާއި ދެކޮޅަށެވެ.