މާދަމާއިން ފެށިގެން މިމަހުގެ 11 ދުވަހާ ހަމައަށް ޓައިވާނުގެ ކައުހްސިއުންގުގައި ބާއްވާ 10 ވަނަ އިލެކްޓްރޯނިކް ސްޕޯޓްސް ވޯލްޑް ޗެމްޕިއަންޝިޕް 2018 ގައި ބައިވެރިވާ ދިވެހި އެތްލީޓް މިއަދު ފުރައިފިއެވެ. މި މުބާރާތުގައި އީސްޕޯޓްސް ކުޅިވަރުތަކުގެ ތެރެއިން ދިވެހިރާއްޖެ ބައިވެރިވުމަށް ހަމަޖެހިފައިވަނީ ޓެކަން ކެޓަގަރީގައި ހަސަން ހިސާން އަޙްމަދެވެ.

ހިސާން ވަނީ މޯލްޑިވްސް އީސްޕޯޓްސް އެސޯސިއޭޝަން (މީސާ) އިން އިންތިޒާމް ކޮށްގެން ޓެކަން ކެޓަގަރީގެ އީސްޕޯޓްސް ގައުމީ އެތްލީޓު ހޮވުމަށް ބޭއްވި މުބާރާތް ކަމުގައިވާ އީސީއެސް 2017 ގެ ޗެމްޕިއަންކަން ހޯދާފައެވެ، އަދި އޭގެފަހުންވެސް މާލޭގައި އެންމެންނަށް ހުޅުވާލާއިގެން ބޭއްވި ޓެކަން މުބާރާތެއްގެ ޗެމްޕިއަނަކީ ވެސް އޭނާ އެވެ.

ހިސާން އަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު ޓެކަން ކުޅުންތެރިޔާއެވެ. އަދި މިއީ ހިސާން ބައިވެރިވާ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ.

މީގެ ކުރީގެ އަހަރުތަކުގައި ޓެކަން ކެޓަގަރީގައި ރާއްޖެ ތަމްސީލުކޮއްދީފައިވަނީ މިހާރު ރިޓަޔާ ކޮށްފައިވާ ޝިބާން އައްބާސްއެވެ. ޝިބާން ވަނީ 2013 ވަނަ އަހަރު ޓެކަންގެ ދުނިޔޭގެ ގަދަ 16ގައި ވާދަކޮއްފައެވެ.

މީސާ އިން މަޢުލޫމާތު ދޭގޮތުގައި މިއަދު ފުރާފައިވާ އެތުލީޓްގެ ފުރަތަމަ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. ރާއްޖޭގެ ގުރޫޕުގައި ހިމެނިފައިވަނީ ރާއްޖޭގެ އިތުރުން ޖަޕާން، ވިއެޓްނާމް އަދި އިންޑޮނީޝިއާއެވެ.

ރާއްޖޭގެ އެތުލީޓުން ބައިވެރިމިވާ މި މުބާރާތަކީ އިންޓަނޭޝަނަލް އީސްޕޯޓްސް ފެޑަރޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މުބާރާތެކެވެ. މިހާތަނައް ރާއްޖެއިން ވަނީ 5 އަހަރު މިމުބާރާތުގައި ބައިވެރިވެފައެވެ. އަދި އެންމެ ދުރަށް ދަތުރުކޮއްފައިވަނީ ފީފާގެ ކުއާޓާފައިނަލާއި ހަމައަށް އަބްދުاللّٰه އާސިފް މުސްތަފާއެވެ.