ގެބްރިއަލް ޖީސެސްގެ ހެޓްރިކާއެކު ޔުކްރޭންގެ ޝަހްތަރު ޑޮނެޓްސްކްގެ މައްޗަށް 6-0 އިން ކުރި ހޯދާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރާއި ގާތަށް މެންޗެސްޓަރ ސިޓީ ޖެހިލައިފިއެވެ.

މި މޮޅާއެކު ސިޓީ އޮތީ 9 ޕޮއިންޓާ އެކު ގްރޫޕް އެފްގެ އެއްވަނައިގައެވެ. ދެވަނައިގައި ހަ ޕޮއިންޓާ އެކު ލިޔޯން އޮތްއިރު ތިންވަނައިގައި ތިން ޕޮއިންޓާ އެކު އޮތީ ހޮފެންހެއިމްއެވެ. ގްރޫޕްގެ ފުލުގައި އޮތީ ދެ ޕޮއިންޓާ އެކު އޮތީ ޝަހްތަރު ޑޮނެޓްސްކްއެވެ.

ސިޓީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު އެޓީމަށް މެޗުގެ 13 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑޭވިޑް ސިލްވާއެވެ. މެޗުގެ 24 ވަނަ މިނެޓްގައި ސިޓީ އަށް ލިބުނު ޕެނަލްޓީ އަކުން ގެބްރިއަލް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ތިންވަނަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންއެވެ. ސިޓީގެ ހަތަރުވަނަ ގޯލަކީ ވެސް އެޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރި ގޯލަކަށްވާއިރު މި ގޯލުވެސް ކާމިޔާބުކޮށްދިނީ ގެބްރިއަލްއެވެ.

ސިޓީގެ ފަސްވަނަ ގޯލު މެޗުގެ 84 ވަނަ މިނެޓްގައި ރިޔާދު މަހްރޭޒް ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަހު ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދީ ގެބްރިއަލް ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

ބޮޑު ތަފާތަކުން ސިޓީ ރޭ މޮޅުވިއިރު މިއީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ސިޓީން ހޯދި އެންމެ ބޮޑު މޮޅުވެސް މެއެވެ.

ގްރޫޕް ސްޓޭޖުގައި ސިޓީން ދެން ބައްދަލުކުރާނީ ލިޔޯން އާއި ކަމަށްވާއިރު އެ މެޗުން މޮޅުވެއްޖެނަމަ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ސިޓީ ދަތުރުކުރާނެއެވެ.