ޑޭވިޑް ސިލްވާގެ ދެ ގޯލާ އެކު ސްޓޯކް ސިޓީގެ މައްޗަށް 0-2 އިން ކުރި ހޯދާ ޕްރިމިއަރ ލީގު ހޯދުމާ ގާތަށް މެންޗެސްޓަރ ސިޓީން ޖެހިލައިފިއެވެ.

ރޭގެ މޮޅާއެކު ލީގުގެ އެއްވަނައިގައި ސިޓީ މިހާރު އޮތީ 81 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި 65 ޕޮއިންޓާ އެކު މެންޗެސްޓަރ ޔުނައިޓެޑް އޮތްއިރު ތިންވަނައިގައި 61 ޕޮއިންޓާ އެކު އޮތީ ޓޮޓެންހަމްއެވެ. އަދި ހަތަރުވަނައިގައި 60 ޕޮއިންޓާ އެކު އޮތީ ލިވަޕޫލްއެވެ. ރޭގެ މެޗުން ބަލިވި ސްޓޯކް އޮތީ 27 ޕޮއިންޓާ އެކު ލީގުގެ 19 ވަނައިގައެވެ.

ރޭގެ މެޗުން މޮޅުވުމުން ލީގު ހޯދުމަށް ސިޓީ އަށް މިހާރު ވަނީ އެންމެ ދެ މޮޅުކަން ފާހަގަކޮށްލެވެއެވެ. ލީގުގައި ކޮންމެ ޓީމަކަށް ވެސް ބާކީ އަދި އަށް މެޗު އެބައޮތެވެ.

ސްޓޯކްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 10 ވަނަ މިނެޓްގައި ސިލްވާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި ސިޓީގެ ދެވަނަ ގޯލު ދެވަނަ ހާފްގެ ކުރީކޮޅު ވެސް ކާމިޔާބުކޮށްދިނީ ސިލްވާއެވެ. މި ދެ ގޯލާއެކު މި ސީޒަނުގެ ޕްރިމިއަރ ލީގުގައި އޭނާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 8 އަށް އަރާފައެވެ.

މި ދެ ގޯލަށްފަހު ވެސް މި މެޗުގައި ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ސިޓީން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ސްޓާލިން އާއި ފާނަންޑީނިއޯ އަދި ސާނޭ ފޮނުވާލި ހަމަލާތަށް ފާހަގަކޮށްލެވެއެވެ.

ސްޓޯކްގެ ފަރާތުން ދަށް ކުޅުމެއް ރޭގެ މެޗުގައި ފެނިގެންދިޔައިރު ސިޓީގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ރޭގެ މެޗުގައި އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

ލީގު ހޯދުމަށް ސިޓީ އަށް މިހާރު ބޭނުންވަނީ އެންމެ ދެ މޮޅު ކަމަށްވާއިރު ލީގުގައި އެޓީމު ދެން ބައްދަލުކުރާނީ އެވަޓަންއާއެވެ. އެއަށްފަހު ސިޓީ ނިކުންނާނީ ވާދަވެރި މެންޗެސްޓަރ ޔުނައިޓެޑާއި ދެކޮޅަށެވެ.