ބާސެލޯނާ އިން ލިވަޕޫލްގެ ކުޅުންތެރިއަކު ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ގަންނަން ބޭނުންވާނަމަ އިތުރަށް 100 މިލިއަން ޔޫރޯ ލިވަޕޫލަށް ދައްކަންޖެހޭ ގޮތް ހަދައިފިއެވެ.

ފާއިތުވި އަހަރުތަކުގެ ތެރޭގައި ލިވަޕޫލަށް ކުޅެމުން އައި މުހިއްމު ބައެއް ކުޅުންތެރިން ބާސާ އަށް ގެންގޮސްފައިވާއިރު އިނގިރޭސި މީޑިޔާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ލިވަޕޫލް އާއި ބާސާ އާއި ދެމެދު މިގޮތަށް އެއްބަސްވެފައިވަނީ، ލިވަޕޫލަށް ކުޅެމުން އައި ފިލިޕް ކުޓީނިއޯ ބާސާ އަށް ވިއްކާލުމަށް ކުރެވުނު މަޝްވަރާތަކުގައެވެ. މިއަހަރުގެ ޖެނުއަރީގައި ކުޓީނިއޯ ބާސާ އަށް ބަދަލުވީ 142 މިލިއަން ޕައުންޑުގެ އަގަކަށެވެ.

ލިވަޕޫލް އިން ބާސާ އާއެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން 2020 ވަނަ އަހަރާއި ހަމައަށް ބާސާ އިން ލިވަޕޫލްގެ އެއްވެސް ކުޅުންތެރިއަކު ގަންނަން ބޭނުންވާނަމަ ދެ ކްލަބުގެ ދެމެދުގައި އެއްބަސްވެވޭ ފީއެއްގެ އިތުރަށް ބާސާ އިން 100 މިލިއަން ޔޫރޯ ދައްކަންޖެހޭނެއެވެ. މިއާއެކު ލިވަޕޫލްގެ ކުޅުންތެރިން ގަތުމުގެ ޝައުގުވެރިކަން ބާސާ އިން ވަގުތީ ގޮތުން މަޑުޖައްސާލާނެ ކަމަށް ބެލެވެއެވެ.

ބްރެޒިލް އަށް އުފަން ކުޓީނިއޯގެ އިތުރުން ބާސާ އިން 2014 ވަނަ އަހަރު ވަނީ ލިވަޕޫލް އަށް ކުޅެމުން އައި އުރުގުއޭގެ އިތުބާރު ފޯވާޑް ލުއިސް ސުއަރޭޒް 75 މިލިއަން ޕައުންޑުގެ އަގަކަށް ގެންގޮސްފައެވެ. މީގެއިތުރުން 2010 ވަނަ އަހަރު ބާސާ އިން ވަނީ ލިވަޕޫލް އަށް ކުޅެމުން އައި އާޖެންޓީނާގެ ޑިފެންޑަރު ހާވިއޭ މަޝެރާނޯ 17.25 މިލިއަން ޕައުންޑަށް ގެންގޮސްފައެވެ.

ލިވަޕޫލްގައި ތިބެގެން މި ކުޅުންތެރިންނަށް ކާމިޔާބީތަކެއް ހޯދިފައިނުވި ނަމަވެސް ބާސާ އަށް ބަދަލުވެ މި ކުޅުންތެރިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ކުޓީނިއޯގެ ފުރަތަމަ ސީޒަނުގައި ވެސް އޭނާ ވަނީ ބާސާއާއެކު ދެ ތަށްޓެއް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ވަލްވާޑޭ

    ބައްޔެއްނު މައެ ނޫޅެމޭ ލިވަ ޕޫލުން ކުޅުންތެރިން ގަންނާކަށް...ތި އުޅެނީ ސަލާހް ގަނެދާނެތީނު