މެންޗެސްޓަރ ސިޓީ އަކީ ވަރުގަދަ ޓީމެއް ކަމަށާއި އެޓީމު ބަލިކުރެވޭނީ 150 ޕަސެންޓް ދީގެން ކަމަށް ލިޔޯންގެ ކޯޗު ބްރޫނޯ ގެނެސިއޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިރޭ ސިޓީ އާއި ލިޔޯން ބައްދަލުކުރާއިރު، މި ދެ ޓީމު ސިޓީގެ ދަނޑުގައި ބައްދަލުކުރި މެޗު 1-2 އިން ލިޔޯން އިން ވަނީ ކާމިޔާބުކޮށްފައެވެ. މިރޭގެ މެޗަށް ނިކުންނައިރު ލިޔޯން އޮތީ ގްރޫޕް އެފްގެ ދެވަނައިގައި ހަ ޕޮއިންޓާ އެކުއެވެ. އެއްވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ސިޓީއެވެ.

މިރޭގެ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ގެނެސިއޯ ބުނީ ލިޔޯން އިން މިރޭ ނިކުންނަނީ އެޓީމަށް ވުރެ ވަރުގަދަ ޓީމަކާއި ދެކޮޅަށް ކަމަށާއި ނަމަވެސް ސިޓީ ވެސް ބަލިކުރެވޭނެކަން މީގެކުރިން ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި އުއްމީދަކީ މިރޭ ވެސް އެފަދަ ނަތީޖާއެއް ތަކުރާރުކުރުން ކަމަށްވެސް އޭނާ ބުންޏެވެ.

"މިރޭ ވެސް އެފަދަ ކަމެއް ތަކުރާރު ކުރެވޭތޯ އަހަރުމެން ބަލާނަން. ހުރިހާ ކުޅުންތެރިން ވެސް މިރޭ 150 ޕަސެންޓް ދޭންޖެހޭ" ގެނެސިއޯ ބުންޏެވެ.

މިރޭގެ މެޗަށް ނިކުންނައިރު އަނިޔާގެ ސަބަބުން ލިޔޯންގެ ކެޕްޓަން އަދި އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ ކަމަށްވާ ނަބީލް ފެކީރް އަށް ކުޅެވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

"ފެކީރް އަކީ އަހަރުމެންގެ ކެޕްޓަން އަދި ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ. އޭނާ އަކީ ލިޔޯން އަށް ވަރަށް ބޭނުންތެރި ކުޅުންތެރިއެއް. ފަރިތަކުރުންތަކަށްފަހު ފެކީރްގެ ހާލަތު ހުރިގޮތް އަހަރުމެން ބަލާނަން. އަހަރުމެން ބޭނުންވޭ ހުރިހާ ކުޅުންތެރިން ވެސް މިރޭގެ މެޗަށް މުޅިން ފިޓުކޮށް ތިބެން" ގެނެސިއޯ ބުންޏެވެ.

ލިޔޯންގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 1 ޖަހާއިރުއެވެ.