ސެވިއްޔާ އަތުން 1-2 އިން ބަލިވެ ޗެމްޕިއަންސް ލީގުން މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފިއެވެ.

މުބާރާތުގެ ގަދަ 16 ގެ ދެވަނަ ލެގުގެ މެޗު ކާމިޔާބުކޮށް ސެވިއްޔާ މުބާރާތުގެ ކުއާޓާފައިނަލަށް މިރޭ ދަތުރުކުރިއިރު މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ ދެ ޓީމުން ކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.

ޔުނައިޓެޑްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު މި ހާފުގައި ގޯލްޖަހާނެ މާ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމުން ކުރެ ޓީމަކަށް ތަނަވަސް ކުރެވިފައެއް ވެސް ނުވެއެވެ.

ސެވިއްޔާ އިން ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކިއިރު މެޗުގެ 74 ވަނަ މިނެޓްގައި ބެން ޔެޑާ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. ބެން ޔެޑާ މި ގޯލު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ އެންމެ ދެ މިނެޓުގެ ތެރޭގައެވެ.

ފުރަތަމަ ގޯލު ކާމިޔާބުކުރިތާ ހަތަރު މިނެޓްފަހުން ސެވިއްޔާގެ ދެވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ބެން ޔެޑާއެވެ. މި ދެ ގޯލާއެކު މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ބެން ޔެޑާ ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 8 އަށް އަރާފައެވެ.

ސެވިއްޔާގެ މި ދެ ގޯލަށްފަހު ޔުނައިޓެޑުން ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ކުޅުނުއިރު މެޗުގެ 84 ވަނަ މިނެޓްގައި ރޮމެލޫ ލުކާކޫ ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ އިރުކޮޅެއްފަހުން ރަޝްފޯޑް ވެސް ވަނީ ސެވިއްޔާގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ.

މެޗުގެ ފަހުވަގުތުކޮޅުތެރޭ ސެވިއްޔާ އަށް ތިންވަނަ ގޯލެއް ކާމިޔާބުކުރަން ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ނަމަވެސް ބެން ޔެޑާ މުޅިން ހުހަށް ހުރެ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާ ވަނީ ދިފާއުކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ނުގޮސް މުބާރާތުން ޔުނައިޓެޑް ކެޓިއިރު، ފާއިތުވި އަށް އަހަރު ތެރޭގައި އެޓީމަށް މުބާރާތުގެ ކުއާޓާ އަށް ދަތުރުކުރެވުނީ އެންމެ ފަހަރަކުއެވެ. އަނެއްކޮޅުން މިއީ މި މުބާރާތުގެ ކުއާޓާ އަށް ސެވިއްޔާ ދަތުރުކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ސެވިއްޔާގެ އިތުރުން ޝަހްތަރު ޑޮނެޓްކްސްކް 1-0 އިން ބަލިކޮށް މުބާރާތުގެ ކުއާޓާ އަށް އިޓަލީގެ ރޯމާ ވެސް ވަނީ ދަތުރުކޮށްފައެވެ.