ޗެމްޕިއަންސް ލީގުގެ ރޭ ކުޅުނު މެޗު ކާމިޔާބުކޮށް ގްރޫޕް ބީ ގެ އެއްވަނަ ބާސެލޯނާ އިން ކަށަވަރުކުރިއިރު، މުބާރާތުގެ ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު ޓޮޓެންހަމް އިން އާކޮށްފިއެވެ.

ރޭގެ މޮޅާއެކު ގްރޫޕް ބީ ގެ އެއްވަނަ ބާސާ އިން ކަށަވަރުކުރީ، ބާކީ އެއް މެޗު އޮއްވައި 13 ޕޮއިންޓާ އެކުއެވެ. ގްރޫޕްގެ ދެވަނައިގައި އޮތް ޓޮޓެންހަމް އަދި ތިންވަނައިގައި އޮތް އިންޓަ މިލާނަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ޓޮޓެންހަމް އަށް ދެވަނަ ލިބެނީ ގޯލުގެ ތަފާތުންނެވެ. އަދި ގްރޫޕްގެ ފުލުގައި އޮތް ޕީއެސްވީ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ބާސާ ރޭ މޮޅުވީ ޕީއެސްވީ އާއި ބައްދަލުކޮށް އުނދަގޫތަކަކަށްފަހު 1-2 އިންނެވެ.

ޕީއެސްވީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ދެ ޓީމުން ވެސް ވަނީ ގޯލްޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

ބާސާ އާއި ޕީއެސްވީ ބައްދަލުކުރި މެޗުގެ ތެރެއިން

އެގޮތުން މި ހާފުގައި ޕީއެސްވީން ފޮނުވާލި ދެ ހަމަލާއެއް ބާސާގެ ގޯލުގެ ދަނޑި އަށް އަމާޒުވެފައިވާއިރު، މި ހާފުގައި ގޯލެއް ކާމިޔާބުކުރަން ބާސާ އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ މިޑްފީލްޑަރު ވިޑާލް އަށެވެ. ނަމަވެސް އޭނާ ފޮނުވާލި ދެ ހަމަލާ ވެސް ޕީއެސްވީގެ ޑިފެންޑަރުން ވަނީ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މެޗުގެ 61 ވަނަ މިނެޓްގައި ލިއޮނަލް މެސީ ވަނީ ބާސާ އަށް ލީޑު ނަގާދީފައެވެ. އަދި މެޗުގެ 70 ވަނަ މިނެޓްގައި ޖެރާޑް ޕީކޭ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ޕީއެސްވީގެ ހަމައެކަނި ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޑި ޔޮންގްއެވެ.

ދެވަނަ ބުރުގެ އުއްމީދު ޓޮޓެންހަމް އިން އާކުރީ ރޭ އިންޓަ މިލާންގެ މައްޗަށް 1-0 އިން ކުރި ހޯދައިގެންނެވެ.

ޓޮޓެންހަމްގެ ހޯމް މެޗުތައް މި ސީޒަނުގައި ކުޅެމުން އަންނަ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވާއިރު ދެވަނަ ހާފްގައި ޓޮޓެންހަމް އިން ދިޔައީ ގޯލެއް ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ހެރީ ވިންކްސް ދުރުން ފޮނުވާލި ބާރު ހަމަލާއެއް އިންޓަގެ ގޯލުގެ ދަނޑި އަށް ވެސް އަމާޒުވިއެވެ.

ގޯލަށްފަހު އެރިކްސަން އުފާފާޅުކުރަނީ

މި މެޗުން ޓޮޓެންހަމް މޮޅުވި ގޯލު މެޗުގެ 80 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަންއެވެ. އެރިކްސަން މި މެޗުގައި ކުޅެން އަރާފައިވަނީ ދެވަނަ ހާފްގައެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް އިންޓަ އަށް ވެސް ދެވަނަ ބުރަށް ދިޔުމުގެ އުއްމީދު އަދި ނުގެއްލެއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުން ނިކުންނަ ނަތީޖާތަކުން މި ދެ ޓީމުން ކުރެ ޓީމެއް ދެވަނަ ބުރަށް ދަތުރުކުރާނެއެވެ. މި ގްރޫޕުން ދެވަނަ ބުރުގެ ޖާގައެއް މިހާރު ވެސް ބާސާ އިން ވަނީ ކަށަވަރުކޮށްފައެވެ.

ގްރޫޕްގެ ފަހު މެޗުގައި ޓޮޓެންހަމް ނިކުންނާނީ ބާސާ އާއި ދެކޮޅަށެވެ. އިންޓަ ނިކުންނާނީ ޕީއެސްވީއާ ދެކޮޅަށެވެ.