ޕްރިމިއާ ލީގުން ރެލިގޭޓްވެފައިވާ ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ޓޮޓެންހަމް އަށް ބަދަލުވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓޮޓެންހަމުން މެޑިސަން ގެނައީ 45 މިލިއަން ޕައުންޑް، ލެސްޓާ އަށް ދީފައެވެ. މިއީ ޓޮޓެންހަމް އިން މިފަހަރުގެ ހޫނު މޫސުމުގައި ގެނައި ތިން ވަނަ ކުޅުންތެރިޔާއެވެ.

ލެސްޓާ ސިޓީ ރެލިގޭޓްވުމުގެ ސަބަބުން އެ ޓީމުގައި ތިބި މުހިންމު ކުޅުންތެރިން ލެސްޓާ ސިޓީ ދޫކޮށްލާނެ ކަމަށް މީގެކުރިން ވެސް އޮތީ ބެލެވިފައެވެ. މިފަހަރުގެ ޓްރާންސްފާގައި ޓޮޓެންހަމުން އެންމެ އިސްކަމެއް ދީގެން ގެންނަން މަސައްކަތް ކުރި ކުޅުންތެރިއަކީ ވެސް މެޑިސަންއެވެ.

މުސާރައިގެ ގޮތުގައި ހަފްތާއަކު 170،000 ޕައުންޑް ދޭން ޓޮޓެންހަމް އިން ހުށަހެޅުމުން މެޑިސަން ވަނީ އެކަމަށް އެއްބަސްވެފައެވެ. މެޑިސަން ޓޮޓެންހަމަށް ސޮއިކުރީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އުމުރުން 26 އަހަރުގެ މެޑިސަން ވަނީ މިދިޔަ ސީޒަންގައި ލެސްޓާ ސިޓީ އަށް 32 މެޗު ކުޅެދީ، 19 ގޯލް ޖަހައި ދިނުމަށް އެހީތެރިވެދީފައެވެ. މެޑިސަން ކުރިއަށް އޮތް ސީޒަންގައި ފެންނާނީ އިންގްލެންޑްގެ ކެޕްޓަން އަދި ޓޮޓެންހަމްގެ އެންމެ މޮޅު ކުޅުންތެރިޔާ ހެރީ ކޭން އާ އެކުގައި ޓޮޓެންހަމްގެ އެޓޭކްގައެވެ.

"އަހަރެން މިހާރު މިހުރީ ކުރިއަށް ދާން ކެތް މަދުވެފައި،" ޓޮޓެންހަމް އަށް ބަދަލުވުމަށް ފަހު މެޑިސަން ބުންޏެވެ.

މެޑިސަން ހޯދުމަށް ނިއުކާސަލް ޔުނައިޓެޑުން ވެސް ވަނީ މަސައްކަތްކޮށްފައެވެ. އެކަމަކު، އެ މަސައްކަތް ހުއްޓާލީ އޭސީ މިލާނަށް ކުޅުނު ސަންޑްރޯ ޓޮނާލީގެ ސޮއި ލިބުމުންނެވެ. ޓޮޓެންހަމުން މީގެކުރިން ވަނީ އެމްޕޮލީގެ ކީޕަރު ގުގުލެލްމޯ ވިކާރިއޯ އާއި ޑެޖަން ކުލުސެވްސްކީގެ ކޮންޓްރެކްޓް ދާއިމީކޮށްފައެވެ.

މި މަހުގެ ކުރީކޮޅު ޓޮޓެންހަމް އިން ވަނީ މެޑިސަން އާ އެއް ޓީމަކަށް ކުޅޭ ޖޭމްސް ބާންސް ހޯދުމަށް 50 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅައިފައެވެ. އެކަމަކު، އެއީ ލެސްޓާ އިން ހިތްހަމަޖެހޭ ވަރުގެ އަދަދަކަށް ނުވިއެވެ.