އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓެންހަމުން ފަހަތުން އަރާ ނަތީޖާ ހަމަހަމަކޮށްފައި އޮއްވާ، އެންމެ ފަހު މިނެޓުގައި ޑިއާގޯ ޖޮޓާ ގޯލު ޖަހައި ލިވަޕޫލް މޮޅުކޮށްދީފިއެވެ.

ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 3-4ގެ ނަތީޖާއިންނެވެ. މިނަތީޖާއާއެކު، ލިވަޕޫލް އޮތީ ކުޅުނު 33 މެޗުން 56 ޕޮއިންޓް ހޯދައިގެން ތާވަލުގެ ފަސް ވަނައިގައެވެ. 34 މެޗު ކުޅެގެން 54 ޕޮއިންޓާއެކު ޓޮޓެންހަމް ހޮޓްސްޕާ އޮތީ ތާވަލުގެ ހަ ވަނައިގައެވެ.

މިރޭ ކުޅުނު މެޗު ފަށައިގެން ލިވަޕޫލުން އައީ ބޯޅަ ހިފެހެއްޓުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މި މެޗުގެ ތިން ވަނަ މިނެޓުގައި އަލެކްސެންޑްރާ އާނޯލްޑް ނަގައިދިން ހުރަހަކުން ކާޓިސް ޖޯންސް ލިވަޕޫލަށް ލީޑު ނަގައިދިނެވެ. އޭގެ ދެ މިނެޓުފަހުން ލިވަޕޫލުން ހެދި ކައުންޓާ އެޓޭކެއްގައި ކޮޑީ ގަކްޕޯ ދިން ޕާހަކުން ލުއިޒް ޑިއާޒް ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބު ކޮށްދިނެވެ. މެޗުގެ 14 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ކްރިސްޓިއަން ރޮމޭރޯ ލިވަޕޫލްގެ ކޮޑީ ގަކްޕޯއަށް ކުރި ފައުލާ ގުޅިގެން ޕެނަލްޓީއެއް ލިބުނެވެ. މުހައްމަދު ސަލާހު ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ތެރެއަށެވެ. މެޗުގެ ނަތީޖާ 0-3ގައި އޮއްވާ ޓޮޓެންހަމަށް އުންމީދެއް ހޯދައިދިނީ މެޗުގެ 40 ވަނަ މިނެޓުގައި އެޓީމުގެ އެންމެ އިތުބާރު ހިފޭ ފޯވާޑް ހެރީ ކޭންއެވެ.

ދެވަނަ ހާފަށް ޓޮޓެންހަމުން ނިކުތީ ޓީމު ވަރުގަދަކޮށްގެންނެވެ. މެޗުގެ 77 ވަނަ މިނެޓުގައި ހިއު މިންގް ސަން ޓޮޓެންހަމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ މެޗުގެ ނަތީޖާ ފަރަގު ކުޑަކޮށްދިނެވެ. މިއީ ކްރިސްޓިއަން ރޮމޭރޯގެ އެހީތެރިކަމާއެކު ސަން ޖެހި ގޯލެކެވެ. ދެވަނަ ހާފުގެ ކުޅުން ހަމަވެ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ބްރެޒިލްގެ ރިޗާލިސަން ބޮލުން ގޯލު ޖަހައި ޓޮޓެންހަމަށް އެއްވަރުކޮށްދިނެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން ލޫކަސް މޯރާ ހެދި ގޯހެއްގެ ފައިދާ ނަގާ ޑިއާގޯ ޖޮޓާ ގޯލު ޖަހައި މެޗުގެ ނަތީޖާ 3-4އަށް ބަދަލުކޮށްދިނެވެ.

ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ވަނީ ފުލަމް ބަލިކޮށް ތާވަލުގެ އެއްވަނަ ހޯދައިފައެވެ. އަދި ނިއުކާސަލުން ވަނީ 1-3ގެ ނަތީޖާއިން ސައުތެމްޓަން ބަލިކޮށްފައެވެ. ހަމައެެންމެ، މެންޗެސްޓާ ޔުނައިޓެޑުން ވަނީ 0-1ގެ ނަތީޖާއިން އެސްޓަން ވިލާ ބަލިކޮށްފައެވެ.