ލެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އިންގްލެންޑްގެ މިޑްފީލްޑަރު ޖޭމްސް މެޑިސަން ހޯދުމަށް ޓޮޓެންހަމް އިން ބިޑް ކުރަން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓޮޓެންހަމް އިން ހުށަހަޅަން ތައްޔާރު ވަނީ 40 މިލިއަން ޕައުންޑްގެ ބިޑެކެވެ. އެ ބިޑް މި ހަފްތާ ތެރޭގައި ހުށަހަޅާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެފައިވެއެވެ. ޓޮޓެންހަމް އިން މި ހޫނު މޫސުމުގައި އެންމެ ބޭނުންވާ އެއް ކުޅުންތެރިޔާއަކީ ވެސް މެޑިސަންއެވެ.

މިއީ މެޑިސަން ހޯދުމަށް ޓޮޓެންހަމް އިން ބިޑް ކުރި ދެވަނަ ފަހަރުވެސްމެއެވެ.

އެކަމަކު، ރިޕޯޓުތައް ބުނާ ގޮތުގައި ލެސްޓާ ސިޓީން މެޑިސަން ވިއްކާލާނީ 60 މިލިއަން ޕައުންޑްގެ އަގެއް ލިބުނީމައެވެ. ޓޮޓެންހަމް އިން އޮތީ އެ އަދަދު ދީގެން ވެސް މެޑިސަން ގެންނަން ތައްޔާރަށެވެ. މި ޑީލްގައި އެޑް އޮންސް އާއި އިންސްޓޯލްމަންޓް ފައިސާ މުހިންމު ރޯލެއް އަދާކުރާނެއެވެ.

އުމުރުން 26 އަހަރުގެ މިޑްފީލްޑަރު ހޯދުމަށް ނިއުކާސަލް ޔުނައިޓެޑުން ވެސް މަސައްކަތް ކުރާ ކަމަށްވެއެވެ. އެކަމަކު، އެ ޓީމުން މިހާތަނަށް އައިއިރު އެއްވެސް ބިޑެއް ހުށަހަޅާފައެއް ނުވެއެވެ.

މި މަހުގެ ކުރީކޮޅު ޓޮޓެންހަމް އިން ވަނީ މެޑިސަން އާ އެއް ޓީމަކަށް ކުޅޭ ޖޭމްސް ބާންސް ހޯދުމަށް 50 މިލިއަން ޕައުންޑްގެ އަގެއް ހުށަހަޅައިފައެވެ. އެކަމަކު، އެއީ ލެސްޓާ އިން ހިތްހަމަޖެހޭ ވަރުގެ އަދަދަކަށް ނުވިއެވެ. ޓޮޓެންހަމް އިން ވަނީ އެމްޕޮލީގެ ކީޕަރު ގުގުލެލްމޯ ވިކާރިއޯ 17 މިލިއަން ޕައުންޑަށް ގެނެސްފައެވެ.