ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ދެވަނަ ލެގުގައި މިރޭ ޗެލްސީ އާއި ދެކޮޅަށް ނިކުންނައިރު އެޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ ވިލިއަން އާއި މެދު ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ބާސާގެ ތަޖުރިބާކާރު މިޑްފީލްޑަރު ސާޖިއޯ ބުސްކެޓްސް ބުނެފިއެވެ.

މި ދެ ޓީމު ޗެލްސީގެ ދަނޑުގައި ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފުރަތަމަ ލެގުގެ މެޗުގައި ވިލިއަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ މެޗުގައި ޗެލްސީގެ ގޯލު ވެސް ކާމިޔާބުކޮށްދިނީ އޭނާއެވެ.

މި ދެ ޓީމު މިރޭ ބައްދަލުކުރާ މެޗުގެ ކުރިން ނޫސްވެރިންނާއި ވާހަކަދައްކަމުން ބުސްކެޓްސް ބުނީ ޗެލްސީގެ ކުރީގައި ހަރަކާތްތެރިވަނީ ތަފާތު ސްޓައިލްތަކުގެ ކުޅުންތެރިން ކަމަށާއި އޭގެ ތެރެއިން ވެސް ހާއްސަ ސަމާލުކަމެއް ވިލިއަން އަށް ދޭންޖެހޭނެ ކަމަށެވެ.

"ވިލިއަން އަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ. ވިލިއަންގެ އިތުރުން ވެސް ޗެލްސީގެ ކުރީގައި މޮރާޓާ އާއި ޕެޑްރޯ އަދި ހަޒާޑް މެންފަދަ ކުޅުންތެރިން އެބަ ހަރަކާތްތެރިވޭ. ޗެލްސީގަ އެބައޮތް ރަނގަޅު ޓީމެއް" ބުސްކެޓްސް ބުންޏެވެ.

ބުސްކެޓްސް އެކޭ އެއްގޮތަށް ވިލިއަން އަށް ހާއްސަ ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ބާސާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވެސް ވަނީ ބުނެފައެވެ.

"އަހަރުމެންނާ ދެކޮޅަށް ކުޅުނު ފުރަތަމަ ލެގުގަ ވެސް ވިލިއަން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި. އޭގެ ފަހުން ޗެލްސީން ކުޅުނު މެޗުތަކުގައި ވެސް ވިލިއަން ރަނގަޅު ކުޅުމެއް ދައްކާ ގޯލުތަކެއް ވެސް ވަނީ ކާމިޔާބުކޮށްފަ. ވިލިއަން މިވަގުތު އެހުރީ ވަރަށް ރަނގަޅު ފޯމެއްގައި" ވަލްވާޑޭ ބުންޏެވެ.

މި ސީޒަނުގެ ކުރީކޮޅު ވިލިއަންގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މިއަހަރު ފެށުނު ފަހުން އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން އޭނާ ވަނީ އެންމެފަހުން ޗެލްސީ އަށް ކުޅެދިން ފަސް މެޗުގައި ފަސް ގޯލު ކާމިޔާބުކޮށްފައެވެ.

ބާސާގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 12:45 ގައެވެ.