އިގިރޭސި ޕްރިމިއާ ލީގުގެ ފުލަމް އަށް ކުޅެމުންއައި ބްރެޒިލްގެ ތަޖުރިބާކާރު ވިންގަރ ވިލިއަން ޕްރިމިއާ ލީގުގެ ނޮޓިންގހަމް ފޮރެސްޓަށް ބަދަލުވާން އެއްބަސްވެފައިވާ ކަމަށް މިޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ބްރެޒިލްގެ ގައުމީ ޓީމާއި އެކު ކޮޕާ އެމެރިކާގެ ޗެންޕިއަންކަން ހޯދާފައި ވިލިއަން ވަނީ ގައުމީ ޓީމަށް 70 މެޗު ކުޅެ 9 ލަނޑު ކާމިޔާބުކޮށްދީފައެވެ.

ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މިދިޔަ ސީޒަންގައި ފުލަމްއަށް ކުޅުނު ވިލިއަން ނޮޓިންގހަމް ފޮރެސްޓާ ގުޅެނީ ފްރީ ޓްރާންސްފާއެއްގެ ދަށުންނެވެ. ފްލަމްގައި ހޭދަކުރި އަހަރެއްހާ ދުވަސް ތެރޭގައި ވިލިއަން ވަނީ އެކުލަބަށް 30 މެޗު ކުޅެ 5 ލަނޑު ކާމިޔާބުކޮށްދީފައެވެ.

3 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރާއި ހަމައަށް ޗެލްސީއަށް ކުޅުނު ވިލިއަމް ވަނީ އެކުލަބަށް ކުޅެދިން 339 މެޗުގައި 69 އެޓީމަށް ކާމިޔާބުކޮށްދީފައެވެ. މީގެ އިތުރުން އޭނާ ވަނީ ޗެލްސީއާއެކު ޕްރެމިއާ ލީގު ދެ ފަހަރު، ހޯދުމުގެ އިތުރުން އެފްއޭ ކަޕް،ީގު ކަޕް އަދި ޔުއެފާ ޔޫރޮޕާ ލީގު ވެސް ކާމިޔާބުކޮށްފައެވެ.

2020 ވަނަ އަހަރުގެ އޮގަސްޓު މަހު ޗެލްސީ ދޫކޮށް ވާދަވެރި އާސެނަލް އަށް ވިލިއަން ބަދަލުވީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޖެހިގެން އައި 2021 ވަނަ އަހަރު އޭނާ ވަނީ ބްރެޒިލްގެ ކޮރިންތިއަންސް އަށް ބަދަލުވެފައެވެ. އާސެނަލްގައި ހޭދަކުރި އަހަރެއްހާ ދުވަސް ތެރޭގައި އެކުލަބަށް ކުޅެދިން 37 މެޗުގައި އޭނާ އަށް ކާމިޔާބު ކުރެވިފައި ވަނީ އެންމެ ލަނޑެކެވެ.

ވިލިއަން އަކީ ނޮޓިންގހަމް ފޮރެސްޓުން އައު ސީޒަނަށް ގެނައި ފުރަތަމަ ކުޅުންތެރިޔާއެވެ. އައު ސީޒަންގައި ނޮޓިންގހަމް ފޮރެސްޓްގެ ފުރަތަމަ މެޗުގައި ނުކުންނާނީ އޮގަސްޓް 12 ވަނަ ދުވަހު އާސެނަލްއާ ދެކޮޅަށެވެ.