އިނގިރޭސި ޕްރިމިޔަރ ލީގުގައި ރޭ މެންޗެސްޓަރ ޔުނައިޓެޑާއި ނޮޓިންހަމް ފޮރެސްޓް ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކޮށްފިއެވެ.

މިރޭ ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗު މެންޗެސްޓަރ ޔުނައިޓެޑުން ކާމިޔާބުކުރީ 0-2ގެ ނަތީޖާއަކުންނެވެ.

ގިނަ މުހިންމު ކުޅުންތެރިން އަނިޔާގައި ތިބި ނަމަވެސް ޔުނައިޓެޑުން ވަނީ މެޗު ކޮންޓްރޯލްކޮށްގެން، ފޮރެސްޓްގެ ގޯލަށް ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.

ޔުނައިޓެޑުން ފުރަތަމަ ހާފުގައި ވަނީ ލީޑު ނަގާފައެވެ. ޔުނައިޓެޑުގެ ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންތޮނީއެވެ.

ފުރަތަމަ ގޯލާއި އެކުވެސް ފޮރެސްޓުގެ ގޯލަށް އަމާޒު ކުރި ހަމަލާތައް އިތުރުކޮށް ނުރައްކާކުރިއެވެ. އެހެން ނަމަވެސް ފުރަތަމަ ހާފުގައި ފޮރެސްޓަށް ގޯލަށް އަމާޒުކޮށް އެއްވެސް ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

ނޮޓިންހަމް އާއި ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން

ދެވަނަ ހާފުގައި ވެސް އެޓޭކިން ވަރުގަދަ ކުޅުމެއް ޔުނައިޓެޑުގެ ފަރާތުން ފެނިގެން ގޮސްފައިވާއިރު ފޮރެސްޓަށް އެއްވެސް ހަމަލާއެއް ގޯލަށް އަމާޒުކުރެވިފައެއް ނުވެއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ދެވަނަ ލަނޑު މެޗުގެ 76ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެލްޓްއެވެ.

މި ނަތީޖާއާއެކު ޔުނައިޓެޑުން ވަނީ ތާވަލުގެ ތިންވަނައަށް ޖެހިލާފައެވެ. އެހެން ނަމަވެސް ޕޮއިންޓްގެ ގޮތުން އަދިވެސް އޮތީ ނިއުކާސަލްއާއި އެއްވަރެއްގައެވެ.