ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމުގައި ހުރި، މުހައްމަދު އީސަ (މޯ) ޓީސީ ސްޕޯޓްސް ކްލަބާއެކު ލީގު ޗެމްޕިއަން ކަމުގެ އުފަލުގައި ބައިވެރިވެ އުފާފާޅު ކުރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަމާ ގުޅިގެން ގައުމީ ޓީމުގެ މެނޭޖަރަށް ނަސޭހަތް ދީފައިވާނެ ކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

ޓީސީން ފުރަތަަ ފަހަރަށް ލީގު އުފުލާލުމުގެ އުފަލުގައި، ޓީސީއާއެކު ގައުމީ ޓީމުގެ މެނޭޖަރު އީސަ، އުފާފާޅު ކުރުމުން މީޑިއާތަކުގައި އޭނާއަށް ބޮޑެތި ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުކޮށްފައިވެއެވެ.

އެގޮތުން ޓީސީއާއެކު ތަށި އުފުލާލުމުގައި ކްލަބުގެ މެމްބަރެއްގެ ހައިސިއްޔަތުން އީސަ ބައިވެރިވެ، ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ސްޓޭޖު މައްޗަށް އަރާފައިވާތީވެ، އެފްއޭއެމްއިން އީސައަށް ނަސޭހަތްތެރިވެ، އިތުރަށް އެފަދަ ކަމެއް ނުކުރުމަށް އަންގާފައިވާ ކަމަށް އެފްއޭއެމްއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އެފަދަ ކަންތައްތަކަކީ ކުރިއަށް އޮތް ތަނުގައި އެފްއޭއިން ބަލައިގަންނާނެ ކަންކަން ނޫން ކަމަށެވެ.

ގައުމީ ޓީމުގެ މެނޭޖަރުގެ މަގާމާ ހަވާލުވުމުގެ ކުރިން އީސައަކީ ޓީސީގެ މެނޭޖަރެވެ. އޭގެ އިތުރުން އީސައަކީ ޓީސީގެ އެއް ބާނީވެސް މެއެވެ.

ޓީސީން ފުރަތަމަ ފަހަރަށް ރާއްޖޭގެ ތަށި އުފުލާލި އިރު، އެ ކްލަބުގެ ގިނަ ބަޔަކު ވަނީ ތަށްޓާއެކު އުފާފާޅު ކޮށްފައެވެ، ޓީސީ މިއަދު އޮތް ހިސާބަށް ގެނައުމުގައި އީސަގެ ހިއްސާވެސް ބޮޑެވެ.

2013 ވަނަ އަހަރުގެ ތިންވަނަ ޑިވިޝަން ރަނަރަޕްގެ ގޮތުގައި ޓީސީ ދެވަނަ ޑިވިޝަނަށް ދިޔަ އިރު، 2014 ވަނަ އަހަރުގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ޓީސީން ހޯދިއެވެ.

ދެވަނަ ޑިވިޝަންގެ ރަނަރަޕް ކަމާއެކު ޓީސީން ފުރަތަމަ ޑިވިޝަންގެ ރެލިގޭޝަން ޕްލޭ އޯފްގައި ވާދަކޮށް ފުރަތަމަ ޑިވިޝަނަށް އައީ 2015 ވަނަ އަހަރުގައެވެ. އޭގެ ފަހުން ޓީސީން ކުރިއަރަމުން އައިސް، އެޓީމު ވަނީ ދެ އަހަރެއްގެ ތެރޭގައި ރާއްޖޭގެ ހުރިހާ ތަށްޓަކަށްވެސް ވާދަކުރާ ޓީމަކަށް ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު