ވޮލީބޯލް އެސޯސިއޭޝަން އިން 3 އުމުރު ފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މައިލޯ އިންޓަ ސްކޫލް ވޮލީމުބާރާތް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

14 އަހަރުން ދަށާއި، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށުގެ ދެ ޖިންސްގެ ކުދިންނަށް ހުޅުވާލައިގެން ކުރިޔަށް ގެންދިޔަ މި މުބާރާތުގައި އެހެން އަހަރުތަކާ ޙިލާފަށް ގިނަ ސްކޫލްތަކުން ރެކޯޑް އަދަދަކަށް ކުދިންވަނީ ބައިވެރިވެފައެވެ. 15 ސްކޫލަކުން 35 ޓީމް ބައިވެރިވި މިއަހަރުގެ މުބާރާތުގައި ޖުމްލަ 420 ކުދިންވަނީ ބައިވެރިވެފައެވެ.

19 އަހަރުން ދަށުގެ ފިރިހެން ދަރިވަރުންގެ ފައިނަލް މެޗާއެކު މި ރަސްމިއްޔާތު ނިންމާލުމުގެ ހަފްލާ ބާއްވާފައިވަނީ ރޭ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ ފައިނަލް މެޗްގައި ބައްދަލުކުރީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްއާއި ސީއެޗް އެސްއީއެވެ. މި މެޗް 3 ސެޓް 1 ސެޓުން ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދާފައިވަނީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ.

މި މުބާރާތުގައި 14 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން މުޙްޔިއްދީން ސްކޫލާ ވާދަކޮށް ބ. ގޮއިދޫ ސްކޫލް ޗެމްޕިއަންކަން ހޯދާފއިވާއިރު ތިންވަނަ ލިބިފައިވަނީ ތާޖުއްދީން ސްކޫލްގެ ޓީމަށެވެ. މި އުމުރުފުރާގެ ފިރިހެން ބައިން ޗެމްޕިއަންކަން ވެސް ހޯދާފައިވަނީ ބ. ގޮއިދޫ ސްކޫލް ޓީމެވެ. އެއީ ތާޖުއްދީން ސްކޫލާއި ދެކޮޅަށް ކުޅެ ކާމިޔާބު ހޯދައިގެންނެވެ. ތިން ވަނަ ލިބިފައިވަނީ މުޙްޔިއްދީން ސްކޫލަށެވެ.

ބ. ގޮއިދޫ ސްކޫލް 16 އަހަރުން ދަށުގެ އަންހެން ކުދިންގެ ބައިން ޗެންޕިއަންކަން ހާސިލްކޮށްފައިވާއިރު ދެވަނަ ހާސިލްކުރީ ވ. ކެޔޮދޫ ސްކޫލުންނެވެ. އަދި ތިންވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލުންނެވެ. މި އުމުރުފުރާގެ ފިރިހެން ކުދިންގެ ބައިން ޗެމްޕިއަންކަން ހާސިލްކޮށްފައިވަނީ ފ. އަތޮޅު މަދަރުސާއިންނެވެ. ދެވަނަ ޣާޒީ ސްކޫލް ހޯދާފައިވާއިރު ތިންވަނަ ހޯދާފައިވަނީ ވ. ކެޔޮދޫ ސްކޫލެވެ.

19 އަހަރުން ދަށުގެ އުމުރުފުރާގެ ފިރިހެން ބައިގެ ޗެމްޕިއަންކަން ވާދަވެރި ކުޅުމަކުން ސީއެޗްއެސްސީ ބަލިކޮށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދާފައިވާއިރު ތިން ވަނަ ހޯދާފައިވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލް އިންނެވެ. މި އުމުރު ފުރާގެ އަންހެއް ކުދިންގެ ބައިން އެއްވަނަ ހޯދާފައިވަނީ ވެސް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލެވެ. ދެވަނަ މެޕްސް އިންޓަނޭޝަނަލް ސްކޫލް ހާސިލްކޮށްފައިވާއިރު ތިންވަނަ ލިބިފައިވަނީ ސީއެޗްއެސްސީ އަށެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިސަތު ޝިހާމް ބައިވެރިވެ ވަޑައިގެންނެވި މި ހަފްލާގައި ޝަރަފުވެރި މަޤާމްތަކަށް ހަނދާނީލިޔުމާއި މެޑަލް އަދި ތަށިތަށް ހަވާލުކޮށްދެއްވީ އެކަމަނާއެވެ. މި ހަފްލާގައި ވޮލީ ބޯލް އެސޯސިއޭޝަންގެ އިސްވެރިންނާއި ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމްގައި ހިމެނޭ ކުޅުންތެރިންވެސް ވަނީ ބައިވެރިވެފައެވެ. އޭގެ އިތުރުން މިހަފްލާގައި ގިނަ އަދަދެއްގެ ސްކޫލްކުދިންނާއި އާއްމުން ވަނީ ބައިވެރިވެފައެވެ.

މި މުބާތާތުގައި އަތޮޅުތެރޭގެ ސްކޫލްތަކުން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. މިގޮތުން 19 އަހަރުން ދަށުގެ އުމުރުފުރާ ނޫން ހުރިހާ އުމުރުފުރާއަކުންވެސް އެންމެ ޝަރަފުވެރި ޗެންޕިއަންކަން ހާސިލްކޮއްފައިވަނީ އަތޮޅުތެރޭ ސްކޫލްތަށް ކަމަށްވާ ބ. ގޮއިދޫ ސްކޫލާއި ފ. އަތޮޅު މަދަރުސާއެވެ. މިގޮތުން ބ. ގޮއިދޫ ސްކޫލް އިންވަނީ އެކި އުމުރުފުރާތަކުން 3 ތައްޓެއް ހާސިލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފާފު

    ހީކުރަނީ އަތޮޅު ތެރޭގެ ސްކޫލްތައް މިއީ އެއްވެސް ބައެއް ނޫނޭ. އެކަމު އަތޮޅު ސްކޫލުތަކށް ފުރުސަތުތައް ލިބުމުގައްޔާއު ބައިވެރިވުމުގައި ބޮޑެތި ގޮންޖެހުންތައް ހުންނާތީ މިކަންކަން އުނދަގޫ ވަނީ.