އިޓަލީގެ ޓުރިންއަށް ނިސްބަތްވާ ޔުވެންޓަސްއާއި ޓޮރީނޯ ވާދަކުރި މެޗު، 1-0ގެ ނަތީޖާއާކުން ޔުވެންޓަސް ކާމިޔާބުކޮށްފިއެވެ.

ޓޮރީނޯގެ ދަނޑުގައި ރޭ ކުޅުނު މެޗުންވެސް މޮޅުވި ޔުވެންޓަސް، މި ސީޒަނުގައި އަދި ބަލިވެފައެއް ނުވެއެވެ.

ރޭގެ މެޗުން ޔުވެންޓަސް މޮޅުވި ނަމަވެސް، އެޓީމު ފެނުނީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ. ހާއްސަކޮށް މެޗުގ ފުރަތަމަ ހާފްގައި އެޓީމަށް ގިނަ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މެޗުގެ 70 ވަނަ މިނެޓުގައި ރޮނާލްޑޯގެ ޕެނަލްޓީއާއެކު ޔުވެންޓަސްއިން ލީޑު ނެގި އިރު، އެ ގޯލަކީ ޔުވެންޓަސްގެ ޖާޒީގައި ރޮނާލްޑޯ ޖެހި 11 ވަނަ ލީގު ގޯލެވެ.

ރޮނާލްޑޯ ޖެހި ޕެނަލްޓީއަކީ ޓޮރީނޯގެ ބަދަލު ގޯލްކީޕަރެއްގެ ގޮތުގައި ރޭގެ މެޗަށް ނުކުތް، އަރުމާންޑޯ އިޒޯ، މަންޒޫކިޗަށް ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ. މެޗުގެ ފަހުކޮޅުގައި މަންޒޫކިޗްވެސް ވަނީ ބޯޅަ ގޯލަށް ވައްދާލާފައެވެ. އެހެން ނަމަވެސް ވީއޭއާރް ނިންމީ، ބޯޅަ ގޯލަށް ވައްދާލި އިރު، މަންޒޫކިޗު ހުރީ އޮފްސައިޑް މަގާމެއްގައި ކަމަށެވެ.

ރޭގެ މެޗުން މޮޅުވެ ޔުވެންޓަސް ވަނީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. ދެވަނައިގައި އޮތީ ނަޕޯލީއެވެ.