އިނގިރޭސި ކްލަބު، މެންޗެސްޓާ ޔުނައިޓެޑްގެ ލެޖެންޑް، ޕީޓާ ޝޫމައިކަލް އަދި ރެއާލް މެޑްރިޑްގެ ލެޖެންޑް މައިކަލް ސަލްގާޑޯއާއެކު، އިމްރާން މުހައްމަދު (އިންމަ)ގެ ރިޓަޔާމަންޓް މެޗު ކުޅެ އެފްއޭއެމްއިން ނިންމައިފިއެވެ.

ޑިސެންބަރު މަހު 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ފުޓުބޯޅަ އެވޯޑު ހަފްލާއާ ދިމާކޮށް، ގޯލްކީޕަރު ޝޫމައިކަލް އަދި ޑިފެންޑަރު ސެލްގާޑޯ ރާއްޖެ އަންނަ ހަމަޖެހިފައިވާ އިރު، އިމްރާންގެ ރިޓަޔާމަންޓް މެޗުގައި އެ ދެކުޅުންތެރިންވެސް ކުޅޭނެއެވެ.

އިމްރާންގެ ރިޓަޔާމަންޓް މެޗު އޮންނާނީ ޑިސެންބަރު 29 ވަނަ ދުވަހުއެވެ.

އެފްއޭއެމްގައި ކުރިއަށްދާ ޕްރެސްގައި އެފްއޭއެމްއިން ހާމަކޮށްފައި ވަނީ އިމްރާންގެ ރިޓަޔާމަންޓް މެޗުގައި ކުޅޭނީ އިމްރާންގެ 11އަކާއި އެފްއޭއެމްގެ 11އެއް ކަމަށެވެ. ސޮލްގާޑޯއާއި ޝޫމައިކަލް ކުޅޭނީ އެފްއޭއެމްގެ 11އަށް ކަމަށެވެ.

އެ މެޗާ ގުޅިގެން އިމްރާން ބުނީ، ރިޓަޔާމަންޓް މެޗެއް ކުޅެ، އެފްއޭއެމްއިން އޭނާގެ ރިޓަޔާމަންޓް ކުލަގަދަކޮށް ފާހަގަ ކުރުމުން ވަރަށް އުފާކުރާ ކަމަށެވެ.

" ވަރަށް އުފާވެއްޖެ ރިޓަޔާމަންޓް އެފްއޭއެމްއިން މިގޮތަށް ފާހަގަކޮށްދޭތީ. ހާއްސަކޮށް އެފްއޭއެމް އެވޯޑާ ގުޅިގެންވެސް ބާއްވާތީ. އަޅުގަނޑު ގައުމަށް ކޮށްދިން ހިދުމަތުގެ އަގު ވަޒަން ކޮށްދޭތީ އެފްއޭއެމްއަށް ޝުކުރު އަދާކުރަން. އަޅުގަނޑުގެ ޓީމުގައި ހިމެނޭނީ އަޅުގަނޑާއެކު ކެރިއަރު ފެށި ކުޅުންތެރިނާ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ކުޅުންތެރިން،" އިންމަ ބުންޏެވެ.

އެފްއޭއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ) ވިދާޅުވީ، މި ރާއްޖެ ދުތް އެންމެ މޮޅު ގޯލްކީޕަރު އިންމަގެ ރިޓަޔާމަންޓްގައި ވީހާވެސް ގިނަ ސަޕޯޓަރުން ބައިވެރިވުމަކީ އެފްއޭއެމްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެފްއޭއެމްގެ ފުޓުބޯޅަ އެވޯޑު، މޯލްޑިވްސް ފުޓްބޯލް އެވޯޑްސް މިފަހަރު ކްލަބު ފަރުގައި ބޭއްވުމަށް ހަމަޖައްސާފައިވާ އިރު، އެވޯޑު ނައިޓްގެ ޗީފް ގެސްޓުންނަކީ ޝޫމައިކަލް އަދި ސަލްގާޑޯއެވެ.

ޝޫމައިކަލްއަކީ ޑެންމާކް ގައުމީ ޓީމަށް 100 އަށްވުރެ ގިނަ މެޗު ކުޅެ، މެންޗެސްޓާ ޔުނައިޓެޑަށް 292 މެޗު ކުޅެދީފައިވާ ގޯލްކީޕަރެކެވެ. އޭނާގެ ކެރިއަރުގައި ޔުނައިޓެޑާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ އިރު، ސަލްގާޑޯ ވަނީ ސްޕެއިން ގައުމީ ޓީމަށް 50އަށްވުރެ ގިނަ މެޗު ކުޅެދީފައެވެ. އޭގެ އިތުރުން ރެއާލްއާއެކު އޭނާ ގިނަ ކާމިޔާބީތަކެއް ހޯދި އިރު، އެ ކްލަބަށް އޭނާ ވަނީ 254 މެޗު ކުޅެދީފައެވެ.